އެމްއެމްއޭ

މާލީ ގިނަ މައުލޫމާތުތަކެއް އެއްކުރަން މުޅި ރާއްޖޭގައި ސާވޭއެއް ކުރަނީ

Mar 2, 2022

ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރަން ބޭނުންވާ ގައުމީ ސިޔާސަތެއް އެކުލަވާލަން ބޭނުންވާ ގިނަ މައުލޫމާތުތަކެއް އެއްކުރަން ހާއްސަ ސާވޭއެއް ފަށަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ "ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" އެއް އެކުލަވާލަން ފަށާ މި ސާވޭގައި ފައިނޭންޝަލް ލިޓްރެސީ އާއި އަންހެނުނާއި ފިރިހެނުންގެ މެދުގައި ހުރި މާލީ ތަފާތުގެ މައުލޫމާތާއި އުމުރުން ދުވަސްވީ މީހުން ވެސް މި ދާއިރާގައި ހަރަކާތްތެރިވާ ގޮތުގައި މައުލޫމާތު އެއްކުރާނެ އެވެ. މީގެ އިތުރުން މި ސާވޭގައި މާލީ ތައުލީމް ފުޅާކޮށް ކިޔަވައި ދިނުމުގައި ބޭނުން ކުރެވިދާނެ އެންމެ އެކަށީގެންވާ ވަސީލަތްތަކުގެ މައުލޫމާތު ހޯދާނެ އެވެ. އަދި މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކުން ކޮންސިއުމާ ޕްރޮޓަކްޝަން އަށް ހޭލުންތެރިކަން ހުރިގޮތް ފަދަ ގިނަ މައުލޫމާތުތަކެއް އެއްކުރާނެ އެވެ.

ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އެކުލަވާލުމުގެ މަގުސަދަކީ ރާއްޖޭގެ މާލީ ބައިވެރިވުން (ފައިނޭންޝަލް އިންކްލޫޝަން) އޮތް މިންވަރު ދެނެގަތުމާއި މާލީ ހިދުމަތްތައް ހޯދާ ފަރާތްތަކުން މާލީ ކަންކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން ހުރި މިންވަރު ބެލުމެވެ. ހަމަ މިއާއެކު, ރާއްޖޭގެ މާލީ ބައިވެރިވުމާ ގުޅޭ ސިޔާސަތުތައް އެކަށައަޅައި އެއާ ގުޅޭ މަގްސަދުތައް ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ހޯދުން ވެސް މި ސާވޭގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މުޅި ރާއްޖޭގެ 63 ރަށެއްގައި ރެންޑަމްކޮށް ކުރިއަށް ގެންދާ މި ސާވޭގައި ތިން ގްރޫޕަކަށް ބަހާލާފައިވާއިރު، މި ސާވޭގައި 1،500 މީހުން ބައިވެރިކުރާނެ އެވެ. ސާވޭގައި ބައިވެރިކުރާ މީހުންގެ ބޮޑު ބަޔަކީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އެވެ.

މިމަހުގެ ފުރަތަމަ ހަފުތާއިން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދެވޭ މިސާވޭގެ މަސައްކަތް މި ކުރިއަށް ގެންދާނީ މި ފަދަ ސާވޭތައް ކުރާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެފްޖޭއެސް ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑުންނެވެ.