ރިޒާވް

އިންޑިއާގެ ކަރަންސީ ސްވޮޕް ދެއްކުމުން ރާއްޖޭގެ ރިޒާވް ދަށަށް

Mar 2, 2022

އިންޑިއާއިން ރާއްޖެއަށް ހަމަޖައްސައިދިން ކަރަންސީ ސްވޮޕް -- ސަރުކާރު ގެރެންޓީ ދޭ ގޮތަށް ނަގާ ދަރަނި -- ދެއްކުމުގެ ޖެނުއަރީ މަހު ރާއްޖޭގެ ރިޒާވް ދަށަށް ވެއްޓިއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި ޖެނުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 753.4 މިލިއަން ޑޮލަރެވެ. ނަމަވެސް ޑިސެމްބަރު މަސް މަހާ ހަމައަށް ރާއްޖޭގެ ރިޒާވްގައި 791 މިލިއަން ޑޮލަރު ހުއްޓެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ރާއްޖޭގެ ރަސްމީ ރިޒާވް ނުވަ ޕަސެންޓު ދަށްވެފައިވަނީ އިންޑިއާ އިން ދިން ކަރަންސީ ސްވޮޕް އަނބުރާ ދެއްކުމުންނެވެ.

ސަރުކާރު މެދުވެރިވެގެން އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ގެ ކަރެންސީ ސްވޮޕް ފެސިލިޓީއެއް ދީފައިވަނީ 2020 ގެ ޑިސެމްބަރު މަހު އެވެ. އަދި މި ސޮވްޕުގެ މުއްދަތު މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ ހަ މަސް ދުވަހަށް އިތުރުކޮށް ދީފަ އެވެ. މި ކަރެންސީ ސްވޮޕް ފެސިލިޓީ ނަގާފައިވަނީ އެ ނަގާ އަދަދަކާ އެއްވަރުގެ ދިވެހި ރުފިޔާ ބަހައްޓައިގެންނެވެ. އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ދަށުން ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހެދޭފަދަ އެއްބަސްވުމެއްގައި ގާއިމްކޮށްފައިވެ އެވެ.