ވާހަކަ

ހިތް ރުއްސާނުތޯ

( 1 މާރިޗު 2022 އާ ގުޅޭ )

ހޫރައިންއަށް ވަގުތުން މޫނުފޮތިކޮޅުގައި އަތްލެވުނެވެ. އަޒްހަދުގެ ނަޒަރު ހުއްޓިފައި ހުރި ގޮތުން އޭނާއަށް ހޫރައިން އެނގުނީއޭ ހީވެއެވެ. މޫނު ހުރީ ރަނގަޅަށް ނިވާވެފައިތޯ ޔަގީންކުރަން ހޫރައިންއަށް އުޅެވުނީ އެހެންވެއެވެ.

ބާޒާރުކޮށްގެން ދެމަފިރިން ގެއަށް އައިތާ އިރުކޮޅެއް ވެއްޖެއެވެ. ގަނެގެން އައި އެއްޗެހި ސުމައްޔާއަށް ދައްކާން ކާމޭޒުދޮށުގައި ހޫރައިން ހަރަކާތްތެރިވަމުންދިޔައެވެ. ސޯފާގައި ޒެހެން އިނީ ހޫރައިންގެ ހަރަކާތްތަކަށް ބަލާށެވެ. ފެންނަ ފެނުމަށް ހޫރައިންއަށް ކަމެއްވެފައި ހުރިކަން ބުނާކަށް ނޭނގޭނެއެވެ. އެހެންނަމަވެސް އަނބިމީހާގެ މަޑުމައިތިރިކަމާއި ހިމޭންކަން އެކިފަހަރު ތަފާތުވާކަން ޒެހެންއަށް މިހާރު ދެނެގަންނަން އެނގެއެވެ. ހޫރައިނަށް ދޭ ސަމާލުކަން އިތުރުވެފައިވާއިރު އޭނާގެ އިހްސާސްތައް ތަރުޖަމާކުރާން ޒެހެން ދަސްކޮށްފިއެވެ.

ސުމައްޔާ ނުކުމެގެން ދިއުމުން ކޮތަޅުތައް ހިފައިގެން ހޫރައިން ހިނގައިގަތީ ކޮޓަރިއަށް ދާށެވެ. ޒެހެން ވެސް ތެދުވެގެން އައިސް ކޮޓަރިއަށް ވަނެވެ. އެއްފަރާތުގައި ކޮތަޅުބޮނޑިތައް ބަހައްޓާލާފައި ހޫރައިން އުޅުނީ ހެދުން ބަދަލުކުރާށެވެ. އެނދުގެ އަރިމަތީ އިށީން ގޮތަށް ޒެހެން އިނީއެވެ. ރީތިވާ މޭޒުގެ ލޯގަނޑުން ހޫރައިނަށް ޒެހެންގެ އެއްފަޅި ފެނެއެވެ. އޭނާއަށް ތުންފިއްތާލެވުނެވެ. ޒެހެންއަކީ ބަހެއްނުކިޔާ ހިމޭންވެފައި ގިނައިރު އިންނާނޭ މީހެއްނޫންކަން ހޫރައިންއަށް އެނގެއެވެ. އެއާއެކު އަމިއްލަ ޟަމީރު ހަނދާންކޮށްދިނީ ހޫރައިން މިރޭ ކަންތައްކުރި ގޮތެވެ. ކުއްލިއަކަށް ޒެހެންގެ އަތުގައި ހިފާލުމާއެކު ފިހާރަ ތެރެއިން ނުކުތީއެވެ. މީހުންގިނަވީކަމުގެ ބަހަނާ ދެއްކިއިރު އެއީ ހަގީގަތެއް ނޫނެވެ. ހެދުން ބަދަލުކޮށްލުމާއެކު ހޫރައިން ފާޚާނާއަށް ވަދެފައި ނުކުތެވެ. ޒެހެން އިންގޮތަށް އިނީއެވެ. ހޫރައިން އައިސް ޒެހެންގެ ގާތު އެނދުގައި އިށީނެވެ.

"ކީއްވެފަ؟." ހޫރައިން އަހާލިއެވެ.

"ހޫރް ބުނެބާ." ޒެހެން ބުންޏެވެ.

