ފައިސަލް ނަސީމް

ރައީސްކަމުގެ މަސްއޫލިއްޔަތުގެ ހުވާކުރެއްވުން ހެނދުނު

ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ވަގުތީ ގޮތުން ނާއިބު ރައީސްއާ ހަވާލު ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާތީ އެ މަސްއޫލިއްޔަތުގެ ހުވާ ކުރެއްވުމުގެ ދަރުބާރު މާދަމާ ހެނދުނު ބޭއްވުމަށް ނިންމައިފި އެވެ.

ރައީސް ސޯލިހް މިވަގުތު ހުންނެވީ ތައިރޮއިޑް ބައްޔައް ފަރުވާކުރެއްވުމަށް ސިންގަޕޫރުގައެވެ. ރައީސް ސޯލިހް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް މާދަމާ ހެނދުނު އެމަނިކުފާނުގެ ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުޔމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިބާ ބާރުތައް އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް އާއި ހަވާލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެ ނިންމެވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ހިއްސާ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މާދަމާ ހެނދުނު 6:00 ގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ހުވާ، ނާއިބު ރައީސް ފައިސަލް ނަސީމް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކަމުގެ އިންތިޒާމު މިހާރު ދަނި ހަމަޖައްސަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މަޖިލީސް އަދި ސުޕްރީމް ކޯޓް ގުޅިގެން އެކަމުގެ ތައްޔާރީތައް ކުރިއަށް އެބަ ގެންދެއެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މިމަހުގެ 10 ވަނަ ދުވަހު ނުރަސްވީ ދަތުރުފުޅެއްގައި ވެސް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެކަނބަލުން އެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އޭގެ ފަހުން މި މަހުގެ 23 ވަނަ ދުވަހު އެނބުރި ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ކުރީން ރައީސް ވަނީ ތައިރޮއިޑް ބައްޔައް ފަރުވާކުރައްވާކަން ހާމަ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް އެމަނިކުފާނުގެ ނާއިބާ ހަވާލުކުރައްވަން ނިންމަވާފައިވާއިރު މިއީ ފަހުގެ ތާރީހެއްގައި ނާއިބު ރައީސްގެ އަތްޕުޅަށް ވެރިކަމުގެ ބާރުތައް ބަދަލުވާ ފުރަތަމަ ފަހަރެވެ.