ދުނިޔެ

ރަޝިއާގައި ވޯލްޑް ބޭންކް ޕްރޮގްރާމްތައް ހުއްޓާލައިފި

ވޯލްޑް ބޭނުންކުން ރަޝިއާ އާއި ބެލަރޫސްގައި ހިންގާ ހުރިހާ ޕްރޮގްރާމްތަކެއް ހުއްޓާލަން ނިންމައިފި އެވެ. އަދި ބުނީ އަމުރަށް އަމަލުކުރުން ވަގުތުކޮޅަކަށް ވެސް މަޑުޖައްސާ ނުލާނެ ކަމަށެވެ.

ވޯލްޑް ބޭންކުން ބަޔާނެއްގައި ބުނެފައިވާ ގޮތުން 2014 ވަނަ އަހަރުން ފެށިގެން ރަޝިއާގައި އިންވެސްޓްކުރުން އޮތީ ހުއްޓާލާފައެވެ. އެއީ ރަޝިއާއިން ޔުކްރޭންގެ ކްރައިމިއާއަށް އަރައިގަތް އަހަރެވެ.

ރަޝިއާ ޒިންމާވާ ގޮތަށް ނުވަތަ ރަޝިއާގެ މާލީ އިދާރާއަކުން ދިން ގެރެންޓީއަކަށް ވޯލްޑް ބޭނުންކުން އެއްވެސް ބާވަރެއް އާ ޕްރޮޖެކްޓެއް ރަޝިއާގައި މިހާރު ނުހިންގާ ކަަމަށް ވެސް ވޯލްޑް ބޭންކުން ބުނެ އެވެ.

ބެލަރޫސްގައި ވެސް އާ ޕްރޮޖެކްޓަކަށް 2020 ވަނަ އަހަރުގެ މެދާ ހިސާބުން ފެށިގެން އިންވެސްޓް ނުކުރާ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފަ އެވެ.

ރަޝިއާގެ އަސްކަރީ ބާރުތަކުން ޔުކްރޭންގައި މިހާރު ހިންގާ އޮޕަރޭޝަންގައި ބެލަރޫސް އަކީ ބައިވެރިއެއް ކަމަށް ދުނިޔޭގެ ބާރުތަކުން އޮތީ ނިންމާފަ އެވެ. އަދި ރަޝިއާއަށް ދަތިކުރަން އަޅާ ފިޔަވަޅުތަކުން ބައެއް ބެލަރޫސް ހިއްސާކުރަން ޖެހޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަނުން ވެސް ބުނެ އެވެ.

ވޯލް ބޭންކުން ރަޝިއާއާ ދެކޮޅަށް ތެދުވި ސަބަބަކީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަންގެ ފިއްތުންތަކުގެ ސަަބަބުންނެވެ.

ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތިކުރަން ގައުމުތަކުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިއާގެ ފްލައިޓްތަކަށް ވައިގެ ސަރަހައްދު ބަންދުކުރުމާއި ރަޝިއާގެ އާގުބޯތުތަކަށް ބަނދަރު ބަންދުކުރުން ހިމެނެ އެވެ.

ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ ބޭރުކުރުމަށް ސްވިފްޓް ނެޓްވޯކުން ވެސް ރަޝިއާގެ ބޭނުންކްތަކާއި މާލީ އިދާރާތައް ބޭރުކުރަން ވަނީ ނިންމާފަ އެވެ.