( 20 ފެބްރުއަރީ 2022 އާ ގުޅޭ )
ޒެހެންގެ ފޯނު ރިންގުވިއެވެ. ސޯފާގައި އިނދެފައި ހޫރައިން ތެދުވީ ޔޫކްއާއި ދެ މީހުން ތައްޔާރުވާން ދާށެވެ. ކޮފީމޭޒުމަތީގަ އޮތް ޒެހެންގެ ފޯނު ނެގުމުގެ ކުރީން އިސްކުރީނުގައިވާ ރަހުމާގެ ނަން ހޫރައިން ދުށްޓެވެ.
އިޝާ ނަމާދުން ފައިބައިގެން ސުމައްޔާ އައިސް ހޫރައިން އުޅޭ ބަޔަށް ވަނެވެ. ސިޓިންރޫމާއި ގުޅިފައިވާ ބަދިގެ ތެރެއިން ހޫރައިން ނުފެނުމުން ކޮޓަރީގަކަން އެނގި އޭނާ އައިސް ހޫރައިންގެ ކޮޓަރީގައި ޓަކި ދިނެވެ.
"ޔޫކް ވެސް އެބައުޅޭންތަ؟." ދޮރުހުޅުވި ޔޫކް ފެނި ސުމައްޔާ ބުނެލިއެވެ.
"ވަދޭ މަންމާ." ހޫރައިން ގޮވާލިއެވެ. އެނދު ހުރަހަށް އޮތް ހޫރައިން ތެދުވެލައި އިށީނެވެ. ޔޫކް އެނބުރި އައިސް އެނދުމައްޗަށް އެރީއެވެ. ސުމައްޔާ ވަދެގެން އައިސް އިށީނީ ހޫރައިންގެ މަގަތުން އެނދުގައެވެ.
"ޒެން އައީމަ ކާން ނަގަންވެގެން މި މަޑުކުރަނީ." ސުމައްޔާ އެ އައީ ރޭގަނޑުގެ ކެއުމުގައި ބައިވެރިވާންކަން އެނގޭތީ ހޫރައިން ބުނެލިއެވެ. ދެ އެޕާޓްމެންޓެއްގައި ދިރިއުޅުނަސް ހުރިހާ ވަގުތެއްގައި ކެއުން އޮންނަނީ ހޫރައިންމެންގެ ބައިގައެވެ.
"ރަނގަޅުވާނެ. ކީއްވެތަ ހަސިންތަ މިއަދު ހޯދީ." ސުމައްޔާ ވާހަކަދެއްކިއެވެ.
"މަންމަ ކައިރީ އަދި ނުބުނެވޭ. އަހަރެން ގަސްދުކުރަނީ ވަޒީފާއިން ވަކިވާން. އެހެންވެ ޗުއްޓީ ހަމަނުވަނީސް ކެނޑެން ފޯމުލާންވެގެން. ޒެންއާ ވެސް ވާހަކަދެއްކިން. އޭނާ ބުނީ އަހަންނަށް ފެންނަ ގޮތެއް އެންމެ ރަނގަޅުކަމަށް. މަންމައަށް އެނގެއެއްނު ވަޒީފާއަށް އަހަރެން ނުކުތީ ކީއްވެކަން... އަނެއްކާ ދެމީހުން އެއްތަނެއްގަ އުޅުނަސް ދެމީހުން އަދާކުރާ ވަޒީފާގައި ވަރަށް ބޮޑު ފަރަގު އެބަހުރި."
"ހޫރް ވިސްނާފަކަން އެނގޭ ތިހެން ނިންމާނީ. މަންމަގެ މައްސަލައެއްނެތް. މީހަކާ އިނީއްސުރެ މަންމަ ވެސް ވަޒީފާއެއްގަ ނޫޅެން. ހޫރްގެ ބައްޕައަށް އިތުބާރުކޮށް ބަރޯސާވެގެން އުޅުނީ. ޒެހެންއަކީ ރަނގަޅު ކުއްޖެއް. ފިރިމީހާއަށް އިތުބާރުކޮށް އޭނާއަށް ބަރޯސާވުމަކީ ލަދުގަންނަންޖެހޭ ކަމެއްނޫން. އަނބިދަރީން ބެލެހެއްޓުމަކީ އޭނާގެ ބޮލުގައި އެޅޭ ޒިންމާއެއް. އަނބިމީހާ މަހުޖަނަކަށްވީނަމަވެސް ފިރިމީހާއަށް ވާޖިބުވާނެ އަނބިމީހާއަށް ޚަރަދުކޮށް ބަލަހައްޓަން."
"ޒެން ވެސް ބުނީ ތިހެން. އޭނާގެ ޒިންމާއެކޭ މިހާރު އަހަރެމެންނަކީ. ހަސީންތަ ހޯދާދިން ވަޒީފާއެއްވީމަ. ހަސިންތައާ ވާހަކަދައްކާލަން ބޭނުންވީ. އެކަމަކު މިއަދު އާދެވެންނެތޭ ބުނީ." ހޫރައިން ކިޔާދިނެވެ.
"މަންމަ ކާން ނަގަންތަ؟. ޒެން އައީމަ އެންމެން ކާން އަރާނީ." ސުމައްޔާ ބުނެލިއެވެ. ހޫރައިން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. އެއާއެކު ސުމައްޔާ ތެދުވެގެން އެ ކޮޓަރިން ނުކުމެއްޖެއެވެ.
މަންމައާ ދެއްކި ވާހަކަތަކުގެ ތެރެއިން ރަހުމާގެ މަތިން ހޫރައިން ހަނދާންވިއެވެ. ހަވީރު ޒެހެންގެ ފޯނަށް އޭނާ ގުޅިކަން އެނގި ފޫހިކަން ހޫރައިންގެ މޫނުމަތިން ފާޅުވެލިއެވެ. ކައިވެނީގެ ވަލީމާއަށް ދަޢުވަތު ދިނުމުން އޭގައި އޭނާ ނުވެސް ހިފިކަން ޒެހެން އޮތީ ހޫރައިންގެ ގާތުގައި ބުނެފައެވެ. ދެން މިހާރު އެކަމާ އޭނާ ދެރަވެގެން ޒެހެންއަށް ގުޅުމުގެ ބޭނުމެއް އޮތްކަމަކަށް ހޫރައިން ވެސް ނުދެކެއެވެ. ރަހުމާގެ ފޯނުކޯލަށް ޒެހެން ޖަވާބުދިނީ އަނބިމީހާގެ ކުރިމަތީގައެވެ. ރަހުމާ ދެއްކި ހުރިހާ ވާހަކައެއް ހޫރައިންއަށް ވެސް އަޑު އިވުނެވެ. އޭނާ އެކުވެރިކަން ބޭނުންވާކަން ޒެހެން ކައިރީ ބުންޏެވެ. ހޫރައިންއާ ވެސް އެކުވެރިކަން ބާއްވަން ބޭނުންވާކަން ހާމަކުރިއެވެ. އަދި ދެމަފިރިންނަށް ހަދިޔާއެއް ހިފައިގެން އަންނަން އެމީހުން ދިރިއުޅޭ ތަނެއް އޮޅުންފިލުވަން މަސައްކަތް ކުރިއެވެ. ޒެހެން ދެކޮޅުހެދީއެވެ. ރަހުމާ ބަދަލުވެދާނޭކަން ޔަގީންނުވާއިރު އެކަހަލަ ދެފުށްދެގޮތް މީހަކު ދިރިއުޅޭތަނަށް ގެނައުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ޚިޔާލެއްނޫންކަން ޒެހެން ބުނީ ހޫރައިންގެ ގާތުގައެވެ. އަދި އެކުގައި މަސައްކަތްކުރާން ޖެހިފައި އޮތްއިރު ފެނުމުން އަނގައިން ބުނުމަކީ ވެސް އެކުވެރިކަން ކަމުގައި ރަހުމާއަށް ބުނެދިނެވެ. ޒެހެންގެ ފަރާތުން އެކުވެރިކަން ލިބެން އޮތް މިންވަރަކީ އެއީއެވެ. ޒެހެން ދެއްކި ގިނަ ވާހަކައިން ސިކުނޑިއެއް ހުރި މީހަކަށްވެއްޖެއްޔާ އެމީހަކާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާކަން ޒެހެންގެ ވާހަކައިން ދޭހަވާނެކަން އަޑު އަހަން ހުރި ހޫރައިންއަށް ވެސް ޔަގީންވިއެވެ. އެއްވެސް ސުވާލެއް ހޫރައިންއަށް ކުރާނޭ ފުރުޞަތެއް ޒެހެން ނުދެއެވެ. ފިރިމީހާ ކަންތައްކުރި ގޮތާމެދު ހޫރައިން ނުހަނު ބޮޑަށް ހިތްހަމަޖެހުނީ އެހެންވެއެވެ. ރަހުމާގެ ކޯލު ޒެހެން އެފަދައިން ކުރުކޮށްލިއިރު ހޫރައިންގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.
