މާލޭ ސިޓީ ކައުންސިލް

އީމާންގެ އެލެވަންސް އާއިލާއަށް ދޭން އެދެނީ

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ވިލިމާލޭ ދާއިރާގެ މެމްބަރު އައިމިނަތު އީމާނަށް ލިބެމުންދިޔަ އެލެވެންސް އާއިލާއަށް ދިނުމަށް އެދި ސަރުކާރަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 42 ވަނަ ޖަލްސާގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ހުށަހަޅުއްވާ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ތާއީދު ކުރެއްވި މި ހުށަހެޅުއްވުމުގައި ވަނީ މެމްބަރުންނަށް ލިބެމުން ދިޔަ 5000 ރުފިޔާގެ އެލަވެންސް ފަސް އަހަރު ދުވަހުގެ ދައުރު ހަމަވަންދެން އީމާންގެ އާއިލާއަށް މެދުކެނޑުމެއްނެތި ލިބޭނެ ގޮތް ހަމަޖެއްސުމަށް ސަރުކާރަށް ހުށައެޅުމަށެވެ.

މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މިހުށަހެޅުން ވަނީ ފާސް ކޮށްފައެވެ.

ހުޅުމާލޭގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އީމާން ނިޔާވުމާއި ގުޅިގެން މިއަދުގެ ޖަލްސާގައި ވަނީ އެއް މިނެޓްގެ ސުކޫތެއް ގެނެސްފައެވެ.

ހުޅުމާލެ ކުރެދިމާ ހިނގުމުގައި މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު 4:25 ހާއިރު އީމާން އެކްސިޑެންޓްވެފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދަނިކޮށް ސްޕީޑް ބްރޭކަރަކަށް އަރައިގެންނެވެ. އެކްސިޑެންޓަށްފަހު އޭނާ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

އޭގެ ފަހުން އިތުރު ފަރުވާއަށް އެ ރޭ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އީމާން މަރުވެފައި ވަނީ އެ ހޮސްޕިޓަލުން އީމާންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުއްމީދު ކަނޑައިލައިފައި ވަނިކޮށެވެ.