ޑިފެންސް މިނިސްޓްރީ

އުތުރުގައި ހައިޑްރޮގްރެފިކް ސާވޭއެއް ފަށަނީ

އިންޑިއާ އަސްކަރިއްޔާ އަދި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގެ މަސައްކަތް އުތުރުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ހައިޑްރޮގްރެފިކް ސާވޭ ކުރިއަށް ގެންދަން ނިންމާފައިވަނީ މި މަހުގެ 19 އިން އަންނަ މަހުގެ 28ގެ ނިޔަލަށް ހއ. ހދ. އަދި ށ. އަތޮޅުގަ އެވެ.

"މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" އިން އުތުރު ރަށްތަކުގެ ކައުންސިލްތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މި ސާވޭގައި ކުދި އުޅަނދު ފަހަރުތަކުގެ އިތުރުން ހެލިކޮޕްޓަރު ބޭނުންކޮށްގެން ވެސް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މިގޮތުން މި ސާވޭ ކުރަން އިންޑިއާ ނޭވީގެ މަނަވަރު "އައިއެންއެސް އިންވެސްޓިގޭޓާ" އުތުރުގެ ރަށްތަކުގައި ހަރަކާތްތެރިވާނެ އެވެ.

ރާއްޖޭގެ ކަނޑުގެ ގިރިފަަރުތަކުގެ މައުލޫމާތު އެއްކޮށް، ރަށްތަކުގެ ކޯސްޓްލައިން ކުރެހައި، ކަނޑުގެ ދިޔަވަރު ދެނެގަތުމަށް ބެންޗާ މާކް، ޓައިޑްޕޯލް ހަރުކުރުމުގެ މަސައްކަތް ވެސް މި ސާވޭގެ ދަށުން ކުރާނެ އެވެ.

ރާއްޖޭގައި ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ދަރްޝަކް އިން 2021 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާޗްގަ އެވެ. ދެވަނަ ޖޮއިންޓް ސާވޭގެ ނިންމާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

ދެވަނަ ޖޮއިންޓް ސާވޭގެ ތެރޭގައި 6500 ނެނޮމީޓަރުގެ ސައުންޑިން ވަނީ ހަދާފަ އެވެ. އޭގެތެރޭގައި އުތުރުގައި 4750 ނެނޮމީޓަރުގެ ސައުންޑިން އަދި މާލެ ސަރަހައްދުގައި 1730 ނެނޮމީޓަރުގެ ސައުންޑިން ވަނީ ހަދައިފަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އިން ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ މި ސާވޭގެ ސަބަބުން ސަރަހައްދުތަކުގެ ނެވިކަމުގެ ޗާޓް ނުވަތަ އިލެކްޓޮރޯނިކް ނެވިގޭޝަނަލް ޗާޓްތައް އަޕްޑޭޓްވެގެން ދާނެ ކަމަށެވެ. އޭގެ ސަބަބުން ކަނޑުދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަވުމުގެ އިތުރުން ރާއްޖޭގެ ނޫ އިގްތިސާދު ވެސް ކުރިއަރައިގެންދާނެ ކަމަށެވެ.

އިންޑިއާ އާއި ގުޅިގެން ރާއްޖޭގައި ހައިޑްރޮގްރެފިކް ސާވޭއެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއް ހަދައި އެ އެއްބަަސްވުން ސިއްރުކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އެއީ އިންޑިއާ އަށް ރާއްޖޭގެ ކަނޑުތައް ވިއްކާލުމަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ. ނަމަވެސް މިތުހުމަތު ސަރުކާރުން ދޮގުކުރެ އެވެ.