ދުނިޔެ

ހަނގުރާމަ ހުއްޓުވޭތޯ އެބަ ބަލަން: އުރުދުޣާން

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ޔުކްރޭންގެ ރައީސް ލަޑިމިއާ ޒީލިއަންސްކީއަށް ފޯނުން ގުޅުއްވައި މަޝްރަހު އޮތް ގޮތް އޮޅުންފިލުއްވައިފި އެވެ.

ދެލީޑަރުން ދެއްކެވި ވާހަކަގައި އުރުދުޣާން ބޮޑަށް އަލިއަޅުއްވާލެއްވީ ރަޝިއާ އާއި ޔުކްރޭނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައާ ބެހޭ ގޮތުންނެވެ.

ޒީލިއަންސްކީ އަރިހުގައި އުރުުދުޣާން ވިދާޅުވި ކަމަށް ތުރުކީ ނޫސްތަކުން ބުނަނީ ހަނގުރާމަކީ އެއްވެސް ކަމަކަށް ހައްލެއް ކަމަށް ތުރުކީ ގަބޫލުނުކުރާ ކަމަށެވެ.

ރަޝިއާ އާއި ޔުކްރޭނާ ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމަށް ހީވެފައި އޮތްލެއް ބޮޑުކަމުން ތުރުކީން މަޝްވަރާއަށް ގޮވާލި ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ އެއްޗެއް ހޯދަން އެއްޗެއް ދިނުމަކީ ވެސް ސުލްހަވެރި ގޮތެއް ކަމަށާއި ރަޝިއާ އާއި ޔުކްރޭން ސުލްހަކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ތުރުކީން ދެއަތް އުރާލައިގެން ނޯންނާނެ އެވެ. ރަޝިއާ އާއި ޔުކްރޭނަކީ ވެސް ދުނިޔެއަށް މުހިންމު ދެގައުމު ކަމަށާއި ގައުމަށް އެންމެ މުހިންމީ ކޮންކަމެއްކަން ކަނޑައަޅާނީ އެގައުމަކުން ކަމަށެވެ.

ރަޝިއާ އިސްވެ ޔުކްރޭނަށް ހަމަލާދިނުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ. އަދި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންގެ އަރިހުގައި ވެސް ތުރުކީ ކަންބޮޑުވާކަން ދެންނެވި ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ޒީލިއަންސްކީ ވިދާޅުވީ ތުރުކީ އިން ޔުކްރޭނަށް އަޅާލާކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ. އަދި ދޭތެރެ ދޭތެރެއިން އުރުދުޣާން ފޯނު ކުރެއްވުމަކީ ވެސް އާދަޔާ ޚިލާފު ހިތްވަރެއް ލިބިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރަޝިއާއަށް ވިސްނައިދީގެން ނަމަވެސް ހަނގުރާމަ ހުއްޓާލާނެ ގޮތެއް ހޯއްދަވައި ދެއްވުމަށް ޒީލިއަންސްކީ އުރުދުޣާންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ޒީލިއަންސްކީ ވިދާޅުވި ގޮތުން ރަޝިއާގެ އާންމުން އަދި ޔުކްރޭންގެ އެކަކުވެސް ހަނގުރާމަ ކުރާކަށް ބޭނުމެއް ނުވާނެ އެވެ. އަދި އެމީހުން ލޯބިވާ މީހުން ގެއްލޭކަށް ބޭނުމެއް ނުވާނެ އެވެ.