މާލޭގެ މަގުތަކުގައި އުޅަނދުތައް ބާއްވައިގެން މުދާ އަރުވާ ބޭލުމަށް ކުލި ދައްކާ ގޮތަށް ސްލޮޓް ހަމަޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން މަގު ބަންދުވާ ގޮތަށް ބައެއް މީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެފަދަ ފަރާތްތަކުން މިއަދުން ފެށިގެން އަންނަ މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކައުންސިލުން ދޫކުރާ "ވަކިކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި ހުށަހެޅުމުން އެތަންތަނުގެ ކުރިމަތީގައި ޕާކް ނުކުރެވޭ ގޮތަށް ދެ ރޮނގު ދަމައިދޭނެ ކަމަށް އިއުލާންގައިވެ އެވެ.
މީގެއިތުރުން މުދާ އަރުވާ ބޭލުމަށް ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތަކުގައި މުދާ އަރުވާ ބޭލުމަށް ކުލި ދައްކާ ގޮތަށް ސްލޮޓް ހަމަޖެއްސުމަށް އެދި މިއަދުން ފެށިގެން އަންނަ މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކައުންސިލަށް ހުށަހެޅުމުން އެ ސަރަހައްދު ޗެކުކުރުމަށްފަހު، އެ ތަނަކީ ސްލޮޓު ހަމަޖައްސައިދެވޭ ކަހަލަ ތަނެއް ކަމުގައިވާނަމަ އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
"އަދި މިކައުންސިލުގެ ހުއްދަ ނެތި ބޭނުންކުރަމުންދާ މިފަދަ ތަންތަނުގެ ކުރިމަތީގައި ބެހެއްޓިފައި ހުންނަ ޕެލެޓްތައް މިމުއްދަތުގެ ފަހުން ނެގޭނެ ވާހަކަ ދަންނަވަމެވެ." އިއުލާންގައިވެ އެވެ.
މާލޭގެ މަގުތައް ބަންދުވާ ގޮތަށް އަދި އާންމު ޕާކިން ޒޯންތަކުގައި އުޅަނދުތަކަށް ޕާކް ނުކުރެވޭ ގޮތަށް ހަތަރު ފުރޮޅުލީ އުޅަނދުތައް ބާއްވައިގެން މުދާ އަރުވާ ބޭލުމާއި، ބައެއް ސަރަަހައްދު ތަކުގައި ޕެލެޓް ބަހައްޓާފައި ހުރުމަކީ އާންމުންގެ ވަރަށް ގިނަ ޝަކުވާ ކައުންސިލަށް ލިބެމުންދާ މައްސަލަ އެކެވެ.