ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މަރުގެ ތުހުމަތުވާ ކުއްޖާ ޖަލަށް ބަދަލުނުކޮށްދިނުމުން ސުޕްރީމް ކޯޓަށް

ރަހީނުކޮށް މަރާލުމަށްފަހު ހުޅުމާލޭގެ ފަޅުތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ކުޑަކުއްޖާ ދަށު ކޯޓުތަކުން ގޭބަންދަށް ބަދަލުނުކޮށްދިނުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުންނަ ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރުގައި ހުއްޓައި ޖުވެނައިލް ކޯޓުން ގޭބަންދަށް ބަދަލުކުރަން އަމުުރުކުރީ އެ މައްސަލާގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ އުމުރުން 17 އަހަރުގެ ކުއްޖާ އެވެ. ޝަރުތުތަކަކާއެކު އެކުއްޖާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހު އެވެ.

ކޯޓުން ގޭބަންދަށް ބަދަލުކުރަން އަމުރުކުރީ، ކުއްޖާ ބަންދުކޮށްފައި ހުރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މައުލޫމާތު ދީފައިވާތީ އެކަމަށް ރިއާޔަތްކުރުމަށްފަހު އެވެ.

އޭގެ ފަހުން ކުޑަކުދިން ބަންދުކުރުމަށް ކަރެކްޝަނަލް ސާވިސް އިން އާ ޑިސެންޝަން ސެންޓަރެއް ގާއިމްކުރި އެވެ. އެހެންކަމުން ދައުލަތުން ވަނީ ކުއްޖާ އެތަނަށް ބަދަލުކޮށްދިނުމަށް ޖުވެނައިލް ކޯޓުގައި އެދިފަ އެވެ. އެކަމަކު އެ ކޯޓުން ނިންމާފައި ވަނީ އެކުއްޖާ ގޭބަންދަށް ބަދަލުކުރަން ނިންމި ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހެގެން ދައުލަތުން ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ހައިކޯޓުން ވެސް ނިންމީ އެ ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ މިދިޔަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

ހައިކޯޓުން މިދިޔަ މަހުގެ 23 ވަނަ ދުވަހު މި މައްސަލައިގައި ކުރި ހުކުމުގައި ބުނެފައި ވަނީ ކުއްޖާ ބަންދުން ދޫކޮށްލާފައި ނުވާ ކަމަށާއި އެކުއްޖާ އަދިވެސް ހުރީ ބަންދެއްގައި ކަން އެނގެން އެބަ އޮތެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގޭގައި ކުދިން ބަންދުކުރުވޭ ކަމަށާއި ގޭބަންދަކީ މި ގާނޫނުގެ ދަށުން ބަލައިގަނެވޭނެ ބަންދެއް ކަމަށެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލުމަށްފަހު ފޮށިގަނޑަަކަށްލައި ހުޅުމާލޭގެ ދެވަނަ ފިޔަވައްސާ ދިމާލު މޫދަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު ވަގުތެއްގަ އެވެ. ކުއްޖާގެ މަރާ ގުޅިގެން ފުލުހުން ހައްޔަރުކުރީ 17 އަހަރުގެ ކުޑަކުއްޖާގެ އިތުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ.