އެމްޓީސީސީ

ދެވަނަ ފިޔަވަހިން ސީދާ މާލެއަށް ބަސް ދަތުރުތައް ފަށަނީ

Feb 24, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުން ސީދާ މާލެއަށް ބަސް ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ އެ ދަތުރުތައް ފަށާނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށެވެ.

އާޒިމް ވިދާޅުވީ ބަސް ދަތުރުތައް ފަށާއިރު ޓްރެފިކް ބާރު ބޮޑު ނޫންނަމަ އެ ދަތުރުތައް ކުރިއަށް ގެންދާނީ ގަޑިއަކު އެއް ފަހަރު ކަމަށެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް ކުރިއަށް ގެންދަން ފަށާނެ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސީދާ މާލެ އަށް އަދި މާލެ އިން ސީދާ ހުޅުމާލެ އަށް ދަތުރުކުރެވޭނެ ގޮތެއް އަދި ހަމަޖެހިފައެއް ނުވެ އެެވެ. މިވަގުތު އެ ދަތުރުތައް ކުރަނީ މާލެ އިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ވަކި ބަސް ސްޓޮޕްތަކަކަށް ފޭބުމަށްފަހު އެތަނުން ދެވަނަ ފިޔަވައްސަށް ދާން އިތުރު ބަހަކަށް އަރައިގެންނެވެ. ދެވަނަ ފިޔަވަހިން މާލެ އަށް ވެސް ދަތުރުކުރަނީ އެގޮތަށެވެ. އެގޮތަށް ދަތުރުކުރަން ޖެހުމުން ދަތުރު ދިގުވާތީ ބައެއް އާންމުން ގެންދަނީ ޝަކުވާ ކުރަމުންނެވެ.

ހިޔާ ފްލެޓްތައް އަޅާފައިވާ ސަރަހައްދަށް ބަހުގެ ހިދުމަތް ފުރަތަމަ ދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު އެވެ. ކޮންމެ 15 މިނެޓަކުން ބަހުގެ ހިދުމަތް ފޯރުކޮށްދެ އެވެ. ބަހުގެ ހިދުމަތް ފެށި ނަމަވެސް އެ ސަރަހައްދުގެ ބަސް ސްޓޮޕްތައް ތަރައްގީކޮށް އަދިވެސް މުޅިން ނުނިމެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އަޅާފައިވާއިރު އެ ތަންތަނުގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ހިޔާ ފްލެޓްތަކުގެ ތެރެއިން މީހުން ދިރިއުޅެން ދޫކުރި 6،720 ފްލެޓްގެ ތެރެއިން މިހާރު 6،000 އެއްހާ ފްލެޓްގައި މީހުން ދިރިއުޅޭ ކަމަށް އެނގިފައިވެ އެވެ.

ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް ދެނީ ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން ރޭގަނޑު 11:45 އަށެވެ. އެކަމަކު ހުކުރު ދުވަހު ހެނދުނު 11:45 އިން މެންދުރުފަހު 1:45 އަށް ހިޔާ ފްލެޓްތަކަށް ބަހުގެ ހިދުމަތް މެދުކަނޑާލަ އެވެ.