ހުޅުމާލޭގައި ދެ ޕްރީ ސްކޫލެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެެވެ.
ދެ ޕްރީ ސްކޫލު އަޅަން ހަވާލުކޮށްފައިވަނީ ހުޅުމާލޭގައި މިހާރު މީހުން އާބާދުވަމުންދާ ދެވަނަ ފިޔަވަހީގަ އެވެ.
ދެ ޕްރީ ސްކޫލުގެ މަސައްކަތް 165 ދުވަސް ތެރޭގައި ނިންމަންޖެހޭ ކަމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ބުނެފައިވެ އެވެ. ނަމަވެސް މަސައްކަތުގެ އަގު ހާމަކޮށްފައެއް ނުވެ އެވެ.
ދެ ޕްރީ ސްކޫލު ހެދުމަށް ހަމަޖެހިފައިވަނީ ކްލާސް ރޫމްތަކާއި އޮފީސް އިމާރާތަކާއި މުވައްޒަފުންނަށް ހާއްސަ ބަޔަކާ އެކު ދަރިވަރުން ކުޅެލައި ހިތްހަމަޖައްސާލުމަށް ޕްލޭ ގްރައުންޑެއް ވެސް ހިމެނޭ ގޮތަށެވެ.
ހުޅުމާލޭގައި ޕްރީ ސްކޫލެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އެޗްޑީސީން މިދިޔަ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ވެސް އަދި މިދިޔަ ޖެނުއަރީ މަހު ވެސް އިއުލާން ކުރި އެވެ. ނަމަވެސް އެސްޖޭއާ އަޅަން ހަވާލުކުރި ދެ ޕްރީ ސްކޫލަކީ އެ އިއުލާންތަކާ ގުޅުންހުރި މަޝްރޫއެއް ކަމެއް އެނގިފައެއް ނުވެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްކޫލުތަކެއް އެޅުމުގެ މަސައްކަތް ބައެއް ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު އިތުރު ސްކޫލުތައް އެޅުމަށް ކުންފުނިތައް ހޯދުމުގެ މަސައްކަތް ވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ގިނަ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އެ ސަރަހައްދުގައި އެއްވެސް ސްކޫލެއް އަދި ހަދާފައެއް ނުވެ އެވެ. އެކަމަކު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ހަދައިދީފައިވާ ޕްރީ ސްކޫލެއްގައި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ކިޔަވައިދޭން ފަށާފަ އެވެ.