ކްރިމިނަލް ކޯޓް

ޖައިލަމްގެ މަރު: ހުކުމް މިމަހު 10 ގައި

ހ. ހަންޑްރެޑް ފްލާވާސްގޭ ޖައިލަމް އަހުމަދު ޝާކިރުގެ މަރާލި މައްސަލައިގެ ހުކުމް ކުރުން މިމަހުގެ 10 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފި އެވެ.

ޖައިލަމްގެ މަރާ ގުޅިގެން ދައުލަތުން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވަނީ ސ. ފޭދޫ، ވީނަސްވިލާ، ނަސީބު ސައީދާއި، ވ. ސިނަމާލެ، އިސްމާއިލް އަނީގު އަދި ޏ. ފުވައްމުލައް ޖަމްނާ، އަލީ އިރުފާން އާއި ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

ހަތް އަހަރު ވެފައިވާ މި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލައިފައި ވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. މައްސަލައިގެ ހުކުމް ކުރުމަށް ފުރަތަމަ ތާވަލު ކުރީ މިއަދަށެވެ. އެކަމަކު މައްސަލަ ދިރާސާ ކުރަމުން ދިޔައިރު ލިޔެކިޔުންތަކެއް ނެތުމުން ހުކުމް ކުރުން ފަސްކުރީ އެވެ. މިއަދުގެ އަޑުއެހުމުގައި ގާޒީ އިސްމާއީލް ޝަފީއު ވަނީ މަދުވާ ލިޔެކިޔުންތަކާ ގުޅޭ ގޮތުން ދައުލަތާ ސުވާލުކުރައްވާފަ އެވެ.

އެގޮތުން ދައުވާ ލިބޭ ނަސީބު، އަނީގު އަދި އިރުފާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ އިންޒާރެއް ދީފައިވާ ކަމުގެ ލިޔުމެއް މައްސަލަ ދިރާސާކުރަމުން ދިޔައިރު ލިބިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. މި މައްސަލައިގައި ދައުވާ ލިބޭ މުހައްމަދު ހުމައިދުއަށް ގާނޫނީ އިންޒާރު ދީފައިވާ ކަމުގެ ލިޔުން ލިބިފައިވާ ކަމަށް ވެސް ގާޒީ ފާހަގަކުރެއްވި އެވެ.

އެކަމާ ގުޅިގެން ދައުލަތުގެ ވަކީލާ މަރިޔަމް ޝަހުމާ ވިދާޅުވެފައި ވަނީ އެ ތިން މީހުންނަށް ގާނޫނީ އިންޒާރު ދިން ލިޔުން ފުލުހުން އެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ގާޒީ ވަނީ ވީހާ ވެސް އަވަހަކަށް އެ ލިޔުންތައް ކޯޓަށް ހުށަހެޅުމަށް ދައުލަތަށް އަންގަވާފަ އެވެ.

ހަތަރު މީހުންގެ ތެރެއިން ނަސީބާއި އަނީގާއި އިރުފާންގެ ޝަރީއަތް ފެށިއިރު ހުމައިދު ހައްޔަރެއް ނުކުރެ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އިންޓަޕޯލް ނޯޓިސް ނެރެގެންނެވެ.

ދިގުލައިގެން ގޮސްފައިވާ މި މައްސަލައިގެ ހުކުމް އިއްވުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ.

ޖައިލަމް މަރާލާފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ޖައިލަމް މަރާލި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، ޖައިލަމަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އެ ތިން މީހުންނާ އެކު ޖައިލަމް ކައިރިއަށް ދިޔަ ހުމައިދު ކަމަށެވެ. އޭނާ ތޫނު އެއްޗަކުން ޖައިލަމަށް ހަމަލާދިން އިރު އިސްމާއީލް އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމަށް ހަމަލާދިން ކަމަށް ދައުވާގައިވެ އެވެ.

ދައުވާގައި ބުނެފައިވާ ގޮތުގައި، ނަސީބު ސައީދު އަދި އަލީ އިރުފާން ޖައިލަމަށް ހަމަލާދިން މީހުން ގޮވައިގެން ސައިކަލުގައި ގޮސް އެމީހުން ފިލުވުވުމަށް މަސައްކަތްކޮށްފައިވާ އެވެ. ޖައިލަމް މަރުވީ އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅިން ހަމަލާދިނުމުގެ ސަބަބުންނެވެ.