ބޮލީވުޑް

ޝާހް ރުކް "ޕަތާން" އިއުލާންކުރުމާއެކު ފޭނުން މޮޔަވެއްޖެ

ޝާހް ރުކް ޚާން އެނބުރި އަންނަ ފިލްމަކީ "ޕަތާން" ކަމަށް އިންޑިޔާގެ ނޫސްތަކުން ޚަބަރު ފަތުރަމުންދާތާ ވަރަށް ގިނަ ދުވަސް ތަކެއް ވެއްޖެ އެވެ. ނަމަވެސް އެ ފިލްމުގެ ޕްރޮޑީއުސަރު ޔާޝް ރާޖް ފިލްމްސް އާއި ޝާހް ރުކް ރަސްމީކޮށް މި ފިލްމުގެ އެއްވެސް ވާހަކައެއް މިހާތަނަށް ދައްކާފައެއް ނުވެ އެވެ. ނަމަވެސް އިއްޔެ ޝާހް ރުކް ވަނީ "ޕަތާން" އާއެކު އޭނާ އަލުން އެނބުރި އަންނަ ކަން އިއުލާންކޮށްފަ އެވެ.

ބުދަ ދުވަހު ހެނދުނު ފިލްމުގެ ޓީޒާއަކާއެކު ޝާހް ރުކް މި ފިލްމު އިއުލާން ކުރުމާއެކު އިންޓަނެޓުގައި ހީވީ ހުޅު ޖެހިގެންނެވެ.

މި ފިލްމުގެ ޓީޒާގައި ޝާހް ރުކްގެ މޫނެއް ނުދައްކަ އެވެ. ވީޑިއޯގެ ބެކްޣްރައުންޑުން ހަމައެކަނި އިވެނީ އޭނާގެ އަޑެވެ. ދެން ފެންނަނީ އޭނާގެ ހިޔަންޏެއް އެކަންޏެވެ. ފިލްމުގެ ޓީޒާގައި ބުނެފައިވާ ގޮތުގައި މި ފިލްމު ރިލީޒްކުރާނީ 2023ގެ ޖެނުއަރީ 25 ވަނަ ދުވަހު އެވެ. މި ފިލްމުގައި ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ވެސް ބައިވެރިވާކަން ޓީޒާއިން ވަނީ ޔަގީން ވެފަ އެވެ.

"ޕަތާން" އެނައުންޓްމަންޓް

ޝާހް ރުކްގެ އާ ފިލްމު ރަސްމީކޮށް އިއުލާން ކުރުމާއެކު އޭނާގެ ފޭނުން ބުނީ ހަތަރު އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެމީހުންގެ ފޭވަރިޓް އެކްޓަރުގެ ފިލްމެއް ފެނިދާނެކަމުގެ އުންމީދު އާވެއްޖެ ކަމަށެވެ.

ފޭނުން ބުނީ "ރަސްގެފާނު އެނބުރި އަތުވެއްޖެ" ކަމަށެވެ. ފިލްމުގެ ފުރަތަމަ 100 ޓިކެޓް ބަހާލާނެކަމަށް ވެސް އެއް ފޭނަކު އިއުލާން ކުރި އެވެ. އެހެން ފޭނަކު ބުނި ގޮތުގައި މި ފިލްމު އިއުލާން ކުރުމުން އުފަލުން ގޮސް އޭނާއަށް ރޮވިއްޖެ ކަމަށާއި އަދިވެސް ރުއިން ނުހުއްޓޭ ކަމަށެވެ. ބައެއް ފޭނުން ވަނީ ހެއްވާ މަޖާ މީމްތައް ވެސް ތައްޔާރުކޮށް ޝެއާ ކޮށްފަ އެވެ.

މި ފިލްމު އިއުލާން ކުރުމުގެ ގޮތުން ފޭނުންނާއެކު ލައިވް ޗެޓް އެއްވެސް ޝާހް ރުކް ވަނީ އިއްޔެ ކުރިޔަށް ގެންގޮއްސަ އެވެ. މި ލައިވް ޗެޓް ފެށުމުގެ ގޮތުން އޭނާ ވަނީ ފާއިތުވީ ދުވަސްތަކުގައި އޭނާ އަށް ކުރިމަތިވި އުނދަގޫ ކަންތައްތަކުގައި ފޭނުން އޭނާއަށް ކުރި ތާއީދާއި ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އޭނާއަށް ތާއީދުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ފޭނުން އޭނާގެ ގޭދޮށަށް އެއްވެސް ތިބިކަން ފާހަގަކޮށް އެކަމަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

މި ލައިވް ޗެޓްގެ ފޭނަކު ވަރަށް މުހިއްމު ސުވާލެއް ޝާހް ރުކާ ކުރި އެވެ. އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ބަލައިފިން ހެއްޔޭ އެވެ؟ މި ސުވާލުގެ ޖަވާބު ޝާހް ރުކް ދިނީ ވަރަށް މަޖާ ކޮށެވެ.

"އާމިރު ބުނަނީ ފުރަތަމަ 'ޕަތާން' ދައްކާށޯ. އޭގެ ފަހުންނޯ 'ލާލް ސިންގް ޗައްޑާ" ދެއްކޭނީ،" ފޭނުގެ ސުވާލަށް ޖަވާބުދެމުން ޝާހް ރުކް ބުންޏެވެ.