( 27 ފެބްރުއަރީ 2022 އާ ގުޅޭ )
"ޔޫކްގެ މަންމަ ޒެންދެކެ ލޯބިވޭތަ؟." ސިއްރެއް ބުނެލިހާ މަޑުން ހޫރައިންގެ ކަންފަތް ދޮށުގައި ޒެހެން އަހާލިއެވެ.
ނޭވާ ކުރުވެފައިވާ ޒެހެން އެނދުގައި އޮށޯވެލިއެވެ. ރަޖާގެ ދަށަށް ދެމިގަތް ހޫރައިންއަށް އޭނާ ބަލާލިއެވެ. ވަގުތުން އޭނާގެ ތުންފަތް ދެމިލައިފިއެވެ. ޒެހެންގެ އަތުގެ ތެރެއަށް އަނބިމީހާ ގެނައުމާއެކު ނިތުގައި ބޮސްދީފިއެވެ.
"ލޯބިވާ..." ނަޒަރު ސީދާ ކުރާން ނުކެރިގެން އުޅުނު ހޫރައިންއަށް ޒެހެން ލޯބިން ގޮވާލިއެވެ. އެއާއެކު ނިކަން އަވަހަށް ހޫރައިން މަޑުމަޑުން ހޫން ލައްވާލިއެވެ.
ބަދިގެ ތެރޭ ހުރި ހޫރައިން ނަގައިގަނެގެން ކޮޓަރިއަށް ޒެހެން ގެނައިރު މިވާން އުޅެނީ ކިހިނެއްކަމެއް ހޫރައިންއަށް ލަފާކޮށްލާކޮށް ނޭނގެއެވެ. ދެމެދުގައި ދެކެވެމުންދިޔަ ވާހަކައިގެ މިސްރާބު ޒެހެންގެ އިހްސާސްތަކަށް ބަދަލު ގެނައީއެވެ. ހިތްހަމަޖެހުމާއި ރުހިވެގެންވާ ހާލު ފިރިމީހާގެ ބީހުންތަކަށް ހޫރައިން މަރުޙަބާ ކިޔެވެ. އެ ހަށިގަނޑު ވަނީ ޒެހެންގެ ބީހުންތަކަށް ހޭނިފައިކަން ހޫރައިންއަށް އިހްސާސް ކުރެވެއެވެ. ހުރިހާ ޖެހިލުންވުމަކާއި ބިރެއް ހޫރައިންގެ ހިތުން ފިލުވާލަދީ އިތުބާރުކުރާން ޒެހެން ދަސްކޮށްދީފިއެވެ.
"ޒެންއަށް އެނގެއެއްނު." ހޫރައިން ލަދުން އޮވެ ބުނެލިއެވެ.
"ނޭނގެ... ހޫރް ނުބުނަމެންނު." ލާނެތް ހިންޏެއް އައިސްފަ އޮވެ ޒެހެން ބުނެލިއެވެ.
"ދެން..." އިހުނަށްވުރެ ބޮޑަށް ހޫރައިން މޫނު ފޮރުވާލިއެވެ.
"އަހަރެން ވަރަށް ލޯބިވޭ... ބުނެބާ... ތި ދުލުން ބުނާއަޑު އަހާލަން ބޭނުމީ." ހޫރައިންގެ ދަތްދޮޅީގައި ހިފާލުމާއެކު މޫނު އުފުލާލީ ޒެހެންއާ ނަޒަރު ސީދާ ކުރުވުމަށެވެ.
"މި ދެލޮލުގައިވާ ހުރިހާ އެއްޗެއް ޒެންއަށް ކިޔަން އެނގެޔޭ ބުނި." ޒެހެން ނަޒަރު ހުއްޓާލައިގެން ހޫރައިން އޮތެވެ. އެ ދެ ލޮލަށް ފަރުވާތެރިކަމާއެކު ޒެހެން ބަލަނީއެވެ. އެ މޫނުން އޭނާ ވިސްނަނީ ކޮންކަމެއްކަން ދެނެގަންނަން ހޫރައިންއަށް ދަތިވިއެވެ.
