އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަޒީފާތަކުން ވަކިކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅި މައްސަލަ މިއަދު މަޖިލީހުގެ ތަޅުމުން ބަލައިގަތީ 23 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވި އެއްވެސް މެމްބަރަކު ނެތެވެ.
މައްސަލަ ހުށަހަޅުއްވަމުން ވައްޑެ ވިދާޅުވީ ގާނޫނު އަސާސީގެ 115 މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ބާރުތަކެއް ލިބުނު ކަމުގައި ވިޔަސް އެ ބާރުތައް ބޭނުންކުރަން ވާނީ ވަކި ހަމަތަކަކާ އުސޫލުތަކަކުން ކަމަށެވެ.
އެގޮތުން މީހުން ވަޒީފާތަކަށް އައްޔަނުކުރުމާއި ވަކިކުރުމުގައި ވަކި އުސޫލުތަކެއް ހުންނަން ޖެހޭނެ ކަމަށެވެ. އެ އުސޫލުތަކުގެ ތެރޭގައި ތަފާތު ނުކުރުމާއި ހަމަހަމަކަމުގެ އިންތަކުގެ ތެރޭގައި ހިމެނެންވާނެ ކަމަށެވެ. އެފަދަ މަގާމުތަކަށް އައްޔަނުކޮށްފައިވާ ބައެއް މީހުން އިންތިހާބަކާ ދިމާކޮށް ވަޒީފާއިން ވަކިކުރުމަކީ ރައްޔިތުންގެ އިތުބާރު ގެއްލި އަދި ނަފުރަތާއި ބައިބައިވުން އުފެދޭނެ ކަަމެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
"އެހެންކަމުން އެ ކަންކަމަކީ ރައްޔިތުންގެ މުހިންމު މަސްލަހަތެއް ހިމެނިފައިވާ ކަމަކަށް ވީ ހިނދު މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 170 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހުށަހެޅީމެވެ" ވައްޑެ ވިދާޅުވި އެވެ.
ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ މެންބަރުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ތުހުމަތުކޮށް ރައީސް ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ނަޝީދު މިހެން ވިދާޅުވީ ރ. އަތޮޅު ދުވާފަރު ސިއްހީ މަރުކަޒުގެ އިސް މަގާމެއްގައި ހުރި އެމްޑީޕީގެ މެންބަރަކު މަގާމުން ވަކިކުރުމާއި ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައެވެ. މިއަދު މަގާމުން ވަކިކޮށްފައިވަނީ ދުވާފަރު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ހެލްތް ސާވިސަސްގެ މަގާމުގައި ހުންނެވި އާމިރު އަހުމަދެވެ. މި މައްސަލާގައި ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި މެންބަރުން ވަނީ ބަހުސް ކުރައްވާފަ އެވެ.
ސަރުކާރުގެ އިސްވެރިންނާއި މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނުގެ އެންމެ ވަފާތެރި މަޖިލީސް މެންބަރުންގެ ތާއީދު އޮތީ އިންތި އަށެވެ. އިންތިހާބަށް ފަހު ދެ ރައީސުންގެ މެދުގައި މިހާރު އޮތް ގުޅުމަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ބެލެވެ އެވެ.