އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު ޝުއައިބު އަލީ(ފުރަހަނި ޝުއައިބު) މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) އަށް ސޮއިކޮށްފި އެވެ.
ޝުއައިބު އެމްޑީއޭއަށް ސޮއި ކުރީ އެ ޕާޓީން މިއަދު ހަވީރު ޕޯސްޓް ބިލްޑިންގްގެ އެޑިޓޯރިއަމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ޝުއައިބު އެމްޑީޕީގައި ހުންނެވި އިރު އެންމެ ފަހު އަދާ ކުރެއްވީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނާއިބު މުގައްރިރުގެ މަގާމެވެ. އެހެން ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދުނު މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރު ފަހުކޮޅު އޭނާ ވަނީ އެ ޕާާޓީން ވަކިކޮށްފަ އެވެ.
އެމްޑީއޭއަށް ސޮއި ކުރުމަށް ފަހު ޝުއައިބު ވިދާޅުވީ އޭނާ އެމްޑީޕީން ވަކިވެ އެމްޑީއޭ ގުޅުމުން ބައެއް މީހުންނަށް ހައިރާންކަމެއް ލިބިގެން ހިނގައިދާނެ ކަމާށެވެ. ނަމަވެސް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމް މުހައްމަދަކީ އެމްޑީޕީއަށް ވެސް ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
މީގެ އިތުރުން ސިޔާމްއަކީ އެންމެ ކުޑައިރުއްސުރެވެސް ދަންނަ އިހުލާސްތެރި އެކުވެރިންނަށް ހެޔޮ ބޭފުޅެއް ކަމަށެވެ. އޭނާ ސިޔާސް ސިޔާސް ސިފަކުރެއްވީ މުސްތަގުބަލެއް އޮތް ބޭފުޅެއްގެ ގޮތުގަ އެވެ.
އެމްޑީޕީން ވަކިވުމަށް ފަހު އެމްޑީއޭއާ ގުޅެން ނިންމި ސަބަބު ވެސް ޝުއައިބު މިއަދު ސާފުކޮށްދެއްވި އެވެ.
"ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓިީތައް ވަނީ ބޮޑުތަނުން ފެއިލްވެފައި. ދައުލަތުގެ ހުރިހާ ފައިސާއެއް މުދަލާ ބޭނުންކުރަމުން ދިޔައީ އެމްޑީއޭ ނޫން ޕާޓީތައްކަން ދިވެހި ރައްޔިތުން ހެކިވާނެ. އަޅުގަނޑު ބެލީ އިހުލާސްތެރިކަމާއެކު ތެދުވެރި ކަމާއެކު ހިތްވަރާ އަޒުމާއެކު ރާއްޖޭގެ ރައްޔިތުންނަށް މުސްތަގުބަލެއް ހޯދައިދޭނީ ކޮން ބޭފުޅެއްތޯ. އިސްލާމް ދީނާ ދިވެހި ދައުލަތް ހުއްބުލް ވަތަން މި ގައުމުގެ ރައްޔިތުން އަޅުގަނޑުމެންގެ ދަރިންނާއި ދަރިންނަށް ގެންގޮސްދޭނީ ކޮން ސިޔާސީ ޕާޓީއަކާ ގުޅިގެންތޯ." ޝުއައިބު ވިދާޅުވި އެވެ.