"އެނގޭ... ތި ލޮލުގައިވަނީ ކީކޭކަން... ހޫރްގެ ދުލުން ހާމަކުރުމާ ތަފާތު. އެކަމް ދެން އޯކޭ... ހޫރް ބުނަން ބޭނުންނުވަންޏާ..." ހޫރައިންގެ ދަތްދޮޅިން ދޫކޮށްލުމާއެކު އެ އަތުން ހޫރައިންގެ ކޯތާފަތުގައި ފިރުމާލިއެވެ.
"އައި ލަވް ޔޫ." ހޫރައިން ބުނެލިއެވެ. ޒެހެންގެ ހިނިތުންވުން ފުޅާވެލިއިރު އެ ދެ ލޮލުގައިވީ ދިރުން އިތުރުވެއްޖެއެވެ. ހޫރައިންގެ ގައިގާ ހިފައިގަތް ގޮތުން އޭނާ ހޭންފެށިއެވެ. ކޮޓަރިތެރޭގައި ދެމަފިރިންގެ ސަކަރާތުގެ އަޑު ހިފާލާފައި ހުއްޓެވެ. ތަކުރާރުކޮށް ލޯބިވާކަން ބުނާއަޑު އަހަން ޒެހެން ބޭނުންވިއެވެ. އެހިނދު ފިރިމީހާގެ އެ އެދުން ހޫރައިން ފުރިހަމަކޮށްދިނެވެ. ހޫރައިންގެ ހިތްވަނީ ޒެހެންގެ މައްޗަށް ދޫވެ ހިބައިން ދެވިފައެވެ. ކައިވެންޏަށްފަހުއެވެ. ފިރިމީހާގެ ފަރާތުން ލިބެމުން އައި އޯގާތެރިކަމާއި ލޯބީގެ ސަބަބުންނެވެ.
"ތެންކިޔު... ތެންކިޔު ފޯ ޗޫޒިން މީ. އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ހޫރް ދެރަވާވަރުކަމެއް އަހަރެން ނުކުރާނަން. ބައްޕައެއް ނެތްކަމުގެ އިހްސާސް ޔޫކަށް ވިޔަ ނުދޭނަން. އަހަރެން ތި ދެމީހުންދެކެ ވެސް ވަރަށް ލޯބިވޭ."
"ޒެން... ތެންކިޔު... އަހަންނަށް ޔަގީން ޔޫކް ދުވަހަކުވެސް ޒެންގެ މަތިން ހަނދާންނައްތާނުލާނެކަން. އެ ދަރިފުޅަށް ލިބޭނެ އެންމެ ރަނގަޅު ބައްޕަ ތީ. އޯގާތެރި ކެތްތެރި ފިރިއެއް ތީ. އަހަރެމެންނަށް ކުއްޖެއް ލިބުނަސް ޔޫކްދެކެ ޒެންވާ ލޯބި ބަދަލުނުވާނެކަން އެނގޭ." ޒެހެންގެ ތުނބުޅީގައި މަޑުމަޑުން ހޫރައިން ފިރުމާލަމުން ވާހަކަދެއްކިއެވެ.
"ބޭބީއެއް ބޭނުން." ކުއްލިއަކަށް ޒެހެން ބުނެލިއެވެ. ހޫރައިންގެ މޫނުން ހައިރާންކަން ފާޅުވިއެވެ. އެމީހުންނަށް ކުއްޖަކު ލިބިއްޖެއްޔާއޭ ހޫރައިންއަށް ބުނެވުނީތީ ޒެހެންގެ ހިތާއި ސިކުނޑިއަށް އެ ޚިޔާލު ވަނީކަން ޔަގީނެވެ. ކުޑަކުއްޖަކު ކަމެއް ބޭނުންވެ ބަލާފަދައިން ޒެހެން ބަލަން އޮތެވެ. ހޫރައިންގެ ފަރާތުން ޖަވާބެއް ނައުމުން އޭނާ ވާހަކަދައްކަންފެށިއެވެ.
