ދެކުނު އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ ސާފުން ކުޅުންތެރިންގެ ސަލާމަތަށް ވިސްނަންވެއްޖެ ކަމަށާއި އެކަން ކުރުމަށްޓަކައި މިހާރަށްވުރެ ސާފް ޗެމްޕިއަންޝިޕުގެ އިންތިޒާމްތައް ރަނގަޅު ކުރަންޖެހޭ ކަމަށް އިންޑިޔާއިން ބުނެފި އެވެ.
ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނީ އިންޑިޔާގައި މިއަދު ސާފް ސުޒުކީ ކަޕަުގެ ނަމުގައި ސާފް ޗެމްޕިއަންޝިޕުގެ އަށް ވަނަ މުބާރާތް ފަށާއިރު ކޮންމެ މުބާރާތެއްގައި އިވެނީ ސާފުގެ އިންތިޒާމްތައް ދަށް ވާހަކަ ކަމަށެވެ.
"ސާފުން އެބަޖެހޭ އަމިއްލަ އަށް ވިސްނާލަން. އަހަރެން މިހާތަނަށް ތިނެއް ނުވަތަ ހަތަރު ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވެއްޖައިން. ކޮންމެ މުބާރާތެއްގައި އިވެނީ މިކަހަލަ ވާހަކަތަކެއް. މިއީ ރަނގަޅު ގޮތެއްނޫން. ސާފުން އަބަދުވެސް ދައްކަނީ އެއްވާހަކަ އެއް. މުބާރާތް އެމީހުން ރަނގަޅަށް ބާއްވަން މަސައްކަތް ކުރާވާހަކަ. ކުޅުންތެރިންގެ ރައްކާތެރިކަން ޔަގީންކޮށްދޭނެ ވާހަކަ ބުނާނެ. އެކަމަކު ހުރިހާ ޓީމެއް އެއްތަނަކަަށް (އެއް ހޮޓަލަކަށް) ގެނެސްގެން ޓްރޭނިން ކުރެވޭނެ ދަނޑުތަކެއް ވެސް ނެތި މިކަމެއް ނުކުރެވޭނެ. މިއީ ވަރަށް ބޮޑު ގޯހެއް،" ކޮންސްޓެންޓިން ބުންޏެވެ.
އިނގިރޭސި ކޯޗު އަދި ބުނީ މުބާރާތުގެ އިންތިޒާމްތައް ގޯސްވަނީ އިންޑިޔާގައި މުބާރާތް ބާއްވާތީ ނޫން ކަމަށާއި ހުރިހާ ވެސް މައްސަލައަކީ ސާފް ކަމަށެވެ.
"މިއީ އިންޑިޔާ ފެޑަރޭޝަނުގެ މައްސަލައެއްނޫން. މިއީ ސާފުގެ މައްސަލައެއް. ކަލޭމެން ގޮސް ބަލާބަލަ ޔޫއޭފާ (ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ)އިން ކަންތައްކުރަނީ ކިހިނެތްތޯ؟،" ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިހުރެ ކޯޗު ބުންޏެވެ.
އޭނާ ބުނީ އިންޑިޔާ ޓީމު ތިބޭ ހިލްޓަން ހޮޓަލުގައި ކޮޓަރިއަށް ނުދެވިފައި އޭނާ ފަސް ގަޑިއިރު އިންނަން ޖެހުނު ކަމަށެވެ.
"މިކަމާ ޒިންމާވާނީ ކާކު؟ ސާފުން ޒިންމާ ނުނަގާނެ. އެއްވެސް މީހަކު ޒިންމާ ނުނަގާނެ. އެކަމަކު މިކަން މިގޮތަކަށް އަބަދަކު ނުކުރެވޭނެ،" ކޯޗު ބުންޏެވެ.
އިންޑިޔާގެ އިތުރުން މުބާރާތުގައި ވާދަކުރާ އަނެއް ހަ ގައުމުން ވެސް އިންތިޒާމްތަކާމެދު މައްސަލަ ޖެއްސި އެވެ.
މިހެންވެ ތާޖް ހޮޓަލުގައި އިއްޔެ މެންދުރު ބޭއްވި ޕްރެސް ކޮންފަރެންސަށް ފަހު އިންޑިޔާގައި މުބާރާތް ކުޅޭ ކެރެލާ ސްޓޭޓްގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ސިވަންކުއްޓޭ ވަނީ މީޑިޔާތަކާ ބައްދަލުކޮށް ކުއްލި ޕްރެސްކޮންފަރެންސެއް ބާއްވައިފަ އެވެ. އޭނާ ޕްރެސް ފެށުމާއެކު މައިކުގެ އަޑު ކަނޑާލުމުން ސިވަންކުއްޓޭ އާއި އޭނާގެ ބައިވެރިންނާ ސާފް އާއި މުބާރާތުގެ މާކެޓީން ޕާޓްނަރު ވޯލްޑް ސްޕޯޓްސް ގްރޫޕުގެ އޮފިޝަލުން ހަމަނުޖެހުން ހިންގި އެވެ.