ޑިފެންސް މިނިސްޓްރީ

ހައިޑްރޮގްރެފިކް ސާވޭއަށް އިންޑިއާގެ މަނަވަރެއް ރާއްޖޭގައި

އިންޑިއާ އަސްކަރިއްޔާ އާއި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ހައިޑްރޮގްރެފިކް ސާވޭއަށް އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ އެވެ.

ހައިޑްރޮގްރެފިކް ސާވޭއަށް ރާއްޖެ އައީ އިންޑިއާ ނޭވީގެ މަނަވަރު "އައިއެންއެސް އިންވެސްޓިގޭޓާ"އެވެ. ސާވޭ ކުރިއަށް ގެންދަނީ ހއ. ހދ. އަދި ށ. އަތޮޅުގަ އެވެ. މިއީ ދެ ގައުމު ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ ތިންވަނަ ހައިޑްރޮގްރެފިކް ސާވޭ އެވެ.

"އައިއެންއެސް އިންވެސްޓިގޭޓާ"ގެ ކޮމާންޑިން އޮފިސަރު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ބައްދަލުކުރައްވާ ހައިޑްރޮގްރެފިކް ސާވޭއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ހައިޑްރޮގްރެފިކް ސާވޭ ކުރުމަށް "މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" އިން ވަނީ އުތުރު ރަށްތަކުގެ ކައުންސިލްތަކަށް ސިޓީއެއް ފޮނުވާފަ އެވެ. ސިޓީގައި ބުނެފައިވަނީ ހެލިކޮޕްޓަރު ބޭނުންކޮށްގެންވެސް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ގިރިފަަރުތަކުގެ މައުލޫމާތު އެއްކޮށް، ރަށްތަކުގެ ކޯސްޓްލައިން ކުރެހައި، ކަނޑުގެ ދިޔަވަރު ދެނެގަތުމަށް ބެންޗާ މާކް، ޓައިޑްޕޯލް ހަރުކުރުމުގެ މަސައްކަތް ވެސް މި ސާވޭގެ ދަށުން ކުރާނެ އެވެ.

ރާއްޖޭގައި ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ދަރްޝަކް އިން 2021 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާޗްގަ އެވެ. ދެވަނަ ޖޮއިންޓް ސާވޭގެ ނިންމާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

ދެވަނަ ޖޮއިންޓް ސާވޭގެ ތެރޭގައި 6500 ނެނޮމީޓަރުގެ ސައުންޑިން ވަނީ ހަދާފަ އެވެ. އޭގެތެރޭގައި އުތުރުގައި 4750 ނެނޮމީޓަރުގެ ސައުންޑިން އަދި މާލެ ސަރަހައްދުގައި 1730 ނެނޮމީޓަރުގެ ސައުންޑިން ވަނީ ހަދައިފަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އިން ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ މި ސާވޭގެ ސަބަބުން ސަރަހައްދުތަކުގެ ނެވިކަމުގެ ޗާޓް ނުވަތަ އިލެކްޓޮރޯނިކް ނެވިގޭޝަނަލް ޗާޓްތައް އަޕްޑޭޓްވެގެން ދާނެ ކަމަށެވެ. އޭގެ ސަބަބުން ކަނޑުދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަވުމުގެ އިތުރުން ރާއްޖޭގެ ނޫ އިގްތިސާދު ވެސް ކުރިއަރައިގެންދާނެ ކަމަށެވެ.

އިންޑިއާ އާއި ގުޅިގެން ރާއްޖޭގައި ހައިޑްރޮގްރެފިކް ސާވޭއެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއް ހަދައި އެ އެއްބަަސްވުން ސިއްރުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެއީ އިންޑިއާ އަށް ރާއްޖޭގެ ކަނޑުތައް ވިއްކާލުމަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް މިތުހުމަތު ސަރުކާރުން ދޮގުކުރެ އެވެ.