ސިވިލްސާވިސް ކޮމިޝަން

ސަރުކާރުގެ 55 މުވައްޒަފުން ތަމްރީނަކަށް އިންޑިއާއަށް

Feb 26, 2022
3

ދިވެހި ސަރުކާރުގެ އެކި އިދާރާތަކުގައި ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ 55 މުވައްޒަފަކު ތަމްރީން ޕްރޮގްރާމެއްގައި މިއަދު އިންޑިއާ އަށް ފުރައިފި އެވެ.

މިއީ ދިވެހި ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 2019 ވަނަ އަހަރު އިންޑިއާގެ ނެޝަނަލް ސެންޓާ ފޯ ގުޑް ގަވާނަންސް (އެންސީޖީޖީ)އާ އެކު ސޮއިކުރެވުނު އެމްއޯޔޫ ދަށުން އިންޑިއާ އަށް ދަތުރުކުރާ ނުވަ ބެޗްގެ ބައިވެރިންނެވެ. އަދި މިއީ އެމްއޯޔޫގެ ދަށުން މިހާތަނަށް އެއްފަހަރާ އެންމެ ގިނަ ސިވިލް ސާވިސް މުވައްޒަފުން އިންޑިއާ ދާ ފަހަރެވެ.

އިންޑިއާ އަށް މިއަދު ފުރި ޓީމުގައި އިސްކޮށް ހަރަކާތްތެރިވަނީ ސިވިލް ސާވިސް ކޮމިޝަންގެ އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ޑިވިޒަންގެ ޑިރެކްޓަރު މަރިޔަމް އަސްނާ ސައީދު އެވެ.

ދިވެހި މުވައްޒަފުން މި ތަމްރީން ޕްރޮގްރާމުގައި އިންޑިއާގައި ދެ ހަފްތާ ހޭދަކުރާނެ އެވެ. މި ޕްރޮގްރާމު ކުރިއަށް ގެންދަނީ "ޓްރެއިނިން ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޯ ސިވިލް ސާވެންޓްސް އޮފް މޯލްޑިވްސް"ގެ ނަމުގަ އެވެ. މި ތަމްރީނު ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ސާވިސްއާ ބެހޭގޮތުންނާއި، އިގްތިސޯދީ، އިޖުތިމާއީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.

ދިވެހި މުވައްޒަފުން ފުރަތަމަ ހަފްތާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ލާލް ބަހާދުރް ޝާސްތްރީ ނެޝަނަލް އެކެޑަމީގަ އެވެ. މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސްއޫލިއްޔަތު ވެސް އަދާކުރާ މައި މަރުކަޒެވެ. އަދި ދެވަނަ ހަފްތާގެ ސެޝަންތައް ކުރިއަށް ގެންދާނީ ވެރިރަށް ނިއުދިއްލީގަ އެވެ. މީގެ އިތުރުން މި ދަތުރުގައި މަސޫރީ އަދި ދިއްލީގެ ސަގާފީ ތަންތަނަށް ދިވެހި މުވައްޒަފުން ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.