އާމިނަތު ޝައުނާ

ނާޒުކު ގައުމުތަކަށް މާލީ އެހީ ލިބޭނެ ގޮތެއް ހޯދަން ގޮވާލައްވައިފި

Mar 2, 2022

މޫސުމީ މައްސަލަތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް ހައްލު ހޯދުމަށްޓަކައި އެހީތެރިވުމުގައި އެންމެ ނާޒުކު ގައުމުތަކަށް އިސްކަން ދިނުމަށް ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޝައުނާ މިކަމަށް ގޮވާލެއްވީ އދގެ އިންޓާ ގަވަރުމެންޓަލް ޕެނެލް އޮން ކުލައިމެޓް ޗޭންޖުން ނެރުނު އެ ޕެނަލްގެ ހަވަނަ އެސެސްމަންޓް ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

މޫސުމީ މައްސަލަތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބޭ ނާޒުކު ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހާއްސަ ފައިނޭންސިން ފެސިލިޓީއެއް ގާއިމުކުރުމަށް ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

މޫސުމީ މައްސަލަތަކުގައި ބައެއް ގައުމުތަކުގެ ސިޔާސަތުތައް ހުންނަ ގޮތުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން މިނިސްޓަރު ޝައުނާ ވިދާޅުވީ މޫސުމީ މައްސަލަތަކަށް ހައްލު ހޯދުމުގައި ކުރެވޭ މަސައްކަތްތަކުގައި ކާމިޔާބު ލިބުމުގެ ބަދަލުގައި ފެންނަނީ އެ މަސައްކަތުގައި ދުނިޔެ ފެއިލްވަމުންދާ މަންޒަރު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މޫސުމީ މައްސަލަތަކުގެ ނުރައްކާ ބޮޑުވަމުންދާއިރު އެކަމުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހޭނީ ހަމައެކަނި ރާއްޖެ ފަދަ ޖަޒީރާ ކުދި ގައުމުތައް ނޫން ކަމަށެވެ. މޫސުމީ މައްސަލަތަކުގެ ނުރައްކަލުގެ ސަބަބުން ގައުމުތަކަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް މިހާރުވެސް ކުރިމަތިވެފައިވާ ކަމުގައިވެސް ޝައުނާ ވިދާޅުވި އެވެ.

"އެހެންކަމުން މިހާރުން މިހާރަށްވެސް ހައްލު ހޯދަންޖެހޭ މައްސަލައެއް މި މައްސަލަ އަކީ،" ޝައުނާ ވިދާޅުވި އެވެ.

އދގެ އިންޓާ ގަވަރުމެންޓަލް ޕެނެލް އޮން ކުލައިމެޓް ޗޭންޖުން ނެރުނު ހަވަނަ އެސެސްމަންޓް ރިޕޯޓުގައި މޫސުމީ އަދި ތިމާވެށީގެ މައްސަލަތަކާ ގުޅިގެން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެދާނެ ނުރައްކާތައް ހިއްސާކޮށްފައިވެ އެވެ. އަދި ކުރީގެ ހޯދުންތަކާ ބަލާއިރު މޫސުމީ މައްސަލަތަކުގައި އިންސާނުންނަށާއި އަދި ގުދުރަތީ ނިޒާމުތަކަށް ކުރިމަތިވާ ނުރައްކާތައް ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑުވެދާނެ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

ތިމާވެށީގެ މައްސަލަތަކުގައި އެންމެ ބޮޑެތި ގެއްލުންތައް ލިބޭ އެއް ގައުމަށް ރާއްޖެ ވެގެންދާއިރު ދިވެހި ސަރުކާރުން ގެންދަނީ ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުގެ ފެންވަރުގައި އަޅަމުންނެވެ. އެގޮތުން ރާއްޖޭގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށާއި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ހާއްސަ ސިޔާސަތުތަކެއް ވަނީ އެކުލަވާލާފަ އެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އަކީ ނެޓްޒީރޯ ގައުމަކަށް ހެދުމަށް ސަރުކާރުން ގެންދަނީ ވަކި އަމާޒަކަށް މަސައްކަތް ކުރަމުންނެވެ.