މޯލްޑިވްސް ޕޮލިސް ސާވިސް

ފިލައިގެން އުޅޭ ދެ މީހަކު ހޯދަނީ

Mar 2, 2022

ފުލުހުން ތަހުގީގުކުރަމުންދާ ދެ މައްސަލައެއްގައި ހޯދަން ބޭނުންވާ ދެ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ހޯދާ ދެ މީހުންނަކީ ސ. ފޭދޫ، ޗާންދަނީމާގެ މުހައްމަދު މާހިން އަހްމަދު (33އ) އާއި، ސ. ހުޅުދޫ، އިރުވައި އަހްމަދު އުނައިސް (39އ) އެވެ.

މާހިން ހޯދަނީ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައެއްގައި މައުލޫމާތު ސާފުކުރުމަށާއި ތަހުގީގަށް ސުވާލުކުރުމަށެވެ.

އުނައިސް ހޯދަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި މައުލޫމާތު ސާފުކުރުމަށާއި ތަހުގީގަށް ސުވާލުކުރުމަށެވެ.

ފުލުހުން ބުނީ މި ދެ މީހުންނަކީ ވެސް ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ދެ މީހުން ކަމަށެވެ. އެ މީހުންގެ އާއިލާއަށްވެސް އެ މީހުން އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ދެ މީހުންގެ މައުލޫމާތާއި ފޮޓޯ އާންމުކޮށް މާހިން އަށް ފުލުހުން އަންގާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:00 ޖަހާއިރު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވުމަށެވެ. އުނައިސް އަށް އަންގާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވާށެވެ.