އެމްއެމްޕީއާރްސީ

މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރަނީ

Feb 26, 2022

މެދު އިރުމަތީގައި ފަތުރުވެރިކަމާ ގުޅުން ހުރި ހިދުމަތްތައް ފޯރުކޮށްދޭ ސީރާ ގްރޫޕްގެ ފްލޭގްޝިޕް ކޮންސިއުމާ ޓްރެވަލް ބްރޭންޑް -- އަލްމޮސާފާއާ އެކު އެމްއެމްޕީއާރްސީން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމާ ގުޅޭ ކެމްޕޭނެއް ފަށައިފި އެވެ.

ސީރާ ގްރޫޕަކީ މެދުއިރުމަތި އަދި އުތުރު އެފްރިކާގައި ފަތުރުވެރިކަމާ ގުޅޭ އެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުންޏެވެ. މި ކުންފުންޏާއެކު އެމްއެމްޕީއާރުސީން ކުރިއަށް ގެންދާ ކެމްޕޭންގެ ދަށުން ރާއްޖެއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެކި ބާވަތުގެ ކޮންޓެންޓް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނާ ހިއްސާކުރާނެ އެވެ.

އެގޮތުން ސޯޝަލްމީޑިއާގެ ވަސީލަތްތައް ކަމުގައިވާ ޓުވިޓާ، އިންސްޓަގްރާމް އަދި ސްނެޕްޗެޓްގައި ރާއްޖެއާއި ގުޅުން ހުރި ތަފާތު ގިނަ މައުލޫމާތުތަކެއް ހިއްސާކުރާނެ އެވެ.

އިއްޔެ ފެށި މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެމްޕީއާރްސީން ބުނީ ކެމްޕޭންގެ މައިގަނޑު މަގުސަދަކީ މެދުއިރުމަތި އަދި ހާއްސަކޮށް ސައުދި އަރަބިއްޔާގެ މާކެޓްގައި ރާއްޖެ އަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކާއި އެ ތަންތަނުގައި އަޅާފައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މެދުއިރުމަތީގެ މަތީ ފަންތީގެ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބުނެދޭނެ ކަމަށެވެ.

ކެމްޕޭންގެ ތެރެއިން ސޯޝަލްމީޑިއާގައި ހިއްސާކުރާ ރާއްޖޭގެ އިޝްތިހާރާއި، މައުލޫމާތު ފަަސް މިލިއަން މީހުންނަށް ލިބިގެންދާނެ އެމްއެމްޕީއާރްސީން ބުނެ އެވެ. އެކަމުގެ ސަބަބުން މެދުއިރުމަތީގެ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެ އެވެ.

މެެދުއިރުމަތީގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އެމްއެމްޕީއާރްސީން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ވެސް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ.

މިއަހަރުވެސް މެދުއިރުމަތީގެ މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެމްއެމްޕީއާރްސީން ނިންމާފައިވެ އެވެ.