ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ މައްސަލަތައް ބަލައިނުގަންނަންވީ ސަބަބެއް ނެތް: ވަކީލުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ބަލައިނުގަންނަވީ ސަބަބެއް ނެތް ކަމަށާއި އެ މައްސަލަތައް ވީހާވެސް އަވަހަކަށް ބަލައިގަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.

ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް މާފުއްޓަށް ފުރުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާނޫނީ ޓީމުގައި ހިމެނޭ ހިސާން ހުސެއިން ވިދާޅުވީ، ތިން ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް އަވަހަށް ބަލައިގަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ބަލައިނުގަންނަވީ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ފަރާތުން މި ހަފުތާގެ ތެރޭގައި ވަނީ ތިން ކޯޓަކަށް މައްސަލަ ހުށަހަޅާފައެވެ. އަދި އެއްވެސް ކޯޓަކުން މައްސަލަ ބަލައިގެންފައެއް ނުވެއެވެ.

ހިސާން ވިދާޅުވީ، މައްސަލަތަކާ ގުޅިގެން ވަގުތީ އަމުރަކަށް އަދި އެދިފައިނުވާނެ ކަމަށެވެ. "ނަމަވެސް މަޝްވަރާ ކުރުމަށްފަހު ވަގުތީ އަމުރަކަށް އެދެން ޖެހޭނަމަ އެދޭނެ،"

ރައީސް ނަޝީދުގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުކުރުމަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލަ ސްޕްރީމް ކޯޓަށް ވެއްދީ "ޝަރުއީ ހައްލެއް" ހޯދުމަށެވެ.

ސިވިލް ކޯޓަށް އިއްޔެ ރައީސް ނަޝީދުގެ މައްސަލައެއް ވައްދާފައިވާއިރު އެއީ އދގެ ވޯކިން ގުރޫޕުން ނިންމި ގޮތަށް ރައީސް ނަޝީދު ދޫކޮށްލުމަށް އެދި ހުށަހެޅި މައްސަލައެކެވެ.

މި ކަމާގުޅޭ ގޮތުން "އަވަސް"އަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލާ ހިސާން ހުސެއިން ވިދާޅުވީ، ސިވިލް ކޯޓަށް ހުށަހެޅީ، އދ އިން ނިންމި ނިންމުން ތަންފީޒުކޮށް ރައީސް ނަޝީދު ދޫކޮށްލުމަށް އެދި ކަމަށެވެ.

"ކުރިން ވެސް މި މައްސަލަ އަޅުގަނޑުމެން ސިވިލް ކޯޓަށް ހުށަހެޅިން، އޭރު ސިވިލް ކޯޓުން ވިދާޅުވީ ރައީސް ނަޝީދު ޖަލުގައި ހުންނެވުމުން ބަންދު މީހުން ޝަކުވާ ހުށަހަޅާ ފޯމް ހުށަހަޅާ ހައްލެއް ނުލިބިއްޖެ ކަމުގަިއ ވާނަމަ، ހުށަހެޅޭނީ. އެހެންވީމާ ޖަލަށް ހުށަހެޅުމަށްފަހު ޖަލުން ޖަވާބު ދެއްވާމީވަ އެ ޖަވާބާއެކު އަލުން މި ހުށަހެޅީ،" ހިސާން ވިދާޅުވި އެވެ.

ހައިކޯޓަށް ވެސް އިއްޔެ ވަނީ ރައީސް ނަޝީދުގެ މައްސަލައެއް ވައްދާފައެވެ. އެއީ ނަޝީދު ގާނޫނާ ހިލާފަށް ބަންދުކޮށްފައި ހުރި ކަމަށް ބުނާ މައްސަލަ އެކެވެ. މި މައްސަލައަކީ މީގެ ކުރިން ކްރިމިނަލް ކޯޓަށް ވެސް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ އެ ކޯޓުން ބޭރުކޮށްލީ ރައީސް ނަޝީދަކީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ބޭފުޅަކަށް ވާތީ، ގައިދީއަކު ޖަލަށް ގެންދިއުމަކީ މައްސަލައެއް ކަމަށް ނުވާތީ އެވެ.

މި މައްސަލާގައި ބުނެފައިވަނީ ގޭ ބަންދަށް ބަދަލުކުރި ކަމަށް ބުނެ ކަރެކްޝަނުން ލިޔުން ދިނުމަށްފަހު ރައީސް ނަޝީދު މިހާރު ޖަލުގައި ހައްޔަރުކޮށްފައިވަނީ ޣައިރު ގާނޫނީ ގޮތަކަށް ކަމަށް ވާތީ އެމަނިކުފާނު ދޫކޮށްލުމަށެވެ. މި މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނެވެ. ނަމަވެސް އެގޮތަށް ކޯޓުން މައްސަލަ ބަލައިނުގަަތުމުން މިއަދު ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ސީދާ ރައީސް ނަޝީދުގެ ފަރާތުންނެވެ.