ރާއްޖެ ކުޅިވަރު

އަހަންނާއި ބްލެޓާ ލާފައިމިވަނީ އެއް ގޯންޏަކަށް: ޕްލެޓީނީ

މިދިޔަ ހަތަރު އަހަރު ފީފާ އެތިކްސް ކޮމިޓީ އޮތީ ނިދާފައި ކަމަށާއި އޭނާ އާއި ފީފާގެ ރައީސް ސެޕް ބްލެޓާ ލާފައިވަނީ އެއް ގޯންޏަކަށް ކަމަށް ބުނެ ޔޫއޭފާގެ ރައީސް މިޝޭލް ޕްލެޓިނީ ފާޑުވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ 2002 ވަަނަ އަހަރު ކުރިކަމަށް ބުނާ މަސައްކަތަކަށް 2011 ވަނަ އަހަރު އޭނާ އަށް ފީފާގެ ރައީސް ސެޕް ބްލެޓާ ދީފައިވާ 1.5 މިލިއަން ފައިސާ އަކީ ރިޝްވަތުކަމަށް ނިންމައި ކުރިއަށް އޮތް އަށް އަހަރު ދުވަހަށް ފުޓްބޯޅައިން އޭނާ ސަސްޕެންޑްކުރުމާ ގުޅިގެންނެވެ.

ނަމަވެސް މިއީ ގޯސް އެއްވެސް ކަމެއްނެތި ދޭން ޖެހޭ އުޖާރައަދާކުރުމުގެ ގޮތުން ދީފައިވާ ފައިސާ ކަމަށް ބްލެޓާ އާއި ޕްލެޓިނީ ވަނީ ތަކުރާރުކޮށްބުނެފަ އެވެ.

"އަހަންނަށް އެބުނާ ފައިސާ ދިންއިރު 2011 އާއި 2015 ވަނަ އަހަރާ ދެމެދު ކޮބާ ފީފާގެ އެތިކްސް ކޮމިޓީ. ކުއްލިއަކަށް މި މައްސަލައެއް ފެންމަތިމިވީ. އެވެސް އަހަންނަނީ ފީފާގެ ރައީސް ކަމަށް ވާދަކުރާ ކެނޑިޑޭޓަކަށްވީމަ،" އޭއެފްޕީ އަށް ދިން އިންޓަވިއުއެއްގައި ޕްލެޓީނީ ބުންޏެވެ.

"އަހަރެން ފައިޓް ކުރާނަން. އެކަަމަކު ކޮންމެގޮތަކަށް ކަންތައްތައް ދިޔަނަމަވެސް ދެން އަހަރެން އަދާކުރާނީ އަހަރެންގެ ޒިންމާ. އެންމެ ފަހުން ބްލެޓާ އާއި އަހަރެން ވެސް މިލީ އެއް ގޯންޏަކަށް. މިއީ އިންސާފެއްނޫން،" 60 އަހަރުގެ ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ކޯޗު ބުންޏެވެ.
ބްލެޓާ އާއި ޕްލެޓިނީ ވެސް ވަނީ އެމީހުންގެ ސަސްޕެންޝަން އެޕީލްކޮށްފަ އެވެ.