ނިމިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ބަލިވިޔަސް އިތުރު ހިތްވަރާއެކު ކުރިއަށް އޮތް އިންތިހާބުތަކުގައި ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީގެ ސައުތު ރީޖަންގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކޮމަންޑޫގެ ބައި- އިލެކްޝަން އިންތިހާބުން ބަލިވި ނަމަވެސް އެ ޕާޓީއަށް ހާސިލުކުރެވުނު މިންވަރާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ބައި އިލެކްޝަން އިންތިހާބަށް މުޅި ދައުލަތް ފޯކަސްކޮށްގެން ސަރުކާރުން ކެމްޕޭން ކުރި ނަމަވެސް
އިންތިހާބުގައި އެންމެ ފުރިހަމައަށް ކެމްޕޭންކުރީ ވެސް އެމްއެންޕީން ކަމަށެވެ. އެގޮތުން ކޮމަންޑޫ ދާއިރާގައި ހިމެނޭ ހުރިހާ ރަށެއްގެ ކޮންމެ ގެއަކަށް ދެތިން ފަހަރު ޕާޓީގެ މެމްބަރުން ޒިޔާރަތް ކުރި ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބީއާ ދޭތެރޭ ހިތްހަމަ ޖެހޭ. އަޅުގަނޑުމެންނަކީ އަސްލު ކުޑަ ޕާޓީއެއް ހަގީގަތުގައި. ކުރިއަށް އޮތް ތާނގައި ހުރިހާ އިންތިހާބެއްގައި ވެސް އަޅުގަނޑުމެން ވާދަކުރާނެ. އަދި ހަމަ ގަދަ އަޅައި މަސައްކަތް ކުރާނެ. އަޅުގަނޑު އެދެނީ ހުރިހާ ބޭފުޅުންވެސް ތެދުވެރިކަމާއެކު ވޯޓު ދެއްވުން" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެންއެންޕީ އުފެދުނުތާ މަދު ދުވަސްތަކެއް ވީ ނަމަވެސް އެ ޕާޓީގައި ތިއްބެވި އިސް ބޭފުޅުންނަކީ ސިޔާސީ މައިދާނުގައި ތަޖުރިބާ ހުރި ބޭފުޅުން ކަމަށެވެ. އެގޮތުން ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ކުރިން ޑިފެންސް މިނިސްޓަރުކަން ކުރެއްވި އިރު ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްއާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްއާއި ކުރީގެ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ފަދަ ބޭފުޅުން ޕާޓީގައި ހިމެނިލައްވާ ކަމަށެެެވެ.
ނިމިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ފަރާތުން ވާދަކުރެއްވީ އަބްދުލް ހަންނާން އިިދިރީސް އެވެ. އިންތިހާބުގައި އެންމެ މަދުން ވޯޓު ލިބިވަޑައިގަތީ ހަންނާނަށެވެ. އޭނާ އަށް ލިބިވަޑައިގެންނެވީ އެންމެ 323 ވޯޓެވެ.