ސްޓެލްކޯ

މުޣުނީ ވަކިކޮށް ޝަރީފަށް އެމްޑީކަން ދީފި

Mar 1, 2022

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީ އެ މަގާމުން ވަކިކޮށްފި އެވެ. މުޣުނީ އެ މަގާމުން ވަކިކޮށް އައު މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އާދަމް އެވެ.

އެ ނިންމުން ނިންމިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިހާރު ވަނީ ސްޓެލްކޯއަށް އަންގާ ފައެވެ. އެކަން ސަރުކާރުގެ އިސް ބޭފުޅު އަދި ސްޓެލްކޯގެ އިސްވެރިއަކުވެސް ވަނީ ޔަގީން ކޮށްދީފައެވެ.

މުޣުނީ ހަމަޖައްސަވަނީ އެނާޖީ އޮތޯރިޓީގެ ވެރިއަކަށް ކަމަށް އެނގިފައިވެއެވެ. ނަމަވެސް އެ ނިންމުން އަދި ނިންމާފައެއް ނުވެއެވެ.

ސްޓެލްކޯގެ އެމްޑީގެ މަގާމަށް ހަމަޖެއްސެވި ޝަރީފަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަަށް ވަޑައިގަތުމުގެ ކުރީން ފެނަކައިގެ އެމްޑީ އެވެ. އޭގެ ކުރީން ރައީސް ޔާމީނާއެކު ވަރަށް އަރިހުގައި ގިނަ ދުވަސްތަކަކު ސިޔާސީ މަސައްކަތް ކުރެއްވިއެވެ.

ދެ ބޭފުޅުން ގުޅުން ގޯސްވީ 2018 ގެ ރިޔާސީ އިންތިހާބަށް ފަހު އެވެ. ރަައީސް ޔާމީންއާ އިިދިކޮޅު ޕާޓީތަކުން ދެކޭ ގޮތުގައި ޝަރީފް ވަނީ އިންތިހާބު އޮޅުވާލައްވާފައެވެ. ވަރަށް ގިނަ ތުހުމަތުތައް އޭނާގެ މައްޗަށް ކުރައްވައެވެ. ނަމަވެސް އެ ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގު ކުރައްވައެވެ.

އީސީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެެއްވުމުގެ ކުރީންވެސް ޝަރީފް ވަނީ އޭނާ ދެން ފެންނާނީ ސިޔާސީ މަސައްކަތުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ. މަގާމުން އިސްތިއުފާ ދެއްވާ މި ހޭދަވި މުއްދަތުގައި ރައީސް ސޯލިހަށް ތާއީދުކޮށް މީހުން ކުރާ ޓްވީޓްތަކާއި ޕޯސްޓްތަކަށް އޭނާ ވަރަށް ގިނައިން ލައިކްކޮށް ރިޓްވީޓް ކޮށް ހައްދަވާފައިވެއެވެ.