"ހޫރް. ހަމްދޫނު ގުޅީ. ކޮފީއަކަށް އަންނަން ބުނީ." ޔޫކް ނިންދަވަން ބޭއްވުމުގެ ކުރީން އެކުއްޖާ ގައި ދޮއްވަން ފާޚާނައިގަ ހުރި ހޫރައިންއާ ޒެހެން ވާހަކަދެއްކިއެވެ. ހަމްދޫނުގެ ނަން އިވުމާއެކު ހޫރައިންގެ ނަޒަރު ވަގުތުން ފާޚާނާ ދޮރުމަތީ ހުރި ޒެހެންއަށް އަމާޒުވިއެވެ. ނިތަށް ރޫގިނަވެލީ ހޫރައިންގެ ސިކުނޑިއަށް ބޮނޑިވެގަތް ސުވާލުތަކުންނެވެ.
"ކިހިނެއްވީ؟. ނުދާންވީތަ؟. ހޫރް ބުނެފިއްޔާ އަހަރެން ބުނެފާނަން ދެވޭކަށްނެތޭ." ހޫރައިންގެ މޫނުގައިވި އަސަރުތަކަށް ބަލަން އިރުކޮޅަކު ހުރެފައި ޒެހެން ވާހަކަދެއްކިއެވެ. އެއްޗެކޭ ބުނަން ބޭނުންވެފައި ހޫރައިން ހުންނަ ކަހަލައެވެ. ނަމަވެސް ތިރީތުންފަތުގައި އޭނާ ދަތްއަޅާލީއެވެ. ދެން މަޑުމަޑުން ދެފަރާތަށް ބޯހޫރާލައިފިއެވެ.
"ހޫރް..." މާނަކުރަންވީ ކިހިނެއްކަން ނޭނގޭތީ ޒެހެންއަށް އަނބިމީހާގެ ނަން ކިޔާލެވުނެވެ.
"ގޮސްލާފަ އާދޭ." ހޫރައިން ބުނެލިއެވެ.
"އިންޝާﷲ، އަންނާނަން ވަރަށް އަވަހަށް. ނުނިދައްޗޭ." ޒެހެން ބުނެލިއެވެ.
ރެސްޓޯރެންޓެއްގެ ހާމަފެންޑާއަށް އަރައިގެން އައި ޒެހެން އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އާދެވުނު ވަގުތު ޔަގީންކޮށްލާށެވެ. ރޭގަނޑު ނުވަގަޑި ފަނަރަ ހިނގައިފިއެވެ. ޖީންސުގެ އަރިމަތީ ޖީބުން ޒެހެން ފޯނު ނެގީ ހަމްދޫނަށް ގުޅާށެވެ. ނަމަވެސް ފޯނުކުރުމުގެ ކުރީން އޭނާގެ ލޮލުގައި މޭޒެއްގެ ދޮށުގައި އެކަނި އިން ހަމްދޫނު އަޅައިގަނެއްޖެއެވެ.
"ޒެހެން..." މޭޒުދޮށުން ޒެހެން ފެނުމުން ހަމްދޫނު ހިނިތުންވެލައި ގޮވާލިއެވެ. ސަލާންކޮށްލިއެވެ. އޭނާއާ ކުރިމަތިވާނޭހެން ހުރި ގޮނޑީގައި ޒެހެން އިށީނީ ދެނެވެ.
"ކޮފީއެއްތަ؟" ތަނުގައި ހަރަކާތްތެރިވަމުންދިޔަ ވެއިޓަރު އަންހެންކުއްޖާއަށް އިޝާރާތް ކުރަމުން ހަމްދޫނު އަހާލިއެވެ.
"މިހާ ލަސްވީމަ ކޮފީއެއްނޫން." ޒެހެން ބުނެލިއެވެ.
"ހޫރަށް އެނގޭތަ؟" ޒެހެންގެ އޯޑަރު ނަގައިގެން ވެއިޓަރު ކުއްޖާ ދުރަށް ޖެހިލުމާއެކު ހަމްދޫނު އަހާލިއެވެ.
"ބުނެފައެއްނު އަންނާންވާނީ." ޒެހެން ބުނެލިއެވެ.
"އަހަރެންނާ މީޓުކުރާން އައީމަ މިހާރު ހުންނާނީ ނިކަން ހާސްވެފަ." ހަމްދޫނު ބުނެލީ ޚިޔާލަކަށް ގެއްލިފައި އިނދެއެވެ. އޭނާއަށް ހޫރައިންގެ މޫނުމަތީގަ ވާނޭ އަސަރުތައް ސިފަކުރެވުނީއެވެ.
