ދުނިޔެ

"ޕޫޓިން ތުރުކީއަށް ވަޑައިގަތުން އެދެން"

ތުރުކީގެ ރައީސް ރަޖަބް ތައްޔިތު އުރުދުޣާން ރަޝިއާގެ ރައީސް ލަޑިމިއަރު ޕޫޓިންއަށް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ.

ރަޝިއާ އާއި ޔުކްރޭނާ ދެމެދު އަރާރުން ބޮޑުވެ މިހާރު އޮތް ހިސާބުން ސުލްހަވުމަށް ކޮންމެވެސް އެހެން ބައެއްގެ އެހީތެރިކަމަށް ބޭނުންވާނެ ކަމަށް ވިދާޅުވެ އުރުދުޣާން ވިދާޅުވީ އެކަން ކުރަން އެންމެ ފަސޭހަވާނީ ތުރުކީއަށް ކަމަށެވެ.

އުރުދުޣާންއާ ޕޫޓިން އަކީ އާދައިގެ މަތިން ކޮންމެ މައުލޫއަކަށް މަޝްވަރާ ކުރައްވާ ދެބޭފުޅުންނެވެ.

ޕޫޓިންގެ އަރިހުގައި އުރުދުޣާން ވިދާޅުވި ކަމަށް ޚަބަރުތައް ބުނަނީ މަޝްރަހު މިހާރު އޮތް ގޮތުން މަޝްވަރާތަކުގެ ތަފުސީލަށް ވަޑައިގަންނަވަން ޖެހޭ ކަމަށާއި ޕޫޓިންއަށް ވެވަޑައިގެންނެވިހާ އަވަހަކަށް ތުރުކީއަށް ވަޑައިގަތުމަކީ ވަރަށް އެދެވޭ ކަމެއް ކަމަށެވެ.

އުރުދުޣާން މިދިއަ އަހަރު ސެޕްޓެމްބަރުގައި ރަޝިއާއަށް ވަޑައިގަތުމުން ސޮޗީގައި ދެލީޑަރުން ބައްދަލު ކުރައްވައި ވަނީ ދޭދޭ މައުލޫތަކަށް މަޝްވަރާ ކުރައްވާފަ އެވެ. އަދި ތުރުކީއަށް ވަޑައިގަންނަވާނެ ކަމަށް ޕޫޓިން ވަނީ ވިދާޅުވެފަ އެވެ.

ޕޫޓިންއަށް ފޯނު ކުރައްވައި އުރުދުޣާން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ޔުކްރޭންގެ ދޮންބާސްއަށް ސުލްހަ ބަލަހައްޓާ ފައުޖުތައް ފޮނުވަން ޕޫޓިން ނިންމެވި ނިންމެވުމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ ޔުކްރޭނަކީ ވެސް މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި މިނިވަންކަން ގެއްލޭ ފަދަ ހަރަކާތްތަކެއް ރަޝިއާ އިސްވެ ހިންގި ނަމަވެސް ރުހިވަޑައި ނުގަންނަވާ ކަމަށެވެ.

އުރުދުޣާން ވިދާޅުވީ ދެގައުމަށް އަދިވެސް ބޭނުންވަނީ މަޝްވަރާ ކަމަށާއި ޕޫޓިން އާއި ޒީލިއަންސްކީ އެކަމަށް ރުހިވަޑައިގަންނަވަންވީ ކަމަށެވެ.

ޕޫޓިންގެ އަރިހުގައި އުރުދުޣާން ގިނަ ވާހަކަތަކެއް ދެއްކެވި އެވެ. އުރުދުޣާން ވިދާޅުވި ގޮތުން މަޝްހަރު މިހާރު އޮތް ގޮތުން އެއްވެސް ގައުމަކަށް ފައިދާއެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި ގުޅުން ކަނޑައިގެން ދިއުމާއި ލޭއޮހޮރުވުން ވާނީ އިތުރެވެ.

ޕޫޓިން އާއި އުރުދުޣާންގެ ފޯން ކޯލަށް ފަހު ކްރެމްލިންއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދޮންބާސް ސަރަހައްދާ ބެހޭ ގޮތުން ތުރުކީއާ އެކު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ރަޝިއާގެ ކަންބޮޑުވުންތައް އުރުދުޣާންއަށް އޮޅުންފިލުވައި ދެއްވި ކަމަށެވެ.