ހޫރައިން ބުނަންވީ ކީކޭބާއެވެ. އޭނާ ފިހާރައިން ނުކުތީ އަޒްހަދު ފެނިގެންކަން ބުނަންވީ ހެއްޔެވެ. އަޒްހަދަށް އޭނާ ވަކިކުރާން އެނގުނީއެވެ. ކައިރިއަށް އަންނަން އުޅުމުން ހޫރައިން ހާސްވީއެވެ. ނުހަނު ބޮޑަށެވެ. އަނެއްކާ އަޒްހަދު ގޮވާލިއަޑު ޒެހެންއަށް އިވުނީބާއެވެ. ޔަގީނުން ވެސް ހޫރައިންގެ ކަންފަތަށް އެ އަޑު އިވުނެވެ. ނީވޭކަމަށް ހެދީ ގަސްދުގައެވެ. އަޒްހަދާ ދުރަށް ދުވާ މީހަކު ފަދައިން ހޫރައިންއަށް ކަންތައްކުރެވުނުކަން ޚުދު އަމިއްލައަށް ވެސް އެނގެއެވެ. ފުން ވިސްނުމަކަށް ހޫރައިންގެ ނަފްސު ގަންބާލި ފަދައެވެ. ހަފަރާތުން ސުވާލުތައް އޮހިގަތެވެ. އަޒްހަދާމެދު އަމިއްލަ ހިތާ ސުވާލު ކުރެވުނެވެ. ފިރިމީހާދެކެ ލޯބިވާކަމަށް ހޫރައިންގެ ހިތް ދައުވާކުރެއެވެ. އެތައް ގޮތަކުން ޒެހެން ޚާއްޞަވެއްޖެކަން ގަބޫލު ވެސް ކުރެއެވެ. އިތުރު މީހަކަށް ހިތުގައި ޖާގައެއް މިހާރު ނެތެވެ. ވީއިރު އަޒްހަދުގެ މައްޗަށް އެ ހިތުގައި ހިނގަނީ ކޮންކަހަލަ އިހްސާސެއް ހެއްޔެވެ.

"ހޫރް އެއްޗެކޭ ނުބުނަންޏާ އަހަރެން ބުނަންތަ." ޒެހެންގެ އަޑު އިވުމުން ފާޑަކަށް ހޫރައިން ސިހިއްޖެއެވެ. ވަގުތުން ޒެހެންއަށް ބަލާލިއެވެ. ހަތަރުކަޅި ހަމަކޮށްލިއެވެ. ހިތްހަމަނުޖެހޭނޭ ފަދަ ކަމަކަށް ފުރުސަތު ދޭން ހޫރައިން ނޭދެއެވެ. ވާހަކަ ފަށަންވީ ކިހިނެއް ކޮންހިސާބަކުންކަން ހޫރައިންއަށް ނޭނގެއެވެ. އެހެނެއްކަމަކު ޒެހެންއަށް ދޮގު ހަދައި އޮޅުވާލުމުގެ ގަސްދެއް ހޫރައިންގެ ނެތެވެ. ދެމެދުގައި ވާހަކަދައްކައިގެން ނޫނީ ކަމެއް އޮޅުމެއް ނުފިލާނެއެވެ. ޒެހެންއަށް ބަލަން އިނދެ ހޫރައިން އަވަސްއަވަހަށް ބޯޖަހާލިއެވެ. ޒެހެންގެ ކޮންމެ ވާހަކައެއް ހޫރައިން އަޑު އަހާނަމޭ ބުނާ ކަހަލައެވެ.

"ފިހާރައިން ފެނުނީ ކާކު؟. ކީއްވެ ހޫރް ބިރުގަތީ؟." ޒެހެން އެހިއެވެ.

