މާލޭ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ގެނައުމަށް އަޅަން ނިންމާފައިވާ ޕާކިން އިމާރާތްތައް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާލެ ސިޓީ ކައުންސިލުން އެ ފުރުސަތު ހުޅުވާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފައިވަނީ މާލޭގެ ހަތަރު ތަނަކާއި ވިލިމާލޭގައި ޕާކިން ބިލްޑިން އެޅުމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ކުރިން ރިކްއެސްޓް ފޯ ޕްރޮޕޯސަލް ހުށަހަޅަންޖެހެ އެވެ.
ސިޓީ ކައުންސިލުން ނިންމާފައިވަނީ ޕާކިން ބިލްޑިން އެޅުމަށް ޝައުގުވެރިވާ ފަރާތަކަށް ދިގު މުއްދަތަކަށް ބިން ދިނުމަށެވެ.
ސިޓީ ކައުންސިލަށާއި އިމާރާތްތައް ހަދާ ފަރާތްތަކަށް ވެސް އާމްދަނީއެއް ލިބޭ ގޮތަށް ޕާކިން ބިލްޑިން ހަދަނީ ޕާކް ކުރުމަށް ހާއްސަ ފްލޯތަކަކާއި ވިޔަފާރީގެ ބޭނުމަށް ހާއްސަ ކުރާ ފްލޯތަކަކާ އެކު އެވެ.
އިމާރާތްތައް އެޅުމަށް ޝައުގުވެރިވާ ދިވެހި ކުންފުންޏެއްނަމަ ސެކިއުރިޓީއެއްގެ ގޮތުގައި އެއް މިލިއަން ރުފިޔާ އަދި ބޭރުގެ ކުންފުންޏެއް ނަމަ 6،000 ޑޮލަރު ހުށަހަޅަންޖެހެ އެވެ.
މާލޭގައި ޕާކިން އިމާރާތްތައް އެޅުމަށް ބޭނުންވާ ބިން ކަނޑައަޅައި އެ މަސައްކަތުގެ ޕްލޭން، މާލެ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތުން މީގެކުރިން ވަނީ ފާސްކޮށްފަ އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވީ ޕާކިން އިމާރާތްތައް އެޅުމަށް އިންވެސްޓަރުން ހޯދައިގެން ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެ މަސައްކަތް ކުރަން ނިންމީ އެ މަސައްކަތަށް ބަޖެޓް ހަމަޖެއްސުމަކީ ކައުންސިލާއި ސަރުކާރަށް ފަސޭހަ ކަމަކަށް ނުވާނެތީ ކަމަށެވެ.
ސިޓީ ކައުންސިލުން ނިންމާފައިވަނީ ޕާކިން އިމާރާތްތައް ހެދޭ ވަރަކުން މާލޭގެ މަގުތަކާއި އަދި ހުސްބިންތަކުގައި ޕާކް ކުރުމަށް ކުއްޔަށް ދޫކޮށްފައި ހުރި ޕާކިން ސްލޮޓްތައް ހުސްކޮށް، ވެހިކަލްތައް ޕާކިން އިމާރާތްތަކަށް ބަދަލުކުރުމަށެވެ. އޭރުން މާލޭ ސަރަހައްދުގެ ޕާކިންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މޭޔަރު އުއްމީދު ކުރައްވަ އެވެ.
ޕާކިން އިމާރާތްތަކެއް މާލެ ސަރަހައްދުގައި އެޅުމަކީ ރައީސް ސޯލިހުގެ ވެސް ވައުދެކެވެ. އެ މަސައްކަތް ކުރުމަށް 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 62.5 މިލިއަން ރުފިޔާ ވެސް ހިމެނި އެވެ. އެ މަސައްކަތަށް 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ވެސް ބަޖެޓް ކަނޑައެޅި އެވެ. ނަމަވެސް އެ މަސައްކަތް ސަރުކާރުން އަދި ފަށާފައެއް ނުވެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގެ ޕާކިން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރީ މެކޭނިކަލް ޕާކިން ސިސްޓަމްތައް މެދުވެރިކޮށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މާލެއާއި ހުޅުމާލޭގައި ބައެއް ސިސްޓަމްތައް ބެހެއްޓި ނަމަވެސް އެތަކެތި ބޭނުންކޮށްފައެއް ނުވެ އެވެ. އަދި މާލޭގައި ބެހެއްޓި އެފަދަ ސިސްޓަމްތައް މިހާރު ވަނީ ނަގާފަ އެވެ. ހުޅުމާލޭގައި ބެހެއްޓި ޕާކިން ސިސްޓަމްތައް އަދިވެސް އެބަހުއްޓެވެ.