މިފްކޯ އިން ވިއްކާ މަސްދަޅުގެ އަގު ބޮޑުވާނެ ކަމަށް އެ ކުންފުނިން ކުރި އިއުލާނާއި ގުޅިގެން ހެޔޮ އަގުގައި މަސްދަޅު ގަންނަން އެތައް ބަޔަކު ކިއުގައި ޖެހިއްޖެ އެވެ.
މާޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މަސް ގަންނަ އަގު ބޮޑު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އަދި ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން އިއްވެވި ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވަނީ އެކަން ހާމަކުރައްވާފައެވެ.
ސަރުކާރުގެ އެ ނިންމުމާއެކު މިފްކޯއިން ވަނީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު މާދަމާއިން ފެށިގެން ބޮޑު ކުރުމަށް ނިންމާފައެވެ. ރައީސް ވިދާޅުވީ މާޗް މަހުން ފެށިގެން މިފްކޯއަށް މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަަސް ކިލޯއެއްގެ އަގު ހުރި މިންވަރަކަށް ބެލުމަށް ފަހު ކަމަށެވެ.
މިފްކޯއިން އަންދާޒާ ކުރާ ގޮތުން މަސް ގަންނަ އަގަށް އަންނަ ބަދަލާއެކު ކޭހަކުން 60 ރުފިޔާ އަގު ބޮޑުވާނެ އެވެ.
މިރޭ އިޝާ ނަމާދަށް ފަހު މިފްކޯގެ ފިހާރަތައް ހުޅުވިިއިރު ފިހާރަތައް ކައިރީ ދިގު ކިއުތައް އޮތެވެ. ވިޔަފާރިވެރިންނާއި އާންމުންވެސް ގެންދަނީ ކިއުގައި ތިބެގެން ގިނަ އަދަދަކަށް މަސްދަޅު ކޭސް ގަންނަމުންނެވެ.
މާލޭގައި ހުންނަ މިފްކޯގެ ދެ އައުޓްލެޓްގައިވެސް ގިނަ އަދަދަކަށް މީހުން އެބަ ތިއްބެވެ.
ކުރިއަށް އޮތީ ރޯދަ މަހަށްވެފައި މަސްދަޅުގެ އަގު ބޮޑުކުރަން ނިންމުމުން ވަރަށް ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.