"އެއީ ކީއްވެ؟." ޒެހެންއަށް ލިބުނީ ހައިރާންކަމެވެ. ހަމްދޫނާ ބައްދަލުކޮށްލަންކަން ދާން އުޅެނީ ޒެހެން ބުނުމުން ހޫރައިންގެ މޫނުން ހިސާބެއްގެ ނުތަނަވަސްކަމެއް ފާޅުވިކަން ޒެހެންއަށް ފާހަގަވިއެވެ. އެކަން އެހެންވާނޭކަން ބުނަން ހަމްދޫނަށް އެނގުނީ ކިހިނެއް ހެއްޔެވެ. ޒެހެން ހައިރާންވާންޖެހުނީ އެހެންވެއެވެ.
"އެއީ ހޫރްގެ ވާހަކަ އަހަރެން ދައްކަފާނޭ އޭނާއަށް ހީވާތީ. އެއީ ރަނގަޅު ހީއެއް... އަހަރެން ޒެހެން މިގެނައީ ހޫރުގެ ވާހަކަ ދައްކަންވެގެން." ހަމްދޫނު ބުންޏެވެ.
"ހޫރްގެ ކޮންވާހަކައެއް." ޒެހެން އެހެން އެހިއިރު އޭނާއަށް ވެސް ހޫރައިންއާ މެދު ވިސްނާލެވުނެވެ. ހޫރައިންގެ މާޒީ އެނގޭ މީހުންގެ ތެރޭ ހަމްދޫނު ހިމެނެނީބާއެވެ. ޒެހެން ގާތު ދައްކަން އެ އުޅެނީ އެކަމާ ގުޅުން ހުރި ވާހަކައެއް ބާއެވެ.
"ޒެހެންއަށް މިހާރު ނޭނގި އޮވެދާނެކަމަކަށް ޤަބޫލެއްނުކުރަން. އޭނާއަށް ލިބިފައި ހުރި ޒަޚަމްތައް ފެނިފަ ހުންނާނީ." ހަމްދޫނު ބުނުމާއެކު ޒެހެންއަށް ހަރުކަށިކަމެއް ވެރިތަން ދުށްޓެވެ. ވާހަކަ ކުރިޔަށް ނުގެންގޮސް ހަމްދޫނު ހުއްޓާލީ އެހެންވެއެވެ. ޒެހެންގެ ފަރާތުން ލިބޭނީ ކޮންކަހަލަ އިޝާރާތެއްކަމެއް ނޭނގޭތީއެވެ.
"ޝީ އިޒް މައި ވައިފް. އަނބިމީހާގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން... ޚާއްޞަކޮށް އެ ވާހަކަ ދައްކާކަށް އެއްގޮތަކަށް ވެސް ފަސޭހައެއްނޫން. އެކަމަކު... އެކަން ހިނގީ ކީއްވެކަން އެނގެން ބޭނުން. ހަމްދޫނަށް އެނގޭތަ؟." ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޒެހެން ވާހަކަދެއްކިއެވެ. ފިނި ނޭވާއެއް ހަމްދޫނު ދޫކޮށްލުމާއެކު އޭނާ ދެފަރާތަށް ބޯހޫރާލީ މާޔޫސްކަމާއެކުއެވެ.
"އެހެންވާން މެދުވެރިވާންޖެހުނު ސަބަބެއް ނޭނގެ. ހޫރަށް އެކަމެއް ދިމާވީއިރު އަހަރެން ހުރީ ރާއްޖޭން ބޭރުގަ. ކިޔަވަން... މިހާރު މިހުރި މަޤާމަކު ވެސް ނޫން ހުރީ. ހޫރްގެ ބަޔަނާއި ފުލުހުން ތައްޔާރުކޮށްފައި އޮތް ރިޕޯޓުގައި އޮތް އެއްޗެއް ފިޔަވައި އިތުރު މަޢުލޫމާތެއް އަހަންނަކަށް ނޭނގެ. ހޫރަށް އިންސާފު ހޯދާދޭން ބޭނުންވޭ. އެ ކޭސް ރީއޯޕަން ކުރާން ބޭނުން. އެކަމަކު އެކަން ކުރެވެން އަންނަނީ ހޫރްގެ އެހީތެރިކަން ލިބިގެން."
"ތިކޮޅުން އެކަން ކުރީ ކޮންބައެއްކަން ނުހޯދޭނޭތަ؟." ހަމްދޫނުގެ ވާހަކަ އަޑު އަހަން އިނދެފައި ޒެހެން ސުވާލު ކުރިއެވެ.
