އިންޑިޔާގައި މިއަދު ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތަށް ރާއްޖޭގެ ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފި އެވެ.
މުބާރާޓުގެ ކުރިން އިއްޔެ ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ދަގަނޑޭ ބުނީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ވެސް ޓީމުގައި ހިމެނޭ ކަމަށާއި ޓީމާމެދު ހިތްހަމަޖެހޭ ކަމަށެވެ.
"ޓީމުގައި ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިން ވެސް ހިމެނޭ. ޓީމާމެދު އަހަރެން ހިތްހަމަޖެހޭ. މުބާރާތުގައި ކުރިއަށްދާން އަހަރުމެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން،" މި ފަހަރުގެ މުބާރާތަށް ފަހު ގައުމީ ޓމަށް ކުޅުން ހުއްޓާލަން ނިންމާފައިވާ ފޯވަޑް ބުންޏެވެ.
އޭނާ އަދި ބުނީ މުބާރާތަށް ތައްޔާރުވާން މެލޭޝިޔާގައި ކުރި ކޭމްޕާއެކު މުޅި ޓީމު އެކުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ދަގަނޑޭ ބުނީ ރާއްޖޭގެ މިހާރުގެ ގައުމީ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓަކީ އޭނާއާއެކު މިހާތަނަށް މަސައްކަތްކުރި އެންމެ މޮޅު ކޯޗު ކަމަށެވެ. އަދި މި ކޯޗު ރާއްޖޭގެ ފުޓްބޯޅަ އާއުސްމިނަކަށް ގެންގޮސްދޭނެ ކަމަށެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ މާދަމާ ވާދަކުރާނީ ބޫޓާނާއެވެ. އެއަށްފަހު ހުކުރު ދުވަހު ކުޅޭނީ ބަނގްލަދޭޝްއާ އެވެ. އެއަށްފަހު އާދީއްތަ ދުވަހު ވާދަކުރާނީ އަފްގާނިސްތާނާ އެވެ.
ސެމީ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.