"ހޫރްއާއެކު ބޭބީއެއް ބޭނުން. އަހަންނަށް ޔަގީން ހޫރްހެން ލޯބިލޯބި ކުއްޖަކަށް އެކުއްޖާވާނެކަން. ޔޫކްއާއި ބޭބީއާ ދެކުދީން ރަނގަޅު ދަރީންނަށް ހެދުމަށް އަހަރެމެން ދެ މީހުން އެކުދީންގެ ގާތުގައި ތިބޭނެ. ޔޫ އާ އެން އޯސަމް މާމް އެންޑް އައި ވިލް ބީ ދި ކޫލަސްޓް ޑޭޑް ފޯ ދެމް. ހޫރް އެކަންޏެއްނުވާނެ. އަހަރެން ހެލްޕްވާން ހުންނާނަން... ސޯ، މައި ލަވް... ލެޓްސް ހޭވް އަ ބޭބީ." ޒެހެންގެ ޚިޔާލު ފާޅުކުރިއެވެ. އެ އަޑުގައި ތަފާތު ޖޯޝެއްވީއިރު އެ ދެ ލޮލުގައިވި ވިދުން އެތައްގުނައެއް އިތުރުވެފައިވެއެވެ. ހޫރައިންގެ ހިތް އަވަސްކުރުވިއެވެ.
"އާ ޔޫ ޝުއާ..." ހޫރައިންއަށް އަހާލެވުނެވެ. އެހިނދު ނިކަން އަވަސްއަވަހަށް ޒެހެން ބޯޖަހާލިއެވެ.
ހޫރައިންއަށް މަޑުން ބަނޑުގައި ކަނާއަތްތިލަ ޖައްސާލެވުނެވެ. އޭނާއާއެކު ޒެހެން ކުއްޖަކު ހޯދަން ބޭނުންވާވަރު އެ މޫނުގައިވި އަސަރުތައް ހެކިދެއެވެ. އަބަދުވެސް ޒެހެންއަކީ އޭނާގެ އަމިއްލަ އިހްސާސްތައް ފޮރުވުމެއްނެތި ހާމަކުރާ ޒުވާނެއްކަން ހޫރައިންއަށް އޮތީ ފާހަގަވެފައެވެ. ހޫރައިންއާ ގުޅޭން ބޭނުންވެ ކައިވެނި ހުށަހަޅައި އޭނާގެ ފަހަތުން ޒެހެން ނޫޅުނުނަމަ އަދިވެސް ހޫރައިން ހުންނާނީ ދިރިއުޅުމުގައި ކުރިޔަށް ނުދެވިފަކަން ޚުދު ހޫރައިންއަށް އެނގެއެވެ. އޭނާ ވެއްޓެމުންދިޔަ އަނދިރިކަމުގެ ތެރޭގައި ހޫރައިންއާއެކު ތުއްތު ދަރިފުޅުވީގޮތުގެ ހަނދާން އާވެގެން އައެވެ.
"ޔޫ އާ ނޮޓް ރެޑީ." ހޫރައިންނަށް ވެރިވި ހިމޭންކަމާއި އޭނާގެ ހަރަކާތްތައް ފާހަގަވެ ޒެހެން އަހާލިއެވެ. ފިރިމީހާއަށް ހޫރައިން ބަލާލީ އިންތިހާ ދަރަޖައިގެ ކުލުންވެރިކަމާއެކުއެވެ. އެ ތުންފަތުން ހިނިތުންވުމެއް ހޫރައިން ބަދަލުކޮށްލުމާއެކު ދެ ފަރާތަށް ބޯހޫރާލިއެވެ. ދެން ޒެހެންގެ ގައިގާ އޭނާ ބައްދާލައިފިއެވެ.