"އެކަން ކުރީ ކޮންބައެއްކަން ނޭނގެއޭ ހޫރް ބުނަނީ. އައި ޑޯންޓް ބިލީވް ހާ... ހޫރް ބުނަން ބޭނުންނުވަނީ. އޭނާ ބަޔާން ދިނީ އެފަދައިން. ކޮންބައެއްކަން ނޭނގެއޭ ބުނަނީ. ޝީ ވޯޒް ބުރުޓަލީ ރޭޕްޑް... ޑަކްޓަރުންގެ ރިޕޯޓުގައި އެކަން ކަށަވަރުކޮށްދީފަ ހުރީ. ގަދަކަމުން ކޮށްފަހުރިކަމުގެ ނިޝާން ހުރިކަމާއި ހަށިގަނޑަށް ގެއްލުން ލިބިފައި ހުރިކަން މެޑިކަލް ރިޕޯޓުގަ އޮތް. ސެންސިޓިވް މެޓާއެއްވީމަ، ފުލުހުން ވަގުތު ވެސް ދިން ހޫރަށް. ބިރުގެންފަ ހުރިވަރުންނާއި ޝޮކުގެ ސަބަބުން ކުއްލިއަކަށް ހުރިހާކަމެއް ކިޔާދޭން ނޭނގިދާނޭ ކަމަށް ބަލާފަ. ނަފްސާނީގޮތުން ހޫރު ސްޓޭބަލްއެއް ނުވާނެކަން އެނގޭ. ހޫރް ދެން ވެސް ބުނީ ނޭނގެއޭ ކިޔާދޭކަށް. މީހުން ވަކިކުރާކަށް ވެސް ނޭނގޭކަމަށް. އެމީހުންގެ މޫނުތައް ނުފެންނަކަމަށް. ހޫރްގެ ފައިލް އަތާ ހަމައަށް ފޯރީ އަހަރެން ވެސް މާލެއައީމަ. މިހާރު އަހަރެން މިހުރީ ހޫރަށް އެހީވެވޭފަދަ މަޤާމެއްގަ. ހޫރު އެކަމާ ވާހަކަދައްކާތޯ މަސައްކަތް ކުރެވިއްޖެ. އޭނާ މިހާރު ބޭނުމެއްވެސް ނުވޭ އެ މައްސަލަ ބަލާކަށް. އިންސާފު ލިބޭކަށް."
"އެމީހުންނަށް އަދަބު ލިބެން އަހަރެން ވެސް ބޭނުން. ވެދާނެ ހަޤީޤަތުގައި ވެސް ހޫރަށް ކިޔައިދޭން ނޭނގެނީކަމަށް. ލިބޭ އެފަދަ ޝޮކުގައި ހަނދާންނެތުމަކީ ވެދާނެ ގޮތެއްނު. ނަފްސާނީ ގޮތުން ހޫރް ބަލިކަށިވެފައި ހުރިވަރު އަހަންނަށް އެނގޭ. އޭނާއަށް ލިބިފައި ހުރި ޒަޚަމްތައް ވެސް އަހަރެން ދުށީން. އެހެންވީމަ އޭނާގެ ޑިފެންސް މެކޭނިޒަމްއެއްގެ ގޮތުގައި ސިކުނޑި އެކަން ހަނދާންނައްތާލީކަމަށް ވެދާނެއެއްނު. އެހެންވެއްޖެނަމަ އެކަން ގަދަކަމުން ހަނދާންކުރުވުމަކީ ރަނގަޅު ގޮތެއްނޫން. ހޫރު ބޭނުންނުވާކަމަކަށް އަހަރެން ބާރެއް ނާޅާނަން... އަސްލު އަހަރެން ވެސް ސުވާލު އުފެދޭ. އެހެންވީ ކީއްވެކަން އެނގެން ވެސް ބޭނުން. އެކަމަކު ޖަވާބު ހޯދާކަށް ހޫރަށް މަޖުބޫރެއް ނުކުރާނަން."
"ޒެހެން ވެސް ތިބުނަނީ އަހަރެން ކައިރީ މިކަން ހުއްޓާލާށޭތަ؟. ހޫރަށް އެހެން ހެދި ބަޔަކު ހޯދުން މުހިންމެއްނޫނޭތަ؟." ހަމްދޫނު ބުންޏެވެ.
