އިންޑިޔާގައި މިއަދު ފަށާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތަށް ގައުމީ ފުޓްބޯޅަ ޓީމު މިރޭ ޓްރިވެންޑްރަމަށް އައުމުން ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ސަގާފީ ބައެއް އައިޓަމްތައް ޓީމުގެ ޝަރަފުގައި ހުށަހަޅައިދިން އިރު ޓްރިވެންޑަރަމް އެއާޕޯޓުން ޓީމަށް މަރުހަބާ ކިޔާފައިވަނީ ޓްރިވެންޑަރަމުގައި ހުންނަވާ ދިވެހި ކޮންސުލް އަލީ އާދަމް އެވެ.
ޓީމު އައީ ދަންވަރު ނަމަވެސް ކޮންމެވެސް ވަރަަކަށް ދިވެހިން ވެސް ޓީމަށް މަރުހަބާކިޔަން ގޮސްތިބި އިރު މާދަމާ ބޫޓާނާއެކު ރާއްޖެ ކުޅޭ މެޗަށް ވަނުމަށް ސަޕޯޓަރުން ދަނީ ތައްޔާރުވަމުންނެވެ.
ޓީމަށް މަރުހަބާ ކިއުމަށް ސަޕޯޓަރުން ހާއްސަ ބެނާއެއްވެސް ހިފައިގެން ތިއްބެވެ. އެއީ މި ފަހަރުގެ މުބާރާތަށް އެފްއޭއެމުން ކަނޑައަޅާފައިވާ މިފަހަރު އަހަރުމެންގެ ފަހުރު – ޔަގީން ޖަހާފައިވާ ބެނާއެެކެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ ޗެމްޕިއަން އަފްގާނިސްތާނާއި ބަނގްލަދޭޝް އަދި ބޫޓާނާއެކު ގްރޫޕް ބީގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މާދަމާ ކުޅޭނީ ބޫޓާނާއެވެ. ހޮނިހިރު ދުވަހު ކުޅޭނީ ބަނގްލަދޭޝްއާ އެވެ. ހޯމަ ދުވަހު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކުޅޭނީ އަފްގާނިސްތާނާ އެވެ.
މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމު ތިބެނީ ތާޖް ހޮޓަލުގަ އެވެ.