"ބޭބީއެއް ހޯދަމާ." ޒެހެންގެ ކަރުދޮށުގައި މޫނު ފޮރުވާލައިގެން އޮވެ ހޫރައިން ބުނެލިއެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ޔޫކް ހުރީ ރޯދައަށެވެ. އެކުއްޖާގެ ފުރަތަމަ ރޯދައެވެ. މެންދުރުވާންވީއިރު ޔޫކް ފެންނަނީ ވަރުބަލިވެގެން އުޅޭ ތަނެވެ. ދުވަހުގެ އިރު އެރިތަނާ ޒެހެންއަށް ޝާހީނާ ގުޅިއެވެ. ކޮންމެ ރަމަޟާން މަހެއްގެ ފުރަތަމަ ދުވަހަކީ އެ ޢާއިލާއެކުގައި ރޯދަ ވިއްލާ ދުވަހެކެވެ. ދުރުގައި އުޅޭ މިއުނާއާއި ޒެހެން އެ ގެއަށް އައުމަށް ޝާހީނާ ނޫނީ މުނައްވަރު ގުޅާފަ ދަޢުވަތު ދޭނެއެވެ. ޒެހެން މީހަކާ އިނުމަކުން އެކަން އާދަ ބަދަލެއް ނުވިއެވެ. ސުމައްޔާއާއި ހޫރައިންގެ ދެމައިން ގޮވައިގެން އަންނާން ވާނެކަން ޝާހީނާ ބުނީ ހަރުކޮށިކޮށެވެ. ޒެހެން ދެކޮޅު ހަދާފާނެތީއެވެ. އަސުރުން ފައިބައިގެން ދާނެކަން ޒެހެން ޔަގީންކޮށްދިނީ ހޫރައިން ގާތުގައި އަހާފައެވެ.
"ކޯއްޗެއް އަހަރެން ހަދަންވީ." ސޯފާގައި އޮތް ޒެހެންގެ ކައިރީ ހޫރައިން އަހާލިއެވެ. އޭރު އޭނާގެ މޭމަތި ޔޫކް އޮތެވެ.
"މަންމީ ޕީޒާ." ޒެހެން އެއްޗެކޭ ބުނުމުގެ ކުރީން ޔޫކް ބުނެލިއެވެ.
"އޯކޭ ޑަން... ޒެން. އެގެއަށް ހުސްއަތާ ނުކެރޭނެ ދާކަށް." ޔޫކަށް ބޮޑުވައި އިނގިލި ދައްކާލާފައި ހޫރައިން ދެން ވާހަކަދެއްކީ ޒެހެންއާއެވެ.
"ޕީޒާ ހަދަމާ. މަންމިއެއްނޫން މިއަދު ހަދާނީ. ޔޫކްއާއި ބައްޕައާ ވެގެން މިއަދު ޕީޒާ އަޅާނީ. ދޯ." ޔޫކްގެ ގައިގާ ހިފަހައްޓާލައިގެން ސޯފާގައި ޒެހެން ތެދުވެ އިށީނެވެ.
"ޔެޝް" ޒެހެންއާ އެއްބަސްވުމަށް ނިކަން ބާރަށް ޔޫކް ބުނެލިއެވެ. ހޫރައިން ހިނިއައިސްފަ އެންމެ ރަނގަޅޭ ބުނެލިއެވެ.
ގަލޮޅުގައި ހުންނަ ސައިމާގެއަށް ސުމައްޔާއާއި ހޫރައިން އައީ މިއުނާއާއެކު ކާރުގައެވެ. ޔޫކް ގޮވައިގެން ޒެހެން އައީ ސައިކަލުގައެވެ. ގޭތެރެއަށް އެމީހުންނަށް ވަދެވުނުއިރު އަޑުފަށްގަނޑު ގަދައެވެ. ޝާހީނާއާއި މުނައްވަރުގެ ހުރިހާ ކުދީން ގޭގައި އުޅެއެވެ. އިންޝާ ނޫނީ ހުރިހާ ކުދީން ތިބީ ރޯދައަށެވެ. އެކުއްޖާއަށް ޔޫކް ވެސް ހުރީ ރޯދައަށްކަން އެނގުމުން ދެރަވެގެން ސާރާއާ ޝަކުވާކުރިއެވެ. މަންމަ ހެނދުނު ސައިގެނައިމަ ހަނދާންނެތިގެން ކެވުނީކަން އިންޝާ ބުނެލީ ނުހަނު މައުސޫމުކަމާއެކުއެވެ.
"އޭގެ ފަހުން އޭނާ އަނގަ ހުއްޓާލިތޯ އަހާބަލަ. ތި މީހުން އަންނީކަން އެނގިގެން ބަދިގެއިން އެ ނުކުތީ. މަންމަ އެއްޗެހި ހަދަން ފެށީއްސުރެ ކައިރީގަ އެނބުރޭ މެއްސެކޭ އެއްވަރު." އަންހެން ދަރިފުޅާ ދިމާކުރަމުން ސާރާ ސިއްރުން ޒެހެން ކައިރީ ބުނެލިއެވެ.
"ކޮންއިރަކުން ޔޫކަށް ހަދިޔާ ދައްކާނީ." ސާރާގެ ފިރިހެން ދަރިފުޅު ދާނިޔާލް އައިސް އަހާލީ ހަނދާންކޮށްދޭ ފަދައިންނެވެ.
"ކޮންހަދިޔާއެއް." ޒެހެންއަށް އާ ޚަބަރަކަށް އެކަން ވިއެވެ.
"ޔޫކަށް ބައްޕަ ގެނެސްދިން ހަދިޔާއެއް. މިއަދު އެންމެންނަށް ހަދިޔާ ބެހި ދުވަހެއް. އެނގެއެއްނު ފުރަތަމަ ރޯދަ ދުވަހު ބައްޕަ އުޅޭގޮތް." ސާރާ ބުންޏެވެ.
ލުއި ހިނިތުންވުމެއް ޒެހެންގެ ތުންފަތަށް ވެރިވިއެވެ. މުނައްވަރުގެ ކާފަ ދަރީންދެކެ ތަފާތު ލޯތްބެއްވާކަން ޒެހެންއަށް އެނގެއެވެ. އޭނާއަށް ބަޔާންކުރާން ދަތިވީ އުފާވެރިކަމެއް ހިތަށް ލިބުނީ މުނައްވަރު ކާފަދަރީންނެކޭ އެއް ދަރަޖަ ޔޫކަށް ދިނުމުންނެވެ. ބޮޑުބޭބެ ޒެހެންދެކެ ލޯބިވާކަން އެއީ އޭނާއަށް ފެނި ޔަގީންވެފައިވާ ކަމެކެވެ. އެ އާއިލާއިން ހޫރައިންއާއި ޔޫކް ބަލައިގެންފައިވީވަރު އިހްސާސް ކުރެވުނީ އަދިކިރިޔާއެވެ. ހޫރައިން ހުންނަލެއް ތަފާތުވެގެން އެމީހުން ނޫޅެއެވެ. ސާރާއާއި ސުހާނާގެ ކޫސަނި ވާހަކަތަކުގައި އެމީހުން ހޫރައިން ބައިވެރިކުރެއެވެ. ހޫރައިން ބަސްމަދުވެ ވާހަކަނުދައްކާތީ އެކަމާ އުނދަގޫވެގެން ނޫޅެއެވެ. ޝާހީނާއާއި ސުމައްޔާއި މިއުނާ އެކުގައި އުޅޭއިރު އެ ތިން މަންމައިންގެ ބަދަހި ގުޅުމުގެ އަސަރު މުޅިގެއަށް ފެތުރިފައިވެއެވެ.
ގޭގެ ކާރުގައި ހުރިހާ ކުދިވެރީން ގޮވައިގެން މުނައްވަރު ނުކުތީ ހަވީރު ފިންޏަށް ދުއްވާލާށެވެ. މުނައްވަރާއެކު ޒެހެން ބައިވެރިވީ ޔޫކްގެ މިޒާޖުގެ ގޮތުންނެވެ. އެހެން ކުދީން ފަދައިން ޔޫކް ނުވާތީއެވެ. އެކުއްޖާ އެކަނިދާން ނުކެރިފައި ހުއްޓަސް ނުބުނެ ހުރެދާނެއޭ ހީވާތީއެވެ. ދަރީންގެ ޖެހިލުންވުންތަކަށް މައިންބަފައިން ސަމާލުކަން ދޭންޖެހޭނެކަން ޒެހެން ގަބޫލުކުރެއެވެ. މުނައްވަރަކީ ދެން ތިބި ހުރިހާ ކުދީންގެ ކާފައަށް ވިޔަސް ޔޫކްއާއެކު އެ ގާތް ގުޅުން އުފެދިފަ އަދި ނެތްކަން ޒެހެންއަށް ވިސްނެއެވެ. އެންމެން އެނބުރި ގެއަށް އައިއިރު ސިޓިންރޫމުގައި ފެންނަ ހިސާބު ޔޫކްގެ ހަދިޔާ ބަހައްޓާފައި ހުއްޓެވެ. ކުދިވެރީންގެ އަޑުފަށްގަނޑު ގަދަވިއެވެ. ކާފަ ޔޫކަށް ގަނެދިން ހަދިޔާއެއްކަން އެކުދީން ކިޔަންފެށިއެވެ.
"މީ ދަރިފުޅުގެ ހަދިޔާއެއް. އަވަހަށް ކަނޑާ." ނުކެރިފައި ހުރި ޔޫކްގެ ބޮލުގައި ފިރުމާލަމުން މުނައްވަރު ބުންޏެވެ. ހަދިޔާގެ ބޮޑުކަމުން އެއީ ކޮންއެއްޗެއްކަން ބުނާކަށް ވެސް ޔޫކަށް ނޭނގެއެވެ. ޒެހެންގެ އިނގިލީގަ ހިފާލައިގެން ހުރެ ހަދިޔާ ކަނޑަން ޔޫކް ކައިރިވެލިއެވެ. އެއާއެކު ކަރުދާސްގަނޑު ނައްޓާލުމަށް ޒެހެން އެހީތެރިވެދިނެވެ. ކުޑަކުޑަ ބައިސްކަލު ފެނުމާއެކު ޔޫކަށް ލިބުނު ސިހުން އެންމެންނަށް ވެސް ފާހަގަވިއެވެ.
"ބައިސްކަލެއް... ޔޫކްގެ ބައިސްކަލެއް..." އުފަލުން ގޮސް އަޖައިބުވެފައި ހުރެ ޔޫކް ސުވާލުކުރީ ޒެހެންގެ ގާތުންނެވެ. ޔަގީންކުރާން ބޭނުންވެގެންނެވެ. މީގެ ކުރީން އޭނާއަށް ހަމައެކަނި ހަދިޔާ ގެނެސްދޭ މީހަކީ ހަސީނާއެވެ. އެހެންވިޔަސް މިހާ ކަމުދިޔަ ހަދިޔާއެއް ޔޫކަށް އަދި ނުލިބެއެވެ.
"އިންކޮގެ ޕިންކު ބައިސްކަލެއް އިންނާނީ." އިންޝާ އައިސް ޔޫކްގެ ކައިރީ ހުއްޓިލުމާއެކު ބުނެލިއެވެ.
ދުރުގައި ހޫރައިން ބަލަން ހުއްޓެވެ. ސުމައްޔާއާއި މިއުނާ އައިސް ޔޫކްއާ އެކިއެކި ވާހަކަދައްކަން ފެށިއެވެ. މާމަ ގޮވައިގެން ދުއްވާލަން ދާންވާނެކަމަށް މިއުނާ ބުނެލިއިރު ކުޑަކުޑަ ޔޫކްގެ ކައިރިއަށް ހިނިއަތުވެއްޖެއެވެ. ހޫރައިންގެ ލޯ ފުރިގެން އައީ އިޚްތިޔާރަކާއި ނުލައެވެ. އޭނާ މިހާ ނަސީބު ގަދަވީ ކޮންއިރަކުބާއޭ ހިތާ ސުވާލުކޮށްލެވުނެވެ.
"ހޭއި..." އެންމެންނަށް ފުރަގަސްދީ ދެ ލޯ ފުހެލި ހޫރައިންގެ ގާތުގައި ހުއްޓިލި ޒެހެން ގޮވާލިއެވެ.
"ޑޯންޓް ވޭސްޓް އިޓް." ޒެހެން ބުނެލިއެވެ. ފިރިމީހާ އިޝާރާތް އެކުރީ ކޮންކަމަކަށްކަން ހޫރައިންއަށް އެނގެއެވެ. ދެވަނަ ފަހަރަށް ލޯ ފުހެލާފައި ހޫރައިން ބަލާލިއެވެ.
"އައި އޭމް ހެޕީ... ތެންކިޔު..." ޒެހެންގެ އަތުގައި ހިފާލުމާއެކު ހޫރައިން ބުނެލިއެވެ. މޫނުފޮތިކޮޅުން ނިވާވެފައި ހުއްޓެއްކަމަކު ހޫރައިންގެ ހިނިތުންވުން އެ ދެ ލޮލުން ޒެހެން ދުށްޓެވެ.
އަހަރުގެ އެހެން މަސްތަކާ ޚިލާފަށް ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުންދިޔައީ މާ އަވަހަށެވެ. އެހެން މަސްތަކަށްވުރެ މަސައްކަތް އިތުރުވިއިރު އަޅުކަމުގައި ހޭދަކުރެވޭ ވަގުތު ވެސް ގިނަވިއެވެ. ފުރަތަމަ ފަހަރަށް ރަމަޟާން މަހެއްގައި އެންމެ ރެޔެއް ވެސް ދޫކޮށްނުލާ ޒެހެން ތަރާވީސް ނަމާދަށް ދިޔައެވެ. އޭގެ އިތުރުން ސުންނަތް ނަމާދުތަކަށް އޭނާ ފަރުވާތެރިވެ އެކަމަށް އާދަކުރިއެވެ. ކޮންމެ ދުވަހަކު ހުރިހާ ނަމާދަކަށް ނޫނަސް ޒެހެންއާއެކު ޔޫކް މިސްކިތައް ގެންދަން ފެށިއެވެ. އެކުއްޖާއަށް މިސްކިތުގެ އާދަތައް ކިޔައިދިނެވެ. އަނބިމީހާ ގޮވައިގެން ގެއިން ބޭރަށް ޒެހެން ނުކުމެ ހެދުން ގިނަކުރިއެވެ. މީހުންގެ ތެރޭގައި އުޅުމަށް ހޫރައިން އާދަވާން ޒެހެން އެދެއެވެ. ހާސްވުމާއި ބިރުގަތުމާ ހޫރައިން ދުރުވެ އާންމު ދިރިއުޅުމަށް އެނބުރި އައުމަށް އެހީތެރިވުމުގެ ގޮތުންނެވެ.
ފިޠުރު ޢީދު އަންނަން ދެ ދުވަހަށް ވެފައިވެއެވެ. މިފަހަރު ޢީދު ނަމާދަށް ޔޫކް ގޮވައިގެން ޒެހެން ދާން ވަނީ ނިންމާފައެވެ. ހޫރައިން ވެސް ގަސްދުކޮށްގެން ހުރީ މަންމައާއެކު މިފަހަރު ޢީދު ނަމާދަށް ދާށެވެ. އެންމެންނަށް ޢީދު ހަދިޔާއާއި އާ ހެދުން ގަންނަން ޒެހެންއާއެކު ހޫރައިން ނުކުތެވެ. ބައިބޯކަމުން މާލޭގެ މަގުތަކުން ހިނގުމަށް ދަތިވާވަރުވެއެވެ. ފިހާރަތަކުގައި މީހުންތައް ތޮއްޖެހިފައި ކަހަލައެވެ. ކުޑަކުދީންގެ ހެދުން ވިއްކާ ފިހާރައަށް ވަދެ ހުރި ހޫރައިންގެ ނަޒަރު އެއްފަރާތަށް ދަތުރުކޮށްލިއެވެ. މީހަކު އޭނާއަށް މާވަރަކަށް ބަލާތީއެވެ. ކައިރީގަ ޖެހިގެން ހުރި ކުޑަ އަންހެންކުދީންގެ ހެދުން ހަރުގަނޑު ހާވަމުންދިޔަ އަންހެނެއްގެ ފަހަތުގައި ހުއްޓި އެހުރީ އަޒްހަދު ނޫން ދެވަނަ މީހެއްނޫނެވެ. ހޫރައިންއަށް ވަގުތުން މޫނުފޮތިކޮޅުގައި އަތްލެވުނެވެ. އަޒްހަދުގެ ނަޒަރު ހުއްޓިފައި ހުރި ގޮތުން އޭނާއަށް ހޫރައިން އެނގުނީއޭ ހީވެއެވެ. މޫނު ހުރީ ރަނގަޅަށް ނިޔާވެފައިތޯ ޔަގީންކުރަން ހޫރައިންއަށް އުޅެވުނީ އެހެންވެއެވެ. (ނުނިމޭ)