އެޓާނީ ޖެނެރަލް

ކުންފުންޏާ ބެހޭ އާ ގާނޫނުގެ ޑްރާފްޓް ރައީސް އޮފީހަށް ފޮނުވައިފި

Mar 1, 2022

ކުންފުންޏާ ބެހޭ އާ ގާނޫނު ޑްރާފްޓް ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ ބިލް ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ބަންޑާރަނައިބް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ ކުންފުނިތަކާ ބެހޭ އާ ބިލް އެ އޮފީހުން، ރައީސް އޮފީހަށް ފޮނުވީ މިއަދުގެ ވަގުތެއްގަ އެވެ.

ހުސައިން ވިދާޅުވީ އަލަށް ޑްރާފްޓް ކުރި ބިލްގައި ކުންފުނި އުފައްދައި ރަޖިސްޓަރީކުރުމާއި ހިންގުމާއި އުވާލުމާއި އެނޫންވެސް ކުންފުނިތަކާ ގުޅޭ ކަންކަމުގައި އަމަލުކުރަމުންދާ އުސޫލުތައް ހަރުދަނާ ކުރުމަށް ބޭނުންވާނެ އޮނިގަނޑެއް ހިމަނާފައިވާނެ ކަމަށެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ކުންފުންޏާ ބެހޭ ގާނޫނަކީ މީގެ 26 އަހަރު ކުރިން 1996 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނެކެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށްފަހު އެކުލަވާލާފައިވާ ލެޖިސްލޭޓިވް އެޖެންޑާގައި 201 ބިލެއް ހިމެނެ އެވެ. އޭގެތެރޭގައި ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމާއި މުޅިން އަލަށް އެކުލަވާލާ ބިލްތައް ވެސް ހިމެނެ އެވެ.

ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ 37 ބިލެއް މިދިޔަ އަހަރު ނިންމުމަށްފަހު ބަންޑާރަނައިބްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ނިޔަލަށް ތަސްދީގު ކުރެއްވީ 33 ބިލެވެ.