ބޮލީވުޑް

ސާޖިދާއި ސަލްމާން ކުނި ޖެހެން މެދުވެރިވީ ސަބަބު

'ދަ ކަޕިލް ޝަރުމާ ޝޯ'ގެ އެޕިސޯޑެއްގައި ދާދިފަހުން ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ އާއި އޭނާގެ އަންހެނުން ވަރުދާ ނަދިއަދްވާލާ ބައިވެރިވި އެވެ.

މި ޝޯގައި ކަޕިލްއާ ވާހަކަ ދައްކަމުން ސާޖިދު ވަނީ މީގެ އެތައް އަހަރެއް ކުރިން އޭނާ އާއި އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ ސަލްމާން ޚާނާ ޖެހުނު 'ކުންޏެއް'ގެ ވާހަކަ ކިޔައިދީފި އެވެ. އެއީ 2000 ވަނަ އަހަރު ސާޖިދު ޕްރޮޑިއުސްކުރި "ހަރް ދިލް ޖޯ ޕިޔާރް ކަރޭގާ" ކުޅެން ސަލްމާން ލައްވާ ސޮއިކުރުވަން ސާޖިދު އުޅުނު ދުވަސް ވަރެކެވެ.

ސާޖިދު ބުނި ގޮތުގައި އޭނާ އަސްލު އެ ފިލްމަށް ނެގީ އެހެން އެކްޓަރެކެވެ. ޝޫޓިން ފެށެން 20 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް ކުއްލިއަކަށް އެ އެކްޓަރު ފިލްމު ނުކުޅެން ނިންމީ އެވެ. ދެން އޭނާ އަވަހަށް ދިޔައީ ގާތް އެކުވެރިޔާ ސަލްމާން ކައިރިއަށެވެ. އޭރު ސަލްމާން އުޅެނީ "ކުޗް ކުޗް ހޯތާ ހޭ"ގެ ޝޫޓިންގް ގައެވެ.

ސާޖިދު ބުނި ގޮތުގައި "ހަރް ދިލް ޖޯ ޕިޔާރް ކަރޭގާ" ކުޅެދޭން އެދުމުން ސަލްމާން ވަގުތުން އެއްބަސްވި އެވެ. ނަމަވެސް މައްސަލަ ޖެހުނީ 20 ދުވަސް ތެރޭ ޝޫޓިން ފަށަން ޖެހޭ ވާހަކަ ބުނީމަ އެވެ. ސަބަބަކީ އޭރު އޭނާގެ ހުރިހާ ތާޜީހުތައް އެހެން ފިލްމުތަކަށް ދީ ފުލްވެފައި ހުރުމުންނެވެ.

"އަހަރެމެން ދެ މީހުންގެ މެދުގައި އެ ދުވަހު ވަރަށް މައްސަލަ ޖެހުނު. އޭނަ ރުޅިއައިސްގެން ޑައިރީ ވެސް މަށާ ދިމާލަށް ހޫރާލި. އަހަރެން އެ ނަގާފަ ދުވަސްތައް ހަމަޖައްސައިދިނީ. އޭނާ ދާންވީ ކޮން ޝޫޓިންގަކަށް ކަން ނޭނގިގެން ތިން ދުވަސް ފަހުން އޭނާގެ އެހީތެރިއަކު އައިސް މަގޭ އަތުން ޑައިރީ އަތުލައިގެން ގެންދިޔައީ،" ސާޖިދު ކިޔައިދިނެވެ.

"ހަރް ދިލް ޖޯ ޕިޔާރް ކަރޭގާ"ގެ އިތުރުން ސާޖިދު ޕްރޮޑިއުސްކުރި ގިނަ ފިލްމުތަކެއް ސަލްމާން ފަހުން ވަނީ ކުޅެދީފަ އެވެ.