ގއ. ކޮނޑޭގައި ޓޫރިޒަމް ތަރައްގީކުރުމަށް ހަތަރު ހެކްޓަރުގެ ބިމެއް ކަނޑައަޅައި އެ ސަރަހައްދު ތަރައްގީކުރުމާ ގުޅޭ ފަންނީ ކަންކަމުގައި ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަން ހޯދުމަށް މިނިސްޓްރީއާ އެކު ކޮނޑޭ ކައުންސިލުން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު އޮތް ސޮއި ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އެވެ. ކޮނޑޭ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު އަބްދުލް ހަކީމް އެވެ.
އަހްމަދު އަބްދުލް ހަކީމް މިއަދު ވިދާޅުވީ ލާމަރުކަޒީ ގާނޫނުން ކައުންސިލް ތަކަށް ބާރު ތަކެއް ދީފައިވީ ނަމަވެސް ފަންނީ ބޭފުޅުން ކައުންސިލް ތަކުގައި ނެތުމުން ވަރަށް ގިނަ ދަތިތައް ކައުންސިލްތަކަށް އެބަހުރި ކަމަށެވެ. މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން ކޮނޑޭގައި ޓޫރިޒަމް ކުރިއަރުވާ ތަރައްގީކުރުމަށް މިނިސްޓްރީގެ ތެރެއިން ލިބޭ ފަންނީ އެހީތެރިކަމާ އެކު ކޮނޑޭ ކައުންސިލަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި ވިދާޅުވި އެވެ.
"ކޮނޑޭގެ ޓޫރިޒަމް ބިންތައް ބީލަމަށް ހުޅުވާލުމަށް ލިޔުންތައް ތައްޔާރުކުރުމާއި، ބީލަން ހުޅުވާލުމާއި، ބަލައިގަތުމާއި އަދި އިވެލުއޭޓް ކުރާނީ ކައުންސިލްގެ ހިޔާލާ އެއްގޮތަށް މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީން. އެކަމަކު ބީލަންތައް ކާމިޔާބު ކުރާ ފަރާތްތައް ސޮއި ކުރާނީ ކައުންސިލާ އެކު،" އަހްމަދު ވިދާޅުވި އެވެ.
އާބާދީގައި 500 އެއްހާ މީހުން ދިރިއުޅޭ 118 ހެކްޓަރުގެ ކޮނޑޭގައި ޓޫރިޒަމް ތަރައްގީކުރަން ނިންމާފައިވަނީ އެރަށުގެ ދެކުނު ފަޅީގެ ގޮނޑުދޮށް ހިމެނޭ ގޮތަށް އެ ސަރަހައްދުގަ އެވެ. ސިޓީ ހޮޓާ އަދި ގެސްޓްހައުސް އެޅުމަށާއި ކެފޭ ރެސްޓޯރަންޓް ހެދުމަށާއި ވޯޓާ ސްޕޯޓްސްގެ ފެސިލިޓީތައް ގާއިމުކުރުމަށް ބިން ދޫކުރަން ނިންމާފައިވެ އެވެ.
އަހްމަދު އިތުރަށް ވިދާޅުވީ ކޮނޑޭގެ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށް ނިމުމާ އެކު ޓޫރިޒަމް ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ކޮނޑޭ ކައުންސިލުން ވަނީ އެ ރަށު ރައްޔިތުންނާއި ރަށުން ބޭރު މީހުންނަށް އެ ރަށުން ބިން ވިއްކުމަށްވެސް ނިންމާފަ އެވެ. ވިއްކަން ނިންމާފައިވަނީ 3،000 އާއި 6،000 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. ސީދާ ގޮނޑުދޮށަށް ކުރިމަތިވާ ގޮތަށް ހުންނަ ބިންތައް ވިއްކަން ނިންމާފައިވަނީ އަކަފޫޓެއް 150 ރުފިޔާ އަށެވެ. ގޮނޑުދޮށާ ކައިރި ސަރަހައްދުން ބިން ވިއްކަން ނިންމާފައިވަނީ އަކަފޫޓެއް 100 ރުފިޔާ އަށެވެ. އެއަށް ވުރެ އެއްގަމުން ބިން ވިއްކުމަށް ނިންމާފައިވަނީ އަކަފޫޓެއް 70 ރުފިޔާ އަށެވެ.