ސްޓެލްކޯ

ޝަރީފްގެ ބެއްލެވުމުގެ ދަށުން މަސައްކަތްކުރަން ހާއްސަ ޓީމެއް

ސްޓެލްކޯގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފްގެ ހާއްސަ ބެއްލެވުމެއްގެ ދަށުން މަސައްކަތް ކުރާނެ ހާއްސަ ޓީމެއް އެކުލަވާލައިފި އެވެ.

މި ޓީމުގެ މައިގަނޑު މަސައްކަތަކަށް ވާނީ މޫސުމާ އެކު ކަރަންޓް ބިލްތަކަށް އަންނަ ބަދަލުތަކާއި، ކަރަންޓް ބޭނުންކުރާ ގޮތުގެ އިތުރުން، ކަރަންޓް ބިލް އެކުލަވާލުމުގައި އަމަލުކުރާ ގޮތްތަކާއި އެނޫންވެސް ކަމާއި ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިނުމެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރާނެ ހާއްސަ ޓީމެއް ނަގާފައި މިވަނީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްތައް މިވަގުތު ރައްޔިތުން ތަޖުރިބާ ކުރަމުންދާތީ ކަރަންޓް ބޭނުންކުރުން އިގްތިސާދު ކުރުމަށް ސްޓެލްކޯ އިން އިލްތިމާސްކޮށްފައި ވަނިކޮށެވެ.

ކަރަންޓް އިގްތިސާދު ކުރުމަށްޓަކައި ސްޓެލްކޯ އިން ވަނީ އެ ކުންފުނީގެ ހުރިހާ އެއާކޮންޑިޝަންތަކެއް 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ބެހެއްޓުމަށް ނިންމާފަ އެވެ. އަދި ހޫނުން ރައްކާތެރިވުމަށްޓަކައި ރަސްމީ ހެދުމުގައި އޮފީހަށް އައުމުގެ ބަދަލުގައި، ކުރިއަށް އޮތް އެއްމަސް ދުވަހަށް، ކުންފުނީގެ ޔުނީފޯމްގައި އޮފީހަށް އައުމުގެ އިހުތިޔާރު ވެސް ހުރިހާ މުވައްޒަފުންނަށް މިހާރު ވަނީ ދީފަ އެވެ.

ސްޓެލްކޯ އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ހޯމަ ދުވަހު މެންދުރުފަހު 2:10 ގައި ޕީކްލޯޑް 102 މެގަވޮޓަށް ވުރެ މައްޗަށް އަރާފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. މާލެ ސަރަހައްދުގައި 120 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ސްޓެލްކޯއަށް ލިބިގެންވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މޫސުމާ ބެހޭ އިދާރާއިން ވެސް ވަނީ މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ ހޫނުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.