އަބްދުﷲ ޖާބިރު

ރައީސްގެ ބާރުތައް ނާއިބާ ހަވާލުކުރި ގޮތާމެދު ސުވާލު އުފައްދައިފި

ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރެއްވި ކުރެއްވުމާމެދު ސުވާލު އުފައްދަވާ އެކަން ހިނގާދިޔަ ގޮތް އިތުރަށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް އެ މައްސަލަ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށައަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވެވި ސިޓީއެއްގައި ޖާބިރު ވިދާޅުވީ މަޖިލީހުގެ ރައީސް އާއި އުއްތަމަފަނޑިޔާރު ކުރިފުޅު މަތީގައި ފެބްރުއަރީ 25 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަތުމުން ރައީސުލްޖުުމްހޫރިއްޔާގެ ނާއިބު ހުވައި ކުރައްވާފައިވާއިރު އެކަން ހިނގައިދިޔައީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި އޭނާ ގަބޫލުކުރައްވާ ގޮތުގައި މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ރައީސް ސޯލިހް ވަނީ ވަޑައިގެންފައި ކަމަށެވެ.

"...ވީމާ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އާ ހަވާލު ކުރެއްވުމުގެ 'ހުވައި' ކުރައްވާފައިވަނީ ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ އިޖުރާއަތްތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ކަށަވަރު ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ޒިންމާއެއް ކަމަށްވާތީ އާއި އަދި އަޅުގަނޑަކީ މި ދެންނެވި ކޮމެޓީގެ ނާއިބު މުގައްރިރު ކަމަށްވާތީ މިކަން ބައްލަވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އެދި މި މައްސަލަ ހުށަހެޅީމެވެ،" ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރެއްވީ ފެބްރުއަރީ 25 ވަނަ ދުވަހުގެ ރޭ ފަތިހު 5:50 ގައި މަޖިލީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގެންފައިބާ ބާރުތައް އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް އާއި ހަވާލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ސޯލިހް ހާމަކުރެއްވީ ފެބްރުއަރީ 24 ވަނަ ދުވަހުގެ ރޭ 9:14 ގައި ކުރެއްވި ޓްވީޓެއްގައެވެ. އެއީ 25 ވަނަ ދުވަހުގެ ހެނދުނު ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށް ހަމަޖެހުމުންނެވެ. ރައީސްގެ އޮޕަރޭޝަން ކުރެއްވީ ހޭނައްތައިގެންނެވެ.

އޮޕަރޭޝަނަށް ފަހު 210 މިނެޓްގެ ފަހުން ރައީސް ސޯލިހް ވަނީ އަލުން މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެން އެކަން މަޖިލީހަށް އަންގަވާފަ އެވެ.