ޝާހް ރުކް ޚާންގެ ފޭނުން ބޭނުންވަނީ އޭނާގެ ދަރިން ވެސް އޭނާ ފަދަ އެކްޓަރުންނަށް ވާށެވެ. އަދި ޝާހް ރުކްގެ ދޮށީ ދަރިފުޅު އާރްޔަން ޚާން ފިލްމު ކުޅޭނެ ދުވަހަކަށް އިންތިޒާރުކުރާ ފޭނުން ވެސް މަދެއްނޫނެވެ. ނަމަވެސް ޝާހް ރުކްގެ ތަންކޮޅެއް ކުރީގެ ބައެއް އިންޓަވިއު ތަކުގައި ވެސް ބުނެފައިވާ ފަދައިން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތުމުގެ ވިސްނުމެއް އާރްޔަންގެ ނެތެވެ. އޭނާ އަބަދުވެސް ބޭނުންވަނީ ފަރުދާގެ ފުރަގަހުގައި ކުރާ މަސައްކަތް ތަކަށެވެ.
އާރްޔަން މަތީ ތައުލީމު ހާސިލުކުރީ ވެސް ފިލްމު އުފެއްދުމުގެ ރޮނގުންނެވެ. އަދި އެމެރިކާއިން ކިޔަވައިގެން އެނބުރި އިންޑިޔާއަށް ދިއުމާއެކު އޭނާ ބޮލީވުޑަށް ވަންނަން އުޅޭކަމުގެ ޚަބަރުތައް ފެތުރެން ފެށި އެވެ. ބައެއް ނޫސްތަކުން ބުނެފައިވަނީ އާރްޔަން ފިލްމު ޑައިރެކްޓްކުރަން ޝައުގުވެރިވާ ކަމަށެވެ. އަދި އޭނާ ތައާރަފްވާނީ ޑައިރެކްޓަރެއްގެ ގޮތުގައި ކަމަށެވެ.
ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި އާރްޔަންގެ ފުރަތަމަ ޕްރޮޖެކްޓްގައި އޭނާ ބައިވެރިވާނީ ލިޔުންތެރިއެއްގެ ގޮތުގަ އެވެ. އާރްޔަން އަކީ ވަރަށް ޚިޔާލު މުއްސަނދި ލިޔުންތެރިއެއްކަމަށާއި ފިލްމާއި ވެބް ސީރީޒް އަށް ބޭނުންވާ ވަރަށް މޮޅު ޚިޔާލުތައް އޭނާގެ ހުރި ކަމަށާއި އަދި އެ ޚިޔާލުތަކަށް ކުލަ ޖެއްސުމުގެ މަސައްކަތް މަޑުމަޑުން އާރްޔަން ކުރަމުންދާ ކަމަށް ވެއެވެ.
އެގޮތުން އާރްޔަން ލިޔެފައިވާ ސްކްރިޕްޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފަށަން ހަމަޖެހިފައިވަނީ އެމެޒޯން ޕްރައިމް އަށް ތައްޔާރުކޮށްދޭ ވެބް ސީރީޒް އެއްގެ މަސައްކަތާއި ފީޗާ ފިލްމެއްގެ މަސައްކަތެވެ. މި ދެ ޕްރޮޖެކްޓް ވެސް ޕްރޮޑިއުސްކުރާނީ ޝާހް ރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓުންނެވެ.
ސްކްރިޕްޓް ލިޔުމުގެ މަސައްކަތުގައި އާރްޔަން އަށް އެހީތެރިވަނީ ލިޔުންތެރިޔާ ބިލާލް ސިއްދީގީ އެވެ. ބިލާލް އަކީ ރެޑް ޗިލީޒް އިން އުފައްދާ ފިލްމުތަކުގެ ސްކްރިޕްޓްތައް ލިޔުމުގައި ހަރަކާތްތެރިވާ މީހެކެވެ. މި ޕްރޮޖެކްޓްތައް ވަރަށް އަވަހަށް އިއުލާން ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އާރްޔަން ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުއްޓަސް އޭނާގެ ކޮއްކޮ ސުހާނާ އަބަދުވެސް ބޭނުންވަނީ ބަތަލާ އަކަށް ވާށެވެ. ސުހާނާ ތައާރަފްވާނީ ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ ވެބް ސީރީޒް އަކުން ކަމަށް ވެއެވެ. މިއީ ނެޓްފްލިކްސް އިން ދައްކަން ހަމަޖެހިފައިވާ ސީރީޒް އެކެވެ.