ހޫރައިންއަށް އިސްޖަހާލެވުނެވެ. ފިނިނޭވާއެއް ދޫކޮށްލެވުނީ ލަސްކޮށެވެ. މާޒީއާ ބެހޭގޮތުން ވާހަކަދައްކަން ހޫރައިންއަށް ފަސޭހައެއްނޫނެވެ. އެކަން ޒެހެން ދަނެއެވެ. ހޫރައިންއާ އޭނާ ސުވާލެއް ނުކުރެއެވެ. ކިޔާދިނުން މަޖުބޫރު ނުކުރަނީ މާޒީގެ އެ ތަސްވީރުތައް ދުށުމަށް ޒެހެން ބޭނުންނުވާތީ ނޫންކަން ހޫރައިންއަށް އެނގެއެވެ. އަދިވެސް ފުންކޮށް ހޫރައިން ވިސްނާލިއެވެ. އަޒްހަދާމެދުއެވެ. ޒެހެން ބުނި ފަދައިން އޭނާއަށް އުޅެވުނީ ބިރުގެންފައި ހުރި ފަދައިންބާއެވެ. އެކަމަކު އަޒްހަދުދެކެ ބިރުގަންނަންޖެހޭ ސަބަބެއް ނެތެވެ. އަޒްހަދަކީ ހަމައެކަނި ކުރީގެ ލޯބިވެރިޔާއެވެ. ހަޔާތުގެ އަލަތު ލޯތްބެވެ. އެކަމަކު ޒެހެންއާމެދު ހިތުގައިވާ އިހްސާސްތަކާ އަޅާކިޔާނަމަ އޭރު ވެވުނު ލޯތްބަށްވުރެ ޒެހެންގެ މައްޗަށްވާ ޖަޒުބާތުތައް ފުންވެފައި ވަރުގަދައެވެ. ވީއިރު އަޒްހަދުދެކެ ވެވުނީ ހަގީގީ ލޯބިކަމާމެދު ވެސް ހޫރައިން ސުވާލު އުފެދުނެވެ. އެއީ ހުވަފެނެއް ފަދަ ލޯތްބެކެވެ. ކުލުންވެރިކަމެއްނުވާ ކުޅޭކުޅޭ ލޯތްބެއް ފަދައެވެ. ހުވަފެނުން ހޭލެވުމުން އޭގެ އަސަރު ފިލާގޮސް ދުރު ހަނދާނަކަށް ވެއްޖެކަން ގައިމެވެ. މިރޭ އަޒްހަދާ ބައްދަލުނުވިނަމަ އެ ހަނދާންތައް އަލުން އާވާކަށް ފުރުސަތެއް ނުލިބުނީހެވެ.

"ބިރެއް ނުގަނޭ." އަމިއްލަ ނަފްސަށް ޔަގީންވެ ހޫރައިން ބުނެލިއެވެ.

"އޭނާއަށް ކިހިނެއް ހޫރުގެ ނަން އެނގުނީ." ޒެހެން އެނގެން ބޭނުންވެއެވެ.

"އަޒްހަދު އެއީ. އަހަންނާ އިންނަން އުޅުނު." ހޫރައިން ބުންޏެވެ.

ތަފްސީލަކަށް ހޫރައިން ނުދިޔަޔަސް ޒެހެން ނަގައިގަތެވެ. ހޫރައިން ކުރީން މީހަކާ އިންނަން އުޅުނުކަން އެނގިފަ އޮތީމައެވެ. ހޫރައިންގެ އިއްފަތްތެރިކަން ގެއްލި ބަލިވެ އިނުމުން ކައިވެނީގެ އަހުދު އެމީހުން އުވާލީއެވެ. ޒެހެންގެ ސިކުނޑީގައި އަޒްހަދުގެ ސޫރަ ކުރެހުނެވެ. އޭނާއަށްވުރެ ކުރީން ހޫރައިންގެ ދިރިއުޅުމެއް އައި ޒުވާނަކީ އެއީކަން އެނގުމުން ހިތަށް އުނދަގޫތަކެއް ވިއެވެ. ހޫރައިންގެ އަތުގައި ޒެހެން ހިފާލިއެވެ. ކުޑަކޮށް އަރިއަކަށް އޭނާ އެނބުރިލިއެވެ. ހޫރައިންގެ މޫނު ރީތިކޮށް ފެންނާނޭ ހެންނެވެ.

