މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް މިއަދު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
އެމްޓީސީސީ އިން ބުނި ގޮތުގައި އެ ކުންފުނީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ތައްޔާރީ ހާލަތެއްގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް އޮންނާނީ މިއަދު މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބަސް ޑިޕޯގަ އެވެ.
މި އިމަޖެންސީ އެކްސަސައިޒް ކުރިއަށްދާ ވަގުތުގައި ހާދިސާ ދިމާވެފައިވާ އެމްޓީސީސީގެ ބަސް ކަނޑައެޅިފައިވާ ވަކި ސޭފް ޒޯނަކަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަދި މީހުން ބަހުން ނެރެ އިވެކުއޭޓްކުރުމުގެ މަސައްކަތް ކުރެވޭނީ މި ސޭފް ޒޯންގައި ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.
މީގެ އިތުރުން އެކްސަސައިޒް ކުރިއަށްދާ ވަގުތު އިމަޖެންސީ ރެސްޕޯންސް ޓީމްތަކާއި ކަމާގުޅޭ އިދާރާތައް ތައްޔާރީ ހާލަތުގައި ތިބޭނެ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެ އެވެ.
އެމްޓީސީސީން ވަނީ އެކްސަސައިޒްގެ މަންޒަރު ފެނި ކަންބޮޑުނުވުމަށް އެދިފަ އެވެ. އަދި އެކްސަސައިޒް ކުރިއަށްދާ ވަގުތު އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.