ލައިފްސްޓައިލް

އާދައިގެ ރޯގާއަކުން 20 އަހަރުގެ ހަނދާން ގެއްލިއްޖެ

އާދައިގެ އަރިދަފުސް ރޯގާއެއް ގޮތަށް ފެށުނު ފުރާނައަށް ނުރައްކާ ބައްޔެއްގެ ސަބަބުން އިނގިރޭސި ވިލާތުގެ އަންހެނެއްގެ ފާއިތުވީ 20 އަހަރު ދުވަހުގެ ހަނދާން ގެއްލިއްޖެ އެވެ.

ކްލެއާ މަފެޓް-ރީސް ބުނި ގޮތުގައި 2021ގެ އެއް ރެއެއްގައި އޭނާގެ ދަރިފުޅުގެ ގައިން އޭނާގެ ގަޔަށް ރޯގާ އެރި އެވެ. އެ ރޭ ނިދާގައި އޭނާ ހެނދުނު ހޭލިއިރު ފާއިތުވީ 20 އަހަރުވީ އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަމަށް ވެސް ކްލެއާ ބުންޏެވެ. އޭނާގެ ބަލި ހާލަތު ގޯސްވެގެން ދިޔަ ދިޔައިނުން އޭގެ ފަހުން ފާއިތުވީ 16 ދުވަސް ތެރޭ އޭނާ އެތައް ފަހަރަކު ކޯމާއަށް ދިޔަ އެވެ.

ކްލެއާ އޭނާގެ މި ތަޖުރިބާ ހިއްސާ ކުރީ އިނގިރޭސި ވިލާތުގެ ޓީވީ ޗެނަލަކުން ދައްކާ "ސްޓެފްސް ޕެކްޑް ލަންޗް"ގައި ބައިވެރިވެ ވާހަކަ ދައްކަމުންނެވެ. މިއީ "ވާލްޑް އެންސެފެލައިޓިސް ޑޭ" ފާހަގަކުރުމަށް ދެއްކި ޝޯ އެކެވެ. ކްލެއާ އާއެކު މި ޝޯގައި އޭނާގެ ފިރިމީހާ ސްކޮޓް ވެސް ބައިވެރިވި އެވެ.

އަންހެނުން ކުރި މި ބިރުވެރި ތަޖުރިބާ އެންމެ ކައިރިން ފެނިފައިވަނީ ސްކޮޓް އަށެވެ. އޭނާ ބުނި ގޮތުގައި ކްލެއާ އަށް ފުރަތަމަ ރޯގާ ޖެހުނީ ދަރިފުޅުގެ ފަރާތުންނެވެ. ދެ ހަފުތާއެއްހާ ދުވަހު ރޯގާގެ އުނދަގޫ ކްލެއާގެ ކިބައިން ފެނުނެވެ. އޭގެ ފަހުން ކްލެއާގެ ހާލު ދެރަ ވާން ފެށީ ހަމަ ވަރަށް އަވަހަށް ކަމަށާއި އެއް ރޭ ނިދާފައި ހޭލިއިރު 20 އަހަރުގެ ހަނދާން ނެތް ކަމަށް ސްކޮޓް ބުންޏެވެ.

"އަހަރެމެން އަވަހަށް އޭނާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައިން. އެހާތަނުން ފިޓް ޖެހެން ފަށައިފި. ދެން ވެންޓިލޭޓަރުގައި ވެސް ހަފުތާއެއް ވަންދެން ބޭއްވުމަށްފަހު ރޯޔަލް ލަންޑަން ހޮސްޕިޓަލަށް ބަދަލުކުރީ. ކްލެއާގެ ބަލި ދެނެގަނެވުނީ އެ ހޮސްޕިޓަލުން ކުރި ޓެސްޓްތަކުން،" ސްކޮޓް ކިޔައިދިނެވެ.

އެންމެ ކުރިން ހެދި ޓެސްޓްތަކުގެ ނަތީޖާއަށް ބަލާފައި ޑޮކްޓަރުން ހީކުރީ ކްލެއާގެ ސިކުނޑިން ލޭ އަންނަނީ ކަމަށެވެ. ނަމަވެސް އިތުރު ޓެސްޓްތައް ހެދުމުން އޭނާއަށް ޖެހިފައިވަނީ އެންސެފެލައިޓިސް ކަން އެނގުނެވެ. އޭގެ ފަހުން ފާއިތުވީ ދުވަސްތަކުގައި ކްލެއާގެ ހާލަތު ވަރަށް ގޯސްވެ އޭނާއަށް ވާނުވާ ނޭނގި އެތައް ދުވަހެއް ދިޔައެވެ.

އުމުރުން 43 އަހަރުގެ ކްލެއާ އަށް އޭނާގެ ފިރިމީހާ އާއި އަމިއްލަ ދަރިން ވެސް ވަކިކުރަން އޭރަކު ނޭނގުނެވެ. ކައިވެނިކުރިކަމާއި ބަލިވެ އިނދެ ދަރިން ވިހޭކަން އަދި ޗުއްޓީގައި ދިޔަ ތަންތަން ވެސް ހަނދާނެއް ނެތެވެ.

އަދިވެސް ކްލެއާގެ ހަނދާންތައް އެނބުރިއެއް ނާދެ އެވެ. އޭނާ ބުނި ގޮތުގައި ކުޑަކުޑަކޮށް ހީވާ ހީވުމެއް ގޮތަށް ބައެއް ހަނދާންތައް ކުޑަކޮށް ވެއެވެ. ނަމަވެސް އެއްވެސް ހަނދާނެއް އެހާ ސާފުކޮށެއް އަދިއެއް ނުވެ އެވެ.