އައްޑޫގެ ތަަރައްގީގެ މަޝްރޫއުތަަކަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީގެ ސައުތު ރީޖަންގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވަނީ އައްޑޫގެ މަޝްރޫއުތަކާ ގޫޅޭ ގޮތުން ބޮޑެތި މައްސަލަތަކެއް ފާހަގަކުރައްވައިފަ އެވެ.
އެގޮތުން ފަތުރުވެރިކަން ފުޅާކުރަން އައްޑޫގައި 8000 އެނދު ތަަރައްގީކުރަންވި ވައުދު ނުފުއްދާ ކަަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އައްޑޫގެ މަގުތައް ހަދާ ނުނިމުމާއި އައްޑޫގެ ޕޯޓުގެ ތަރައްގީ ނުކުރެވޭކަމަށް ޝަރީފް ވިދާޅުވި އެވެ.
އައްޑޫއަށް ދިމާވެފައިވާ އިތުރު މައްސަލަތައް
- ޝަންގްރިއްލާ ރިސޯޓު ނުހުޅުވި ލަސްވުން
- ސަރުކާރުން ވައުދުވިގޮތަށް ބައިނަލްއަގުވާމީ ފަސް މަންޒިލަކުން އައްޑޫއަށް ފްލައިޓްތައް ނުބާއްވާ
- އައްޑޫގެ ދޫގަސް ގެސްޓު ހައުސްއަށް ފަތުރުވެރިން ނުގެނެވޭ
- އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ޑޮކްޓަރުން ނެތިގެން ހިދުމަތް ނުދެވުން.
- ހުޅުމީދޫގެ މީހުން ޑޮކްޓަރަށް އިކުއަޓޯރިއަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ގޮސް ތިބޭނެ ތަނެއް ކައިރީގައި ނެތުން.
ޝަރީފް އިތުރަށް ވިދާޅުވީ ލާމަރުކަޒި ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރު ދޭން ޖެހޭނެކަމަށް އޮތަސް އައްޑޫ ސިޓީގައި އިތުރު އޮފީހެއް ހަދައި ސްޓޭޓް މިނިސްޓަރެއް ލައި މޭޔަރުގެ ބާރު ކަނޑާލައިފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެމްއެންޕީން ދެކެނީ އައްޑޫ ތަރައްގީ ކުރެވޭނީ ހުވަދޫ އަދި ފުވައްމުލަށް ހިމެނޭ ގޮތަށް މުޅި ސަރަހައްދު ތަރައްގީކޮށް ރީޖަނަލް ޕޯޓަށް ބޭރުން މުދާ ގެނެވޭ ގޮތަށް ހަދައި މުޅި ރީޖަންގެ އެތެރޭގެ އުދުހުންތަކުގެ އަގުވެސް ކުޑަކޮށްގެން ނެވެ. މީގެ އިތުރުން ސަރަހައްދުގައި އެނދުތައް ތަރައްގީކޮށް އެންމެ ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ވެސް ގާއިމުކޮށް މަސްވެރިން ބާނާ މަސް ކިރުވޭނެ ގޮތް ހަދައި އައިސް ލިބޭނެ ގޮތް ހަދަން ޖެހެ އެވެ.
އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުށްވެރިން އަނބުރާ މުޖުތަމައުއަށް ނެރުމަށް ރީޖަނަލް ފެންވަރުގައި ނިޒާމެއް ގާއިމުކުރަން ޖެހެ އެވެ.