މޯލްޑިވްސް ޕޮލިސް ސާވިސް

އައިއެސްގެ ދިވެހި މީހާއާ ގުޅޭ މައުލޫމާތުތަކެއް އާންމުކޮށްފި

ހަރުކަށި ފިކުރު ފަތުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް މެންބަރަކު ރާއްޖެއިން ހައްޔަރުކޮށްފައިވާއިރު އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކޮށް ޑިޖިޓަލް އެވިޑެންސްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފި އެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ޖަނަވަރީ 6، 2022 ގައި ހިންގި އޮޕަރޭޝަނެއްްގައެވެ. ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ވަނަވަރު ހާމަނުކޮށް ފުލުހުން މިއަދު ވަނީ އެ މައްސަލައާ ގުޅޭ ތަފްސީލީ ބަޔާނެއް އާންމުކޮށްފައެވެ. އެ ބަޔާނުގައި ބުނެފައިވނީ 2015 ވަނަ އަހަރުން ފެށިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގައި ދިވެއްސަކު އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ކަަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ގޮތުން ޓެލެގްރާމް އަދި އެ ނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި "ސްކާމިޝް" އާއި "ސްކާމިޝްކިޑް" ފަދަ ނަންނަމުގައި އެކައުންޓްތައް ހަދައި ސޯޝަލް މީޑިއާ ގުރޫޕްތަކުގައި އައިއެސްއަށް ތާއީދުކޮށް އެކި ގައުމުތަކުގައި ހަރަކާތްތެރިވާ އެ ޖަމާއަތަށް ތާއީދު ކުރާ މީހުންނަށް އެ ޖަމާއަތުގެ ލިޔެކިޔުންތައް މީނާ ދައުރުކޮށްދީފައިވާ ކަމަށެވެ.

"..މި ގޮތުން މީނާ ދައުރުކުރާ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔެކިޔުންތައް ހުންނަނީ އެކި ގައުމުތަކަށް އަމާޒުކޮށް އެ ގައުމުތަކުގައި ބޭނުންކުރާ ބަސްބަހަށް ތަރުޖަމާކޮށްފައިކަން މިހާތަނަށް ފާހަގަކުރެވިފައިވެއެވެ،"

ފުލުހުން ބުނީ އިތުރަށް ބެލި ބެލުމުން މި ގުރޫޕްތައް މެދުވެރިކޮށް ޓެރަރިޒަމްްގެ އަމަލުތައް ރާވާ ހިންގުމަށް ގޮވާލާ އެކަމަށް ހިތްވަރުދީ ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ ކަމުގެ ބިރު ދައްކާ އިންޒާރު ދެމުންވެސް ގޮސްފައިވާ ކަމަށެވެ. އަދި އޭނާ ސޯޝަލް މީޑިއާގައި ފަރުވާ ބައެއް ކޮންޓެންޓްތަކުގައި ހުޅަނގުގެ ބައެއް ގައުމުތަކުގެ އިސްވެރިންގެ ފުރާނައަށް ނުރައްކާވާފަދަ ހަަމަލާ ދިނުމަށް ގޮވާލާ އެފަދަ ކަންކަން ކުުރުމަށް ހިތްވަރު ދެމުން ގޮސްފައިވާ ކަމަށެވެ. އަދި ހުޅަނގުގެ އެކި ގައުމުތަކުގައި އެ ގައުމުތަކުގެ ރައްޔިތުންނަށާއި އެ ގައުމުތަކުގެ އެކި ތަންތަނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލާ އެކަމަށް ހިތްވަރު ދެމުން ދިޔަ ކަމަށެވެ.

މި ބަޔާނުގައި އެ މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.