އުމްރާ ދަތުރު

އުމުރާއަށް ފުރަން އުޅުނު 100 މީހަކަށް ފުރޭ ގޮތެއް ނުވި

Feb 24, 2022

ރާއްޖެއިން އުމުރާ އަށް ފުރަން އުޅުނު 100 މީހަކަށް ފުރޭ ގޮތް ނުވެ ދަތުރު މިރެއަށް ފަސްކުރަން ޖެހިއްޖެ އެވެ.

އެ މީހުންނަކީ ސަފާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުމުރާ އަށް ފުރަން އުޅުނު ބައެކެވެ.

އުމުރާ އަށް ދިއުމުގެ ބޭނުމުގައި އެމީހުން ރޭ 8:00 ޖެހިއިރު އެއާޕޯޓަށް ދިޔައީ ފުރުމުގެ ކުރިން ހަދަންޖެހޭ ޕީސީއާރް ޓެސްޓް ހަދައިގެންނެވެ. ނަމަވެސް އެ މީހުން ހަދާފައިވަނީ 72 ގަޑިއިރު ހަމަނުވެ އޮތް ޕީސީއާރް ޓެސްޓެކެވެ.

ސައުދީ ސަރުކާރުން އަންގާފައިވަނީ އުމުރާވުމަށް އެ ގައުމަށް އެތެރެވާ މީހުންގެ އަތުގައި 48 ގަޑިއިރު ހަމަނުވާ ޕީސީއާރް ޓެސްޓެއް އޮންނަންޖެހޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރޭގެ ވަގުތެއްގައި އުމުރާ އަށް ފުރަން އުޅުނު މީހުންނަށް ފުރޭ ގޮތް ނުވީ ސައުދީގެ ކޮވިޑް 19ގެ ގައިޑްލައިންގައި ޕީސީއާރް ޓެސްޓްގެ ވަގުތާ ގުޅޭ ގޮތުން އޮތް އެއްޗެއް ސަފާ ގުރޫޕްގެ އިސް ބޭފުޅުންނަށް އޮޅުން އެރުމުންނެވެ.

"އެހެން އެވީ އެ ގުރޫޕުން ގަސްދުގައި ކުރި ކަމެއްގެ ސަބަބަކުން ނޫން. ހުރިހާ ގައުމުތަކެއްގައި ވެސް ގައިޑްލައިންތަކަށް އަވަސް އަވަހަށް ބަދަލުތައް އަންނާތީ އެގޮތުން ދިމާވި ކަމެއް ކަމަށް ބެލެވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ސަފާ ގުރޫޕުން މިހާރު ވަނީ އެ ޖަމާއަތުގެ ހަރަދުގައި އުމުރާވެރިންގެ ޕީސީއާރް ޓެސްޓް ހަދައިދީ މިރޭ ފުރަން ތައްޔާރުވުމަށް އަންގާފަ އެވެ.