ތެލުގެ އަގު

ތެޔޮ މަތިވެ، ތެލުގެ ސަބްސިޑީ 700 މިލިއަނަށް މަތިވެއްޖެ

ތެލުގެ އަގު މަތިވަމުން ދިއުމާއެކު "ތެލުގެ ސަބްސިޑީ" އަށް ބަޖެޓުން ކުރަން ޖެހޭ ހަރަދު 700 މިލިއަން ރުފިޔާ އަށް މަތިވާނެ ކަމަށް ބެލެވިއްޖެ އެވެ.

ދުނިޔޭގެ ބާޒާރުގައި މިހާރު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 113 ޑޮލަރަށް އުފުލިފަ އެވެ. ތަޖުރިބާކާރުން ގަބޫލު ކުރާ ގޮތުގައި ރަޝިޔާ- ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރަށް އުފުލުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރުގެ ހާލަތުގެ ސަބަބުން ރާއްޖޭގައި ތެލުގެ އަގު ދަނީ ބޮޑުތަނުން މަތިވަމުންނެވެ. މިހާރު ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް ލިބޭނީ 12.98ރ. އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 13.04ރ. އެވެ.

ތެލުގެ އަގު ބޮޑުވުމާއެކު ރާއްޖެ ފަދަ ތެލަށް ބަރޯސާވެފައިވާ ގައުމުތަކަށް ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވާނެ އެވެ. އެންމެ ބޮޑަށް ކުރިމަތިވާނެ އެއް ކަމަކީ ބައެއް ހިދުމަތްތައް އަގު ހެޔޮކުރަން ސަރުކާރުންދޭ ސަބްސިޑީ މަތިވެގެން ދިއުމެވެ.

ހާލަތު ކައިރިން މޮނީޓާ ކުރަނީ

އަވަސް އަށް ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ފިނޭންސްގެ ޗީފް ފައިނޭޝަލް ބަޖެޓް އެގްޒެކެޓިވް އަހްމަދު ޝަރުވަޝް ވިދާޅުވީ މިހާރުގެ ހާލަތު ފިނޭންސް މިނިސްޓްރީން ކައިރިން މޮނީޓާކޮށް ބަލަމުންދާ ކަމަށާ، މިހާރުގެ އަންދާޒާ އިން ވެސް ހަރަދުތައް މަތިވެގެންދާނެ ކަމަށް ބެލެވިފައިވާ ކަމަށެވެ. މިހާރުން މިހާރަށްވެސް ތެލަށްދޭ
ސަބްސިޑީ ބޮޑުތަން މަތިވާނެ ކަމަށް ޔަގީންވެފައިވާ ކަމަށެވެ.

"ބަޖެޓު އެކުލަވާލާއިރު ވެސް ބެލީ އޭރު ހުރި ވަރަށް ވުރެ ބޮޑުކޮށް ހުންނާނެ ކަމަށް. އޭރު ބަލާފައިވަނީ މި އަހަރު ތެޔޮ ފީފާއެއް 85 ޑޮލަރުގައި ހުންނާނެ ކަމަށް. އެކަމަކު މިހާރު މިވަނީ 100 ޑޮލަރުން މަތިވެފައި. އެހެންވެ ތެލަށްދޭ ސަބްސިޑީ އަށް ކުރަން ޖެހޭ ހޭދަ މަތިވެގެންދާނެ،" ޝަރުވަޝް ވިދާޅުވި އެވެ.

ކުރިން 400 މިހާރު 700 މިލިއަން

އޭނާ ވިދާޅުވީ ކުރިން އަންދާޒާކުރީ ތެލުގެ ސަބްސިޑީ އަށް މި އަހަރު 300 މިލިއަން ރުފިޔާ އާއި 400 މިލިއަން
ރުފިޔާވަރު ހޭދަވާނެ ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު ހުންނާނެ ކަމަށް ބެލެވެނީ 600 މިލިއަން ރުފިޔާއާއި 700 މިލިއަން ރުފިޔާގައި ކަމަށް ޝަރުވަޝް ވިދާޅުވި އެވެ.

ޝަރުވަޝް ވިދާޅުވީ ރަޝިއާ އާއި ޔޫކްރޭންއަކީ ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު ދެ މާކެޓަށް ވާއިރު މިހާރުގެ ހާލަތުން ޓޫރިޒަމަށް އަސަރުކުރާނެ ކަމަށާ، މި ހާލަތު ދިގުލައިގެންދާނަމަ ލިބޭ ގެއްލުން ބޮޑު ވެގެންދާނެ ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައި މިވަނީ އާމްދަނީ މަދުވެ، ހަރަދު އިތުރުވުމުގެ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަޝިއާ މިދިޔަ އަހަރު ދެވަނަ މާކެޓުގެ ގޮތުގައި އޮތީ. އެކަމަކު މިއޮތީ އެއްވަނަ މާކެޓަށް. މިހާރުގެ ފިޔަވަޅުތަކުން އަސަރު ކުރާނެ. މި އަސަރުގެ ސަބަބުން ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ޖީއެސްޓީ އާމްދަނީ ވެސް ދަށްވާނެ ކަމަށް ބެލެވޭ.އެހެންވެ އާމްދަނީ އަށް އަސަރު ކުރާނެ،" ޝަރުވަޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާލަތުގެ ސަބަބުން އިކޮނޮމީއަށް ކުރާނެ އަސަރުތައް ދެކެގަތުމަށް ސިނާރިއޯ ތަކެއް ހަދާފައިވާ ކަމަށާ، އަދި ހާލަތަށް އަންނަ ބަދަލު ބަލައި މިކަން މޮނީޓާ ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ކަރަންޓު އުފައްދަން ސްޓެލްކޯ އަށް ސަރުކާރުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ. މީގެ އިތުރުން ސަބްސިޑީގެ ގޮތުގައި އެހެން ގިނަ ދާއިރާތަކަށް ވެސް ބަޖެޓުން ހޭދަ ކުރެ އެވެ.