ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެން ޖެހުމުން އެއްވެސް އުޒުރެއް ދައްކައިގެން ނުވާނެ ކަމަށާއި އިންޑިޔާއިން ސާފް ސުޒުކީ ކަޕްގެ ތަށި ހޯދަން ބޭނުން ކަމަށް ކެޕްޓަން ސުނިލް ޗެތްރީ ބުނެފި އެވެ.
މުބާރާތުގެ އޮފިޝަލް ޕްރެސް ކޮންފަރެންސަށް ފަހު ވާހަކަ ދައްކަމުން ޗެތްރީ ބުނީ ހުސްވި ސީޒަނުގައި އޭނާ 58 މެޗު ކުޅުމުގެ ސަބަބުން އަރާމު ކުރަން ބޭނުންވެފައި ހުރި ކަމަށެވެ. ނަމަވެސް ގައުމީ ޓީމަށް ކުޅެން ޖެހުމުން އެއްވެސް ޝަކުވާއެއްނެތް ކަމަށާއި ތަށި ހޯދަން އޭނާ ބޭނުންވާ ކަމަށެވެ.
"ތެދެއް އަހަރެންގެ ކުލަބުން އަހަރެން ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ދިއުމަށް ހުރަސްއެޅި. އަހަރެން އެކަންޏެއްނޫން. ހުރިހާ ކުޅުންތެރިންނަށް ކުލަބުން އަމަލުކުރީ އެއްގޮތަކަށް. އެއީ ކުލަބުގެ ނިންމުމެއް. އެކަމަކު ގައުމީ ޓީމަށް ކުޅެން އަހަރެންގެ ޝަކުވާއެއްނެތް. އޮވެގެނުވާނެ. އަހަރުމެން ތަމްސީލު މިކުރަނީ އިންޑިޔާ. އިންޑިޔާ އަށް 100 ޕަސެންޓް ދޭންޖެހޭނެ. އެއީ މަޖުބޫރުކަމެއް،" ޗެތްރީ ބުންޏެވެ.
އިންޑިޔާގައި 2011 ވަނަ އަހަރު ބޭއްވި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޗެތްރީ ބުނީ އަމިއްލަ ގައުމުގައި ކުޅޭއިރު ޕްރެޝަރު އޮންނާނެ ކަމަށާއި ނަމަވެސް ޒުވާން ކުޅުންތެރިންނަށް މިއީ ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ.
"އެމީހުން ގައުމީ ޓީމުގައި ތިބުމަށް މި މުބާރާތުން ފުރުސަތު ލިބިގެންދާނެ. އަދި ޒުވާން ކުޅުންތެރިންނާއި އަހަރުމެން ގިނަ ދުވަހު ކުޅެފައި ތިބި މީހުން އެއްކޮށް ޕްރެކްޓިސްކޮށްލުމުން ވަރަށް ބޮޑަށް ޓީމަށް ކުރިއެރުން ލިބިއްޖެ މިދިޔަ ކުޑަދުވަސްކޮޅުގައި ވެސް. އަހަރުމެންގެ އަމާޒަކީ ތަށި،" ޗެތްރީ ބުންޏެވެ.
އޭނާ ބުނީ މުބާރާތުގައި އެންމެ ވަރުގަދަވާނީ ޗެމްޕިއަން އަފްގާނިސްތާނާއި ދިވެހިރާއްޖެ ކަމަށެވެ.
"އަހަރުމެން ވަރަށް ލަކީއޭ ބުނެވޭނީ އެ ދެ ޓީމުނެތް ގްރޫޕަށް ދިއުމުން. އެއީ އެންމެ ވަރުގަދަ ދެ ޓީމު. ހުރިހާ ޓީމެއް ވެސް ވަރުގަދަވާނެ. އެކަމަކު އަފްގާނިސްތާާނާއި ރާއްޖެ ތަފާތުވާނެ،" ޗެތްރީ ބުންޏެވެ.
މުބާރާތުގެ އިންތިޒާމްތައް ދަށްކޮށް ހުރި ނަމަވެސް ޗެތްރީ ބުނީ އެކަމާ ނުވިސްނަން ކުޅުންތެރިންގާތު އޭނާ ވާނީ ބުނެފައި ކަމަށެވެ. އަދި ހުރިހާ ކުޅުންތެރިން ވެސް ވިސްނަނީ ކުރިއަށް އޮތް މެޗަށް ކަމަށާއި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކާމިޔާބު ހޯދުމުގެ މުހިންމުކަން އޭނާގެ ކުޅުންތެރިންނަށް ވިސްނައިދެމުން އަންނަ ކަމަށެވެ.