"އޭނާދެކެ..." ޒެހެން އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލިއެވެ. އެއީ ކުރީން ހޫރައިންއަށް ނުފެންނަ ސިފައެކެވެ. ޒެހެން އެއްޗެއް ބުނާން ފަސްޖެހުމެވެ. ފިރިމީހާއަށް ޔަގީންކަމާއި ސާބިތުކަން ދޭން ހޫރައިންގެ ޟަމީރު ގޮވާލިއެވެ. އެހެންވެ ހޫރައިންގެ އަތުގައި ހިފާލައިގެން އިން ޒެހެންގެ ކަނާއަތްތިލަ މަތީ ހޫރައިންގެ ވައަތްތިލަ ގެނެސް ބާއްވާލިއެވެ.

"ކުއްލިއަކަށް ފެނުނީމަ އަހަރެން ހާސްވީ. ބިރެއްނުގަނޭ... އޭނާއަކީ ހަރުކަށި މީހެއްނޫން. ބިރުގަންނަންޖެހޭވަރުކަމެއް ދެމެދުގައި ހިނގާފައެއް ވެސް ނެތް. ހިޔެއްނުކުރަން އޭނާއަށް އަހަރެން ފެނުމުން އެނގޭނެކަމަކަށް. މޫނުބުރުގާ އެޅިއިރު އޭނާއާ އެއްވެސް ގުޅުމެއްނެތް. އޭނާ ފިހާރައިގަ ހުރިކަން އެނގުނީ ވެސް ބަލާވަރުން. މިހާރު އަހަރެމެން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ. އޭނާ މީހަކާ އިނދެގެން އުޅެނީ. އަހަންނަކީ ވެސް މީހެއްގެ އަނތްބެއް. ޒެންގެ އަނބިމީހާ... އަހަރެމެން ދެމެދުގައި އެކުވެރިކަމަށް ފުރުސަތެއްނެތް. އޭނާއާ ވާހަކަދައްކާކަށް ބޭނުމެއްނޫން. ޒެން އެއްޗެއް ހީނުކުރައްޗޭ." ހޫރައިން ބުންޏެވެ.

ނުތަނަވަސްކަން ވެރިވެފައިވާ ހޫރައިންގެ މޫނަށް އޭނާ ވާހަކަދެއްކިއިރު ޒެހެން އިނީ ބަލާށެވެ. އަޒްހަދާއި އެއްވެސް ކަހަލަ ގުޅުމެއް ހޫރައިން ބޭއްވުމަށް ޒެހެން ނޭދެއެވެ. އޭނާ އެހެން ނުބުނެއެވެ. ހިތުގައި އެކަން ހިންދާލީއެވެ. ހޫރައިންއާ ޖެހުމުން އޭނާ އަމިއްލަ އެދުން ބޮޑުވެއެވެ. ދުލުން ހާމަނުކުރިޔަސް އޭނާގެ ހިތުގެ އިހްސާސްތައް ހޫރައިން ދެނެގަނެއްޖެއެވެ. ލުއި ހިނިތުންވުމެއް ޒެހެންގެ ތުންފަތަށް ވެރިވިއެވެ.

"ހޫމް... ތީ މި ޒެންގެ އަނބިމީހާ. މިހާރު ތީ އަހަރެންގެ މީހެއް." ހޫރައިންއަށް ބަލަން އިނދެ ޒެހެން އިއްވާލިއެވެ. އެހާމެ އަވަހަށް ހޫރައިން ބޯޖަހާލީ ހިނިތުންވެ އިނދެއެވެ. ޒެހެން އެބުނި އެއްޗަކާ އޭނާ އެއްބަހެވެ.

ރޯދަމަހާ ދިމާކޮށް އަޒްހަދު ވަނީ ޗުއްޓީ ނަގާފައެވެ. ޗުއްޓީގައި ހުރީތީ މެންދުރު ބާރަ ނުޖަހަނީސް އޭނާ އެނދުން ހިއްލާނުލާނެއެވެ. ކައިވެންޏަށް މިވީ ހަތަރު އަހަރު ތެރޭ ޝާޒްލީއަށް އޭނާގެ ފިރިމީހާގެ ގޮތް ވަނީ ދަސްވެފައެވެ. ތިން އަހަރުގެ އަންހެން ދަރިފުޅަށް ކާންދޭން ގޮނޑިއަށް ލައިގެން ބަދިގޭގައި ޝާޒްލީ އުޅެއެވެ. އޭގެ ދެމަފިރިން ދިރިއުޅެނީ އަޒްހަދުގެ އާއިލާ ކައިރީގައެވެ. އަޒްހަދުގެ ދޮށްޓަށް ތިން އަންހެން ކުދީން ތިބޭއިރު އެމީހުން ވެސް އުޅެނީ މީހުންނާ އިނދެގެންނެވެ. އެތަނުން އެކަކު އުޅެނީ ފިރިމީހާއާއެކު ދުރުގައެވެ.

