ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ފަޅުރަށްރަށް ވަރުވާއަށް 10 އަހަރަށް ކުއްޔަށް ދެވޭގޮތަށް ހަދައިފި

ފަޅުރަށްރަށް ވަރުވާއަށް 10 އަހަރަށް ކުއްޔަށް ދެވޭގޮތަށް ހަދައި ރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ރާއްޖޭގެ ފަޅުރަށްރަށާބެހޭ ގަވާއިދަށް ފިޝަރީޒް މިނިސްޓްރީން ގެނައި އިސްލާހުތައް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް މިއަދުން ފެށިގެން އެ ގަވައިދަށް ވަނީ އަމަލުކުރަން ފަށައިފަ އެވެ.

އަލަށް އެކުލަވާލި ގަވައިދުގައި ބުނީ ފަޅުރަށެއް ވަރުވާއަށް ދެން އެންމެ ދިގުމުއްދަތަަށް ދޫކުރެވޭނީ 10 އަހަރަށް ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން 2020 ވަނަ އަހަރު ފަޅުރަށްރަށާބެހޭ ގަވާއިދަށް އިސްލާހު ގެނައިރު ފަޅުރަށެއް ވަރުވާއަށް ދެން އެންމެ ދިގުމުއްދަތަަށް ދޫކުރެވޭ ގޮތަށް އޮތީ ފަސް އަހަރަށެވެ.

ގަވައިދަށް ގެނައި އިސްލާހު ތެރޭގައިވާ ގޮތުން ފަޅު ރަށްރަށް ވަރުވާއަށް ހިފާ ފަރާތުން، ރަށަށް ގެއްލުން ލިބުނަ ނުދީ، ރަށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސަންވާނެއެވެ. އަދި ރަށް ބަލަހައްޓާ މީހުން ރަށުގައި ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ރަށުގައި ހަދައި މިފަދަ ތަންތަން ހަދާއިރު ތަނުގެ ޑިޒައިން މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދަން ޖޭހޭނެ އެވެ.

މީގެ އިތުރުން ވަރުވާއަށް ހިފައިފައިވާ ރަށް ވަކިކުރަން ޖެހިއްޖެ ހާލަތެއްގައި، ރަށުގެ ފަސްގަނޑުގައި އިންދާ އެއްވެސް ރުއްގަހެއް ކެނޑުމުގެ ނުވަތަ ނެގުމުގެ އިޚްތިޔާރެއް، ރަށް ވަރުވާއަށް ހިފާ ފަރާތަށް ލިބިގެނެއް ނުވާކަމަށް ގަވައިދުގަިއ ބުނެފައި ވެއެވެ.