ލައިފްސްޓައިލް

މިފަހަރު ފުން ވަޅަކަށް ވެއްޓިގެން އުޅެނީ އިންޑިޔާ ކުއްޖެއް!

ފުން ކޮށް ކޮނެފައި ހުންނަ ހަނި ވަޅުވަޅަށް ކުދިން ވެއްޓިގެން އެ ކުދިން ނަގަން ކުރާ މަސައްކަތުގެ ވާހަކަތައް މިހާރަކަށް އައިސް ވަރަށް ގިނައިން އިވެ އެވެ. އެތައް ދުވަހެއް ވަންދެން އެންމެން ނޭވާ ހިފަހައްޓާލައިގެން ކުއްޖާއަށް ވާނެގޮތެއް ނޭނގި ކަންބޮޑުވެފައި ތިބެ އެވެ. ގިނަ ފަހަރަށް މިފަދަ ކުދިން ސަލާމަތް ކުރެވޭއިރު އެކުދިންގެ ފުރާނައެއް ނުހުރެ އެވެ. މިހާރު އަނެއްކާވެސް މިފަދަ ހާދިސާއެއް އިންޑިޔާގެ ރަށެއްގައި ހިނގައިގެން އެބަ އުޅެ އެވެ.

މަދްޔަ ޕްރަދޭޝްގެ ޑޯމާ ޑިސްޓްރިކްޓްގެ ބަރްކެޑާ ވައިޝްޔާ އަވަށުގައި ދިރިއުޅޭ ހަތް އަހަރުގެ މި ކުއްޖާ ވެއްޓުނީ 300 ފޫޓު ފުން ވަޅަކަށް ނަމަވެސް 15 ފޫޓާ 20 ފޫޓާ ދެމެދުގެ ހިސާބެއްގައި ކުއްޖާ ތާށިވެފައި އެންމެ ތިރިއަށް ނުވެއްޓި އެބަހުރި ކަމަށް ވެއެވެ.

މިއީ އިންޑިޔާގައި ފާއިތުވީ ހަތަރު ދުވަސް ތެރޭ ހިނގި މިފަދަ ދެ ވަނަ ހާދިސާ އެވެ.

ޕްރިޔަންޝް ނަމަކަށް ކިޔާ މި ކުއްޖާ ވެއްޓުނީ އޭނާގެ ބައްޕަ ދަރުމެންދުރަ އަތުޔާގެ އަމިއްލަ ދަނޑެއްގައި ކޮނެފައިވާ ވަޅަކަށްކަމަށް ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ އުމައިރާ ޑިސްޓްރިކްޓްގައި އޮންނަ ބަދަރުޗާދު އަވަށުގައި މީގެ ހަތަރު ދުވަސް ކުރިން ހަމަ މިފަދަ ހާދިސާއެއް ހިނގާފައިވަނިކޮށެވެ. އެ ހާދިސާގައި ތިން އަހަރުގެ ކުއްޖަކު ވެއްޓުނީ 200 ފޫޓު ފުން ވަޅަކަށެވެ. ބުރާސްފަތި ދުވަހު ވެއްޓުނު ކުއްޖާ ނެގުނީ ހުކުރު ދުވަހު ދުވަހުގެ ފަތިހު 4.00 ހާއިރު އެވެ. ކުއްޖާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފަ އެވެ. މި ކުއްޖާ މަރުވީ ވަޅުގައި ފެން ހުރުމުން ގެނބިގެންނެވެ.