"އަހަރެން ވެސް އެނގެން ބޭނުމޭ ދޯ މިބުނީ. އެކަމަކު ހޫރުގެ ރުހުމުގަ ނޫނީ އެއްވެސް ކަމެއް ނުވާނެ. އަހަރެން އޭނާގެ ފިރިމީހާއަށްވިޔަސް އެ މާޒީ ނިއުޅާކަށް މަޖުބޫރެއް ނުކުރާނަމޭ މިބުނަނީ. ހޫރު އަމިއްލައަށް ކިޔާދިނުން އޮތީ. އޭނާ އަހަންނަށް ކިޔާދީފިނަމަ އަދި މައްސަލަ ބަލަން އޭނާ ބޭނުންވެއްޖެނަމަ އަހަރެން ހަމްދޫނާ ކޮންޓެކްޓު ކުރާނަން. އޭގެ ކުރިއަކުން އަހަންނަށްނެތް ހަމްދޫނު ބުންޏަސް މިކަމުގައި ކުރެވޭނެކަމެއް. ފަހަރެއްގައި މީ ހޫރަށް އެންމެ ރަނގަޅުގޮތް ކަންނޭނގެ." ޒެހެން ބުންޏެވެ.
"ސޮރީ... މޭބީ އައި ކްރޮސްޑް ދި ލައިން." ހަމްދޫނު މަޑުމަޑުން ބުނެލިއެވެ.
"ނޫން. ލައިނެއް ކުރޮސްއެއް ނުކުރޭ... ހޫރުއަކީ ތި ޢާއިލާއާ ކިހާ ގާތްކުއްޖެއްކަން އަހަންނަށް އެނގޭ. އެކަން ހޫރަށް ދިމާވިއިރު އެހީނުވެވުމަކީ ހަމްދޫނުގެ މައްސަލައެއްނޫން. ހޫރަށް އިންސާފު ލިބެން އޭނާދެކެ ލޯބިވާ އެންމެން ވެސް އެދޭނެ. އެކަމަކު އަހަރެމެން ބޭނުންވާގޮތަށްވުރެ މުހިންމީ ހޫރައިން ދެކޭ ގޮތް. އޭނާ ބޭނުންވާގޮތް. އޭނާ މިހުރިހާކަމަށް ރެޑީތޯ..."
ޒެހެންގެ ވާހަކައާ އެއްބަސްވާ ފަދައަކުން ހަމްދޫނު ބޯޖަހާލިއެވެ. ހޫރައިންދެކެ ހަސީނާ ލޯބިވާވަރު ހަމްދޫނަށް އެނގެއެވެ. ހަޔާތުގައި މަންމަ ގިސްލާ ރޮމުން ހަދާނޭގޮތް ހުސްވެފައި ހުއްޓާ އޭނާ ދުށީ ހޫރައިންއަށް ދިމާވި ހާދިސާއާ ގުޅިގެންނެވެ. އެހެންނޫނީ ދަރީންގެ ކުރިމަތީ މަންމަ ދުވަހަކުވެސް ރޮއެފައެއް ނެތެވެ.
* * * * *
ހޫރައިންއާއި ޒެހެންގެ ކައިވެންޏަށް ހަތަރު މަސްވީއިރު ދެމަފިރިންގެ ގުޅުންވަނީ ވަރުގަދަވެފައެވެ. އެހެންވިޔަސް ކަންކަމުގައި އިސްނަގަންޖެހޭ މީހަކަށްވެފައި އޮންނަނީ ޒެހެންނެވެ. ހޫރައިންގެ ލަދުރަކިކަމާއި ބަސްމަދުކަމަށް ބަދަލެއް ނާދެއެވެ. ޒެހެންގެ ހިތުގައި އަނބިމީހާގެ މައްޗަށްވާ ލޯބި ދުވަހަކަށްވުރެ ދުވަހެއް އައީ މޫލައި ފޯދެމުންނެވެ.
ރޭގަނޑުގެ ވަގުތެވެ. ޔޫކް ނިދަން ތައްޔާރުކޮށް އެކުއްޖާ ތަންމަތީގައި އޮށޯތުމުން އެނދުގެ މަގަތުން ޒެހެން އިށީނެވެ. ޔޫކްގެ ގައިމަތިން ރަޖާ ރަނގަޅުކޮށްލިއެވެ. ހޫރައިން ފަދައިން އެއްޗެއް ނުބަލާ އިސްލާމީ ކުޑަކުދީންނާ ގުޅޭ އިބްރަތްތެރި ވާހަކަ ކިޔާދޭކަށް ޒެހެންއަކަށް ނޭނގެއެވެ. އެހެންވެ އޭނާ ކިޔާދެނީ ފޯނުން އެފަދަ ޝައުގުވެރި ވާހަކަތައް ހޯދައިގެންނެވެ.
"ޔޫކް ރޯދައަށް ހުންނާނަން." ނިދަންވީކަން އެނގުމުން ޔޫކް ބުނެލިއެވެ. މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމާއި އެރޭ ހާރުކާން އެންމެން ތެދުވާނޭކަން އެނގުނީއްސުރެ ޔޫކު ހުރީ ރޯދަ ހިފަން ތައްޔާރުވެގެންނެވެ.
"ބައްޕަ އަންނާނަން ހާރުކާން ގޮވާން. ދެން އަވަހަށް ނިދާ... ދުޢާ ކިޔާފަ ގިނަ ވާހަކަދައްކާކަށް ނުވާނެ." ޒެހެން ބުންޏެވެ.
ޔޫކްގެ ކައިރިން ޒެހެން ތެދުވިއެވެ. ރަޖާ ރަނގަޅުކޮށްލުމާއެކު ޔޫކްގެ ނިތްކުރީގައި ޒެހެން ބޮސްދިނެވެ. މަޑުމަޑުން އަވަހަށް ނިދާށޭ ބުނެލުމާއެކު ބައްޕަ ވަރަށް ލޯބިވާކަން ބުނެ ޔޫކްގެ ބޮލުގައި ފިރުމާލިއެވެ. ދެން އޭނާ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ.
"ތެންކިޔު ޒެން... ބައްޕާ..." ޔޫކް ބުނެލިއެވެ.
ދޮރުން ނުކުންނަން އައި ޒެހެންގެ ފިޔަވަޅު މަޑުޖެހުނެވެ. އެނބުރި ޔޫކަށް ބަލާލިއެވެ. އެކުއްޖާ އޮތީ ލަދުންނެވެ. ނިކަން އަވަހަށް ލޯ މަރާލައި ނިދާކަށް ހެދުނެވެ. ޒެހެންގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.
"ޖަޒާކައްﷲ ޚައިރް ދަރިފުޅު." ލުއި ހިނިތުންވުމަކާއެކު ޒެހެން ބުނެލިއެވެ. ޔޫކް މޫނުފޮރުވާލަން އުޅޭ ފަދައިން ރަޖާ މައްޗަށް ޖައްސާލިއެވެ. ޒެހެން މަޑުމަޑުން ކޮޓަރީގެ ދޮރު ލައްޕާލުމާއެކު ނުކުތީއެވެ.
ސިޓިންރޫމު ސޯފާގައި އިން ސުމައްޔާއަށް ޒެހެން ފެނުމާއެކު ތެދުވިއެވެ. ހޫރައިން ހުރީ ސިންކު ދޮށުގައެވެ. ހާރު ދަމަށް އެއްޗެހި ތައްޔާރުކޮށްފައި ސިންކަށް އެޅި ތަށިތައް ދޮންނާށެވެ.
"މަންމަ ދަނީތަ؟" ޒެހެން އަހާލިއެވެ.
"ނިދާގަޑި ޖެހުނީނު." ހިނިތުންވުމަކާއެކު ސުމައްޔާ ބުނެލިއެވެ.
"އަދި އެހާ ލަހެއްނުވެއެއްނު." ޒެހެން ބުނެލިއެވެ.
"ދެ ކުދީން ތިބެލާ. މަންމަ އޮށޯވެލަން މިދަނީ." ސުމައްޔާ ބުންޏެވެ.
ވަޒީފާގައި އުޅެފައި ގެއަށް އަންނަ ޒެހެންއަށް އަނބިމީހާއާއެކު އެކަނިވެލާނޭ ވަގުތެއް ވަނީ ޔޫކް ނިދީމަކަން ސުމައްޔާއަށް އެނގެއެވެ. އެހެންވެ އެގަޑީގައި އެ އެޕާޓްމެންޓުގައި ނީނދެ ނުކުންނަން ސުމައްޔާ ފަރުވާތެރިވެއެވެ. އޭނާގެ ފަހަތުން ޒެހެން އައެވެ. ޖެހިގެން ހުންނަ އެޕާޓްމެންޓަށް ސުމައްޔާ ވަންނަންދެން ދޮރުގައި ހިފަހައްޓާލައިގެން ބަލަން ޒެހެން ހުއްޓެވެ. ދޮރުތަޅުލައިގެން އުޅޭން ޒެހެން ހަނދާންކޮށްދިނެވެ. ގޭތެރެއަށް ޒެހެންވަނީ ދެނެވެ. އޭނާ އައިސް ހޫރައިންގެ ފުރަގަހުން ބަނޑުގައި ދެއަތް ވަށާލުމާއެކު ބައްދާލިއެވެ. ގުދުވެލައި ހޫރައިންގެ ކޯތާފަތުގައި ބޮސްދިނެވެ.
"ގެނޭ އަހަރެން ދޮވެލަދޭނަން." ޒެހެން ބުނެލިއެވެ.
"މި ނިމުނީ... ޔޫކަށް ނިދުނީތަ؟" ހޫރައިން ބުންޏެވެ.
"ނުނިދޭ އައިއިރު... އެކަމަކު މިރޭ ވަރަށް އުފާވެއްޖެ. ޔޫކް އަހަންނަށް ބައްޕަ ކިޔައިފި... ޒެން ބައްޕައޭ ބުނީ. ޒެން ކަނޑާލާފައި ބައްޕަ އެކަންޏަށް އަހަންނަށް ވެވޭނީ ކޮންދުވަހަކުންބާއޭ ހިތަށް އަރަނީ." ހިނިއައިސްފަ ހުރެ ޒެހެން ބުނެލިއެވެ.
"އިންޝާﷲ... ވަރަށް އަވަހަށް." ހޫރައިން ހިނިތުންވެލިއެވެ.
"ޔަގީންތަ؟" ޒެހެން އަހާލިއެވެ. އެއާއެކު ހޫރައިން ހޫން ލައްވާލިއެވެ.
"ޒެން ގެއަށް ނައިސްގެން ޔޫކް ހުންނަނީ. ޒެންއާއެކު ހަވީރު ދުއްވާލަން ދިއުން އާދައަކަށް ހަދައިފި. ކުރީން އެއްގޮތަކަށް ވެސް ބޭނުމެއްނުވާނެ. ބައެއް ދުވަސްދުވަހު އަހަރެން ޕާކަށްދާން ބުނަން. އެކަމަކު ބުނާނީ ނުދާނަމޭ... ޔޫކް ދާހިތެއްނުވެޔޭ. ގޭގަ ހުންނަން ބޭނުންވާނީ."
"ހީ ވޯޒް ޕްރޮޓެކްޓިން ޔޫ. ބަޓް ހިސް އޭޖް ހޭސް އަ ލިމިޓް. އެ ކުޑަކުޑަ ހަށިގަނޑުގައި ބާރެއްނެތްކަން އެނގޭތީ، އޭނާއަށް ހޫރް ރައްކާތެރިކޮށްދެއްވެން އޮތްގޮތަކީ އެއީކަން އެނގޭތީ އެހެން ހަދަނީ. އަހަރެން ކައިރީ ޕާކަށް ގޮސްފައި ހޫރް ކައިރީ މަޑުކުރަން ބުނަނީ ކީއްވެކަން އެނގޭ. އިރުއިރުކޮޅާ ކުޅޭން އުޅެމުން ހޫރަށް އޭނާ ބަލާވަރު ދުށީން.... އެއީ އެންމެ ފަސް އަހަރުގެ ކުއްޖަކު އުޅޭނޭ ގޮތެއްނޫން. އޭނާއަށް އެނގޭ އޭނާގެ މަންމައަށް ހުރަސްތަކެއް އެބަހުރިކަން. އޭނާއަށް އެނގޭ މިހާރު އޭނާގެ މަންމަ ރައްކާތެރިކުރާނޭ މީހަކު އަތުވެއްޖެކަން. އަހަންނަށް އިތުބާރުކުރެވިދާނޭކަން. ޑޯންޓް ވޮރީ... ފްރޮމް ނައު އޮން އައި ވިލް ޕްރޮޓެކްޓް ޔޫ ޓޫ."
"ޔޫކް ވަރަށް ލޯބިވޭ ޒެންދެކެ. އެ ދަރިފުޅު އެވަނީ ވަރަށް ބޮޑަށް ޒެން ބަލައިގެންފަ..." ހުރައިން ދެއަތުން ފެން ފުހެލުމާއެކު ފަހަތުން ޒެހެންގެ ގައިގާ ލައްވެލިއެވެ.
"ޔޫކްގެ މަންމަ ޒެންދެކެ ލޯބިވޭތަ؟." ސިއްރެއް ބުނެލިހާ މަޑުން ހޫރައިންގެ ކަންފަތް ދޮށުގައި ޒެހެން އަހާލިއެވެ. (ނުނިމޭ)