ރަޝިއާގެ އަސްކަރީ ފައުޖުތަކުން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކުން ރައްކާތެރިވުމަށް ފާއިތުވި ހަފުތާއެއްހާ ދުވަސް ތެރޭގައި އެއްމިލިއަނަށް ވުރެ ގިނަ މީހުން ޔުކްރޭން ދޫކޮށް ހިނގައްޖެ ކަމަށް އދ. ގެ ރެފިއުޖީންނާ ބެހޭ ހައިކޮމިޝަނަރު، ފިލިއްޕޯ ގްރާންޑީ ވިދާޅުވެއްޖެ އެވެ.
ފިލިއްޕޯ ވިދާޅުވި ގޮތުން ޔުކްރޭނާ ބޯޑަރު ހިއްސާކުރާ ގައުމުތަކަށް ވަނުމަށް އެއްވެ ތިބި މީހުން ގިނަކަމުން އަދަދުކުރަން ވެސް ދަތި ކަމަށެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދުގައި ހާލަތު އޮތް ގޮތުން ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭން ވެސް ދަތި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުން ޔުކްރޭންގައި ތާށިވެފައި ތިބި އެތައް މިލިއަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އޮތް ހަމައެކަނި އުންމީދަކީ ބަޑީގެ އަޑު ކަނޑައިގެން ދިއުން ކަމަށެވެ.
ރަޝިއާއިން ދެމުން ގެންދާ ހަމަލާތަކުން ސަލާމާތްވާ މަސައްކަތް ކުރަނިކޮށް މަރުވި މީހުންގެ އަދަދާ ބެހޭ ގޮތުން އެކި ދިމާއިން އެކި ވާހަކަ ދައްކާއިރު، ޔުކްރޭންގެ ރައިސް ލަޑިމިއާ ޒީލިއަންސްކީ ވިދާޅުވި ގޮތުން ހަފުތާއެއްހާ ދުވަސް ތެރޭގައި ޔުކްރޭން ސިފައިން ރަޝިއާގެ 9،000 ސިފައިން ވަނީ މަރާފަ އެވެ.
ހަނގުރާމައިގެ ތެރޭގައި އެކި ގޮތުން އަނިޔާ ލިބި މަރުވި މީހުންގެ އަދަދު އިދާރާތަކަށް އަދި ހިސާބު ޖަހަން ފަސޭހަ ނޫން ކަމަށް ޚަބަރުތައް ބުނެ އެވެ. އެހެން ނަަމަވެސް، މަރުވާ މީހުންގެ ތެރޭގައި ޔުކްރޭންގައި ތިބި ބޭރު ގައުމުތަކުން މީހުން އިތުރުވަމުން އަންނަ ކަމަށް ވެސް ބުނެވެ އެވެ.