އަހުމަދު މަހްލޫފު

ދަނޑުތައް ލަސްވާތީ އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދީފި

ރާއްޖޭގެ ބައެއް ރަށްރަށުގެ ޓާފް ދަނޑުތައް އަޅާ ނުނިމޭތީ ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ރައްދު ދެއްވައިފި އެވެ.

މަހުލޫފް މިއަދު މަޖިލީހަށް ހާޒިރުކުރީ ތ. ވޭމަންޑޫ ޒުވާނުންގެ މަރުކަޒު ތަރައްގީކުރުމާ ގުޅޭ ގޮތުން އޭނާއާ ސުވާލުކުރުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އެދިވަޑައިގަތުމުންނެވެ. އެ ފުރުސަތުގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ އޭނާ ތަމްސީލުކުރައްވާ ރ. މީދޫގެ ޓާފް ދަނޑުގެ މަސައްކަތް ނުނިމޭތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރައްވާފަ އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ މީދޫއާއި އެހެނިހެން ބައެއް ރަށްރަށުގެ ދަނޑު ނުނިމިގެން އުޅެނީ ޔޫތު މިނިސްޓްރީގެ މަސައްކަތްތައް ލަސްވެގެން ނޫން ކަމަށެވެ. ނަމަވެސް ކުރަން ޖެހޭ މަސައްކަތްތައް އިންތިހާއަށް ގިނަވުމުގެ ސަބަބުން އެންމެ ބޭނުންވާ ސްޕީޑުގައި ހުރިހާ ކަމެއް ނުނިންމޭތީ ކަމަށެވެ.

ރާއްޖޭގައި ޓާފް ދަނޑުގެ މަސައްކަތްތައް ކުރިއަށް ދަނީ ރަނގަޅަކަށް ކަމަށް ވިދާޅުވެ އެ މަސައްކަތް އިނގިރޭސިވިލާތުގައި ކުރެވެމުންދާ ސްޕީޑާ ވެސް އަޅާ ކިޔުއްވި އެވެ.

"އިނގިރޭސިވިލާތުގައި އަޅާފައި ހުރީ 600 ވަރަަކަށް ޓާފް ދަނޑު. އެއީ 111،000 މީހަކަށް ދަނޑެއް. މިހާރު ރާއްޖޭގައި އަޅުގަނޑުމެން މިވީ ތިން އަހަރުގެ ތެރޭގައި 30 ދަނޑު ނިންމީމަ މިހާރު ރާއްޖޭގައި 11،000 މީހުންނަށް މިހާރުވެސް ދަނޑެއް އެބައިން. އަޅުގަނޑުމެން މިހާރު މި ކުރާ މަސައްކަތް ނިމުނީމަ 4000 އެއްހާ މީހުންނަށް ދަނޑެއް. އެއީ ރާއްޖެ ބެހިފައިވެސް އޮތް ގޮތުން. އެހެންވީމާ ކުރިއަށް މަސައްކަތްތައް ދާތީ އަޅުގަނޑު އުފާކުރަމޭ" މަހުލޫފް ވިދާޅުވި އެވެ.

ރ. މީދޫގެ ޓާފް ދަނޑުގެ މަސައްކަތް ނުނިމޭތީ އެރަށުގެ ޒުވާނުންތަކެއް ނުރުހިގެން ވަނީ އެ ދަނޑުގައި މިރުސް ގަހެއް ވެސް އިންދާފަ އެވެ.

މަހުލޫފް މިއަދު ވިދާޅުވީ އެ އަމަލުގެ ސަބަބުން އެ ދަނޑު ހެދުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި އެ ދަނޑުގެ މަސައްކަތާ ނުކުޅުމަށް އިލްތިމާސް ކުރެއްވި އެވެ.