"ނަމާދަށް ދާން އުޅޭ." ކޮޓަރިން ނުކުމެގެން އައި އަޒްހަދު ފެނުމާއެކު ކާމޭޒުދޮށުގައި އިން އާތިފާ ބުންޏެވެ.

"އިރުކޮޅަކުން ދާނަން." އަޒްހަދު ބުނެލިއެވެ. އޭނާ އައިސް ގޮނޑިއަށްލާފައި އިން ދަރިފުޅުގެ ކޮލުގައި ކޮއްޓާލިއެވެ. ލޯބިން ގޮވާލިއެވެ.

"ރޭގަ ކޮންއިރަކު ނިދީ." ޝާޒްލީ ނިދަން ވަންއިރު ވެސް އަޒްހަދު ކޮޓަރިއަށް ނާންނަކަން އެނގި އަހާލިއެވެ.

"ހެނދުނު." އަޒްހަދު އައިސް ސޯފާގައި އިށީނެވެ. ހުޅުވާފައި ހުރި ޓީވީގެ ޗެނެލް ބަދަލުކުރާން ފެށިއެވެ.

"ދެން އެ ހުރިހާއިރު ކީއްކުރީ؟ ފަތިސް ނަމާދަށް ދިޔައިންތަ؟." ޝާޒްލީ ގަޔާނުވެފައި ހުރި ކަހަލައެވެ. މޭޒުދޮށުގައި ތަރުކާރީ ސާފުކުރަން އިން އާތިފާއަށް އެކަން ފާހަގަވެ އޭގެ ދެމަފިރިންނަށް ވަކިންވަކިން ބަލާލިއެވެ. ކޮންމެވެސް ކަހަލަ އަރައިރުމެއްކަން ހިނގަނީ އެނގުނެވެ.

"ޓީވީ ބަލަން އޮތީ." އަޒްހަދު ބުންޏެވެ.

"ރޭގަ ހެދުންކޮޅެއް ލިބުނުތަ؟" އާތިފާ ގަސްދުގައި ޝާޒްލީއާއި އަޒްހަދުގެ ވާހަކައިގެ ތެރެއަށް ވަނެވެ.

"އަޝްގެ ސައިޒު ނުލިބިގެން ވަރަށް ދުއްވިފަހުން ލިބުނީ. ހުރޭ ކާންދީ ނިންމާލާފަ މަންމައަށް ދައްކާލަން ގެންނާނަން. ޕާޕަލްކުލަ ގަތީ. އަދި ރޭގަ މި އަޒްހަދުގެ ބިޓެއް ވެސް ފެނިއްޖެ. މަންމައަށް އެނގޭތަ." ޝާޒްލީގެ އަޑަށް ސޯފާގައި އިނދެފައި އަޒްހަދު އެނބުރި ބަލާލިއެވެ. ދެބުމަ ކައިރިކޮށްލައިގެން ބަލަން އިން ގޮތުން ޝާޒްލީ ދައްކަން އުޅޭ ވާހަކައާ އަޒްހަދު އެއިނީ ގަޔާނުވެފަކަން އެ މޫނުން ފާޅުވެއެވެ. ނަމަވެސް އެކަމަށް ޝާޒްލީ ސަމާލުކަމެއް ނުދިނެވެ. އޭނާ ހުރީ ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ބޭނުންވެފައެވެ.

"ކީކޭ ކިޔަން ތިއުޅެނީ." އަޒްހަދަށް ބުނެވުނެވެ. ހިސާބެއްގެ ހަރުކަށިކަމާއެކުއެވެ.

"އެކްސެއްވީމަ ދޯ ކިޔާނުދިނީ. އެހެންނޫނީ މޫނުބުރުގާއަކަށް އެވަރަށް މީހަކު ބަލާނެތަ." ޝާޒްލީ ބުންޏެވެ.

ރޭގައި ގެއަށް އައި މަގުމަތީން ފެށިގެން އަޒްހަދާ ޝާޒްލީ ކުރި ސުވާލަކީ ފިހާރައިން ފެނުނު މޫނުބުރުގާ އެޅި އަންހެނަކީ ކާކުތޯއެވެ. އޭނާއަށް އެވަރަށް ބެލީ ކީއްވެތޯއެވެ. ފިރިމީހާގެ ސަމާލުކަން މިނޫނީ އެހެން އަންހެނަކަށް ހުއްޓިފައިވަނިކޮށް ޝާޒްލީ ނުދެކެއެވެ. އަދި ކުރާ ސުވާލަށް ޖަވާބު ނުދޭކަށް ވެސް ނޫޅޭނެއެވެ. ބެލިއިރު ވެސް އަޒްހަދު އެ ބެލީ މީހުން ނުބަލާނެހެން ހީވާ ފަދަ އަންހެނަކަށެވެ.

"ހޫރް އޭ ގޮވީ... އަހަންނަށް އަޑުއިވުނޭ." ޝާޒްލީ ބުނެލިއެވެ.

އިވުނީ ރަނގަޅަށް ކަމެއް އާތިފާއަކަށް ޔަގީނެއް ނުވިއެވެ. އެހެންނަމަވެސް އޭނާ ސިހިއްޖެއެވެ. އަތުގައި އޮތް ވަޅި ދޫވެ މޭޒުމައްޗަށް ވެއްޓުނެވެ. އަވަހަށް ވަޅި ނަގަމުން ވަގުތުން ސޯފާގައި އިން އަޒްހަދަށް އާތިފާ ބަލާލިއެވެ. އޭރު އަޒްހަދުގެ ނަޒަރު ވެސް އާތިފާއަށް ހުއްޓިއްޖެއެވެ.

"ކުލާސްމޭޓެއް ކަމަށް ހީކުރީ. އެހެން ހީވެގެން ގޮވާލީ ވެސް. އެއީ އޭނާއެއް ނޫން. އެހެންވެ އަޅާނުލީ. އަދި ނުކިޔާދެވިފައެއް ނެތެއްނު." އަޒްހަދުގެ އަޑުގައި ނުރުހުމުގެ އަސަރު ވިއެވެ. މަންމަގެ ކުރިމަތީ ޝާޒްލީ އެގޮތަށް ވާހަކަދެއްކީމައެވެ. ސޯފާއިން އަޒްހަދު ތެދުވިއެވެ. ސައިކަލު ތަޅުދަނޑި ހިފައިގެން އޭނާ ގެއިން ނުކުތީއެވެ.

"އެދިޔައީ ހިތްހަމަނުޖެހިގެން. ރޯދައަށް ހުރެ ޒުވާބުކުރާކަށް ނުވާނެ." އާތިފާ އިނދެފައި ބުންޏެވެ.

"އަޒްހަދު ނުބުނަން އުޅޭތީއޭ. ކުލާސްމޭޓެކޭ އޭރު ވެސް ބުނިނަމަ އިތުރަށް ސުވާލެއް ނުކުރާނަން." ޝާޒްލީ ބުނެލިއެވެ. އާތިފާ އިތުރަށް އެއްޗެކޭ ނުބުންޏެވެ.

މިސްކިތުން ފައިބައިގެން އައި އަޒްހަދު ސައިކަލަށް އަރާ ދުއްވާލިއެވެ. އަނބިމީހާއާ ދެމެދު ދެކެވުނު ވާހަކަތައް އޭރު ވެސް އެ ސިކުނޑީގައި ތާޒާކަމާއެކު ހުއްޓެވެ.

"އެއީ ހޫރް. އެއީ ހަމަ އެ ދެ ލޯ... ހޫރްގެ އަޑު އިވުނީ. އަހަންނަށް ހަމަ ޔަގީން... އެއީ ހަމަ ހޫރް. އެހާ އަވަހަށް ނުކުމެގެން އެދިޔައީ އަހަރެންކަން އެނގިގެން. ހޫރަށް އަހަރެން ފެނުމުން އެނގިއްޖެ. ކިހާ ދުވަހެއްމިވީ. ކިތައް އަހަރު... މަގެއްގެ މަތީން ވެސް ހޫރު ނުފެނޭ. ކިހިނެއް ފެންނާނީ. މޫނުބުރުގާ އަޅާފަކަމެއް ހުންނާނީ ހިތަށް ވެސް ނާރާ. ރޭގަ ހޫރްއާއެކު ހުރީ ކޮންފިރިހެނެއްބާ؟. ހޫރް މީހަކާ އިނީތަ؟. އެ ފެމެލީގަ ފިރިހެނަކު ނުހުންނާނެ. ދެމީހުން ދިޔަގޮތުން ހީވަނީ ފިރިމީހާހެން. ކީއްވެ އަހަރެން ގޮވާލީމަ މަޑުނުކުރީ. ބަލާ ވެސް ނުލާ އަވަހަށް ދިޔައީ. އަހަންނާ ވާހަކަދައްކަން ބޭނުންނުވަނީތަ. އަހަރެން ކަންތައް ކުރި ގޮތުން އަދިވެސް ރުޅިއައިސްފަތަ. މަޢާފެއްނުކުރާނަންތަ..."

ޚިޔާލުގައި އިނދެ އަޒްހަދު އައިސް މަޑުކޮށްލީ ހޫރައިން އުޅޭ ގޭދޮށަށެވެ. މަގުގެ އަނެއްފަރާތުގައި މަޑުކޮށްލައިގެން ހޫރައިން ދިރިއުޅޭ ގެއަށް ބަލަން އޭނާ އިނެވެ. ހޫރައިންނާ ބައްދަލުކޮށްލަން ބޭނުންވަނީ ކީއްވެކަމެއް ޚުދު އަޒްހަދަކަށް ވެސް ނޭނގެއެވެ. އޭނާއަށް މިކުރެވެނީ ކޮށްގެން ނުވާނޭ ފަދަ ޚިޔާލެއްކަން ވެސް ނޭނގެއެވެ. ހަޔާތުން ހާއްސަވެފައިވީ އަލަތު ލޯބީގެ ފަލްސަފާ އަލުން ހަނދާންކުރާން އަޒްހަދު ފެށިއެވެ. މާޒީގެ އެ އަލްބަމްގައި ރައްކާކޮށްފައި ހުރި މަންޒަރުތައް ކުލަވެ ލޯމައްޗަށް ތިލަވާންފެށިއެވެ. ތުންފަތަށް ވެރިވީ ތަފާތު ހިނިތުންވުމެކެވެ.

"ޝާޒު އެ ދެއްކީ ކޮންވާހަކައެއް." ގެއަށް އައިސް ވަން އަޒްހަދު ފެނުމާއެކު ބަދިގޭގައި އުޅުނު އާތިފާ ވަގުތުން ސުވާލުކޮށްފިއެވެ. އަޒްހަދު އައިސް މަންމަގެ ކައިރީ ހުއްޓިލިއެވެ.

"މަންމައަށް އެނގޭތަ ހޫރް މޫނުބުރުގާ އެޅިކަން." އަޒްހަދު ވާހަކަދެއްކީ ނިކަން މަޑުންނެވެ.

"އޭނާގެ ވާހަކަދައްކަނީ ކީއްކުރަން. ތީ މީހެއްގެ ފިރިއެއް. ކުޑަކުޑަ ދަރިއަކު އެބައޮތް. އެކަން ހަނދާންނައްތާނުލާތި." އާތިފާގެ އަޑު މަޑެއްކަމަކު ހަރުކަށްޓެވެ. މަންމަ އެ ހަނދާންކޮށްދިނީ ހޫރައިންއާ ކައިރިނުވާންކަން އަޒްހަދަށް އެނގެއެވެ.

"މަންމަ ބުނެގެން އަހަރެން ނިންމީ ހަމަ އެންމެ ރަނގަޅު ނިންމުންތަ؟." އަޒްހަދުގެ ހިތުގައި އޮތެވެ. އެ ސުވާލު އޭނާ އަމިއްލަ ހިތާ ކުރުން ހުއްޓާލީ ޝާޒްލީއާ ދިމާވެ ކައިވެނި ހަމަޖެހުނީމައެވެ. އެކަމަކު މިއަދު ކުއްލިއަކަށް އަނެއްކާ ވެސް އެ ސުވާލު ކުރެވިއްޖެއެވެ. ހޫރައިންގެ ހާލު އޮޅުންފިލުވާލާ ހިތްވަނީ ނުހަނު ބޮޑަށެވެ.

"ކީއްވެފަ ތިހުންނަނީ. ޝާޒުއާ ދެމީހުން މައްސަލަޖެހޭ ކަހަލަ ކަންތައް ކުރަނީ ކީއްވެތަ." ދަރިފުޅަށް ބަލާލާފައި އާތިފާ ބުންޏެވެ. ހޫރައިންގެ ޚިޔާލު އަޒްހަދު ކުރާކަށް އެއްގޮތަކަށް ވެސް އާތިފާ ނޭދެއެވެ. ކުރިއެކޭ އެއްފަދައިން އަދިވެސް އޭނާ އެ ހުރީ އޭނާ އޭރު ނިންމި ފައިސަލާގެ މަތީގައެވެ. ހޫރައިންއާއި އަޒްހަދު ގުޅުމަކަށް އޭނާގެ ރުހުމެއްނެތެވެ.

"ހޫރައިންގެ ކުށެއްނެތް. އޭނާގެ ނަސީބު ދެރައީ... ހޫރުގެ ދަރިފުޅު މިހާރު ވަރަށް ބޮޑުވެދާނެ." އަޒްހަދަށް ވާހަކަދެއްކުނީ ބޭއިޚްތިޔާރުގައެވެ. ސިކުނޑީގައި ހޫރައިންގެ ހިޔާލުތައް ނޫނީ ނުވާ ކަހަލައެވެ. އެހިނދު އޭނާގެ ނަމުން އާތިފާ ގޮވާލީ ބާރަށެވެ. ހުއްޓާލާށޭކަން އެބުނަނީ އަޒްހަދަށް އެނގެއެވެ.

"އެއިން އެއްވެސް ކަމަކީ އަޒްހަދާ ބެހޭކަމެއްނޫން. އެކަމުގެ ތެރެއަށް ގޮސް ވަންނަން ހިޔާލު ވެސް ނުކުރާތި. ދޭ ކޮޓަރިއަށް. ޝާޒު އެބައުޅޭ އެމަންޖެ ނުނިދައިގެން. ގޮސް އަނބިމީހާއަށް އެހީވޭ." ހަރުކަށިކަމާއެކު އާތިފާ އިއްވާލިއެވެ.

މަންމައަށް އަޒްހަދު ބަލާލިއެވެ. ދެން މަޑުމަޑުން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. މަންމަ ބުނިފަދައިން އަނބިމީހާއަށް އެހީވާށެވެ. ދަރިފުޅު ނިންދެވުމުގައެވެ. މަންމަގެ ބަސްތަކުން ހިތަށް އުނދަގޫވެފައި ވިއެއް ކަމަކު ކުރިއެކޭ އެއްފަދައިން ހިތުގެ އަޑީގައި އެކަން އޮއްބާލީއެވެ.

ޢީދު ނަމާދުން އައިގޮތަށް ޢާއިލާއެކުގައި ހެނދުނުގެ ނާސްތާ ކުރިއެވެ. މުނައްވަރު ގުޅައިގެން ޒެހެން އެގެއަށް ދިޔައީ މިއުނާއާއެކުއެވެ. ކޮޓަރީގައި ހޫރައިން ފޯނު ހިފައިގެން އިނީ އެއްޗެއް ބަލާށެވެ. އޭރު ލުއި ހިނިތުންވުމެއް ތުންފަތުގައި ވިއެވެ. އެހެން އިންދާ ކޮޓަރިއަށް ޔޫކް ވަނުމާއެކު ދަރިފުޅަށް ގޮވާ ގެނައެވެ.

"ދަރިފުޅު ކޮއްކޮއެއް ބޭނުންތަ؟" ހޫރައިން އަހާލިއެވެ. (